ބ. އަތޮޅު 6 ރަށެއްގައި ފަގީރުން ނެތިގެން ފިތުރު ޒަކާތް އެހެންރައްރަށަށް ފޮނުވާލަން ނިންމައިފި

188364_3_4eee2fbfb69e28640c9c5a6bc57667d7b1c499d9_medium.jpg

މިއަހަރު މާލޭގައި މީހަކު ފިތުރު ޒަކާތް ދައްކަނީ / ފޮޓޯ: މިހާރު އޮންލައިން

ބ. އަތޮޅުގެ 6 ރަށެއްގައި މިއަހަރު ފަގީރަކު ނެތުމާގުޅިގެން އެރަށްރަށުން ނެގި ފިތުރު ޒަކާތުގެ ފައިސާއާއި ގޮވާން ބ. އަތޮޅުގެ އެހެން 5 ރަށެއްގެ ފަގީރުންނަށް ދިނުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިކަމަށް ކައުންސިލްތަކުން ބުނެފިއެވެ.

ބ. އަތޮޅުގައި މިއަހަރު އެއްވެސް ފަގީރަކު ނެތް 6 ރަށަކީ ކެންދޫ، ކުޑަރިކިލު، ކިހާދޫ، ދޮންފަނު، ފެހެންދޫ، އަދި ފުޅަދޫ އެވެ. ފަގީރަކު ނެތިގެން ކެންދޫ އަދި ކުޑަރިކިލު ފިތުރު ފޮނުވަން ނިންމީ ކަމަދޫ ފަގީރުންނަށެވެ. ކިހާދޫ ފިތުރު ހިތާދޫއަށް އަދި ދޮންފަނު ފިތުރު މާޅޮހަށް ފޮނުވަން ނިންމިއިރު ފެހެންދޫ ފިތުރު ތުޅާދޫއަށް އަދި ފުޅަދޫ ފިތުރު ފޮނުވަން ނިންމީ ގޮއިދޫއަށެވެ. ފަގީރަކު ނެތިގެން ބ. އަތޮޅުގެ ރަށްތަކެއްގެ ފިތުރު ޒަކާތް އަތޮޅުގެ އެހެން ރަށްރަށުގެ ފަގީރުންނަށް ދޭން ނިންމި މިއީ ފުރަތަމަ ފަހަރެވެ.

އިސްލާމިކް މިނިސްޓްރީއާ ހަވާލާދީ ބ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުންބުނީ ޒަކާތް އެހެން ރަށްރަށުގައި ތިބި ފަގީރުންނަށް ފޮނުވުމަށް އިއްޔެ އަންގާފައިވާކަމަށެވެ. އަދި އެމަސައްކަތް މިއަދު ކުރިޔަށްގެންދާނެކަމަށްވެސް ކައުންސިލްތަކުން ބުންޏެވެ. ކައުންސިލްތަކުން ބުނީ މިއަހަރު ފަގީރުން އެހާބޮޑަށް މަދުވެ، ބައެއް ރަށްރަށުގައި މުޅިން ނެތުނީ އިސްލާމިކް މިނިސްޓްރީން އެކަށައަޅާފައިވާ ފަގީރެއްކަން ބަލާ މިންގަނޑަށް ބައެއް މީހުން ނުފެތޭތީކަމަށެވެ.

ބ. އަތޮޅުގައި ފަގީރުން ތިބި އަދަދަށްބަލާއިރު މިއަހަރު އެންމެ ގިނަ ފަގީރުން ތިބީ ތުޅާދޫގައެވެ. އެއީ 36 ފަގީރުންނެވެ. ފިތުރު ޒަކާތް އިއްޔެގެ ނިޔަލަށް ބަލައިގަނެ ނިމުނުއިރު ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ދެއްކީ އޭދަފުށިންނެވެ. އެއީ 58460 ރުފިޔާއެވެ. މުޅީއަތޮޅަށް ބަލާއިރު ދޮޅުލައްކަ ރުފިޔާއާ ގާތްކުރާ އަދަދަކަށް ފިތުރު ޒަކާތް ދައްކާފައިވެއެވެ. ފަގީރުންގެ ނިސްބަތުން ބ. އަތޮޅުގައި އެންމެ ގިނަ ފައިސާ ލިބެނީ ކަމަދޫ ފަގީރުންނަށެވެ. އެއީ 2 ފަގީރުންނަށް މީހަކަށް ގާތްގަނޑަކަށް 18000ރ އެވެ. ކަމަދޫގެ ފަގީރުންނަށް މިހާބޮޑު އަދަދެއް ލިބެނީ އެއަތޮޅު ކެންދޫއާ، ކުޑަރިކިލުން ފިތުރުގެ ގޮތުގައި ލިބުނު ޖުމްލަ 29000ރ ކަމަދޫއަށް ފޮނުވަން ހަމަޖެހުމުންނެވެ. ކަމަދޫއަށް ފިތުރުގެ ގޮތުގައި ލިބުނީ 7500ރ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top