ޝާހިރުއާއެކު ބައި ކޮފީ: ލޯބީގެ އެ އިންތިޒާރަށް ނިމުމެއް ނެތް – ރާއީ

52969833_1239625192869782_8188570065692524544_n.jpg

ރާއީ

ސަބަބަކީ މިއެވެ. ރާއިއަށް ނޭނގިގެން މިއުޅެނީ އޭނާ ވަކިވެގެން ދިޔަ ސަބަބެވެ. ނިކަން ލޯބިން އެކީ އުޅެފައި ވަކިވެގެން ދިޔަތާ މިހާރު ފަސް އަހަރަށްވުރެ ގިނަވީއެވެ. މިފަސް އަހަރު ރާއީގެ ހަނދާނުގެ ގަޑިން ބަލާނަމަ އަދި ފަސްމިނެޓް ވީހެންވެސް ހީނުވެއެވެ. އެ ހަނދާންތައް ތާޒާއެެވެ. އޭނާއާއެކު އުޅެވުނު ދުވަސްކޮޅުގެ އުފާވެރިކަން އެ ހަޔާތަށް އެހެން އެއްވެސް އަންހެން ކުއްޖަކަށް ޖާގަ ނުދެވޭ ވަރުވަނީ ކޮށްލާފައެވެ.

މި ޝާއިރީ ވާހަކަކޮޅަކީ އުމުރުން 20 އަހަރުގެ ރާއީގެ “އެ ކުއްޖާ” އަށް އީވީ މެދުވެރިކޮށް ފޮނުވާލި މެސެޖަކަށް ވެދާނެއެވެ.

ޕަބްލިކް ސާވިސް މީޑިޔާގެ ސްޕޯޓްސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ރާއީ މިސެގްމަންޓްގެ މިހަފްތާގެ މެހްމާނަށް ހޮވީ މިއީ އާދައިގެ ހަބަރަކަށް ނުވާތީއެވެ. ބ.އޭދަފުށީ އުތުރުގެއާގޭ ރާއިފް ޔޫސުފް އާއްމު ނަމުންނަމަ ސައިނޯސާ ރާއީއަކީ ކިހާ ފެންވަރެއްގެ މީހެންކަން މިނޫހުގެ ފަތްފުއްތަކުގައި ކުރިން ލިޔެވިފައި ވާނެއެވެ. އެއީ މީގެ ދެއަހަރު ކުރިން ކަމަށްވިޔަސް އެހާރާއި މިހާރުގެ ރާއީ އަކީ މުޅިން ތަފާތު ދެމީހެކެވެ. ދިރިއުޅުމާއި އުޅޭ މާހައުލާއި ވިސްނުމާ ފިކުރަށްވެސް ބޮޑެތި ބަދަލު ތަކެއް އަތުވެއްޖެއެވެ.

ޓީވީއެމްގެ ސްޕޯޓްސް ހަބަރުތައް ޓީވީގެ ސްކްރީންގައި ކޯޓްފަޓުލޫނު ލައިގެން ހުރެ ހުށައަޅަމުން އައުމަކީ މިކަމުގެ އެއް ހެއްކެވެ.

ރާއީގެ އާވާހަކަތަކަކާއެކު ކުރިއަށް ދަމާ ހިނގާށެވެ.

ޕީއެސްއެމްއަށް ރާއީ ޝައުގުވެރިވީ ކިހިނެއްވެގެން؟

އެންމެ ފުރަތަމަ އޭދަފުށީގައި ޓީވީ ބިއުރޯ އުފެއްދި ހިސާބުން ވަރަށް ބަލަން އެމީހުން ކުރަމުން އަންނަ މަސައްކަތްތައް. ހިތަށް އެރީ އޭރު މީ ވަރަށް ކުރާ ހިތްވާ ކަމެކޭ. ދެން ފަހުން ޓީވީގެ ހަބަރުތައް ވަރަށް ބަލަން. ކިޔާ ގޮތާއެއްޗެތި. އޮންލައިން ނޫސްތައްވެސް ވަރަށް ގިނައިން ކިޔަން. ދެން އެހެން އުޅެނިކޮށް 2017 ސެޕްޓެމްބަރުމަހު ޗާންސް ލިބުނީ.

ފުރަތަމަ ލައިވް ހަބަރަކަށް އެރި ދުވަހު ކިހިނެއް ދިޔައީ؟

ވަރަށް ފަރިތަކޮށްގެން އެރީ. ދެން ބިރުގަނެ އެކަހަލަ ކަންތައްތަކެއް ނުވޭ. ވަރަށް ރަނގަޅަށް ދިޔައީ. ދެން ފޭސްބުކުގައި ފްރެންޑުން ވަރަށް ކަންތައް ހުރި. ބައެއް މީހުން ބުނި ކަލޭ ބިރުންދޯއޭ ހުރީ.

ޓީވީއިން ފެންނާތީ އާންމުންގެ ފަރާތުން ކޮންކަހަލަ ކޮމެންޓެއް ލިބެނީ؟

ވަރަށް ރަނގަޅޭ ބުނަނީ. ވަރަށް އުފާވޭ އެހެންބުނާތީ

ކުއްޖަކާ ރައްޓެހިވެގެންތަ އުޅެނީ؟

ނޫން މިހާރު ހަމަ ހުސް. ސްކޫލްގަ އުޅެނިކޮށް ކުއްޖަކާ ރައްޓެހިވީ. ހުސްކޮށް ހުންނަތާ މިހާރު ފަސް އަހަރުވެއްޖެ. ސީރިއަސްކޮށް ރައްޓެހިނުވިޔަސް މާޒީ ހަނދާން ނައްތާލާފަ ދެ ކުއްޖަކާ ގުޅުމެއް ބޭއްވޭތޯ އުޅުނިން. އެކަމަކު ރިލޭޝަންޝިޕަކަށް ނުދަން. އެހިސާބަށް ނުދަނީސް ގިނަކުދިން ދޯކާދެނީ.

އެންމެ ރީތީ ކޮން ކަހަލަ ކުދިންނެއް ؟

ރަނގަޅު އަހްލާގެއް ހުންނަން ޖެހޭނެ. އެއީ ފުރަތަމަ ކަންތައް. ބުރުގާ އަޅަންޖެހޭނެ. މާދިގު ނުވިޔަސް ރީތި އިސްކޮޅެއް ހުންނަ ކުދިން ކަމުދަނީ. އެކަމަކު މާ އަނގަގަދަ ކުދިން ކަމަކުނުދޭ. މާދޮނެއްވެސް އަދި ކަޅެއްވެސް ނޫން. އެހާ ފަލަވެގެންވެސް ކަމަކުނުދޭ މަށަކަށް

މިހާރު ހުސްކޮށް ތިހުރީ ވަކި ކުއްޖެއްގެ އިންތިޒާރުގަތަ؟

އެހެންބުނެވިދާނެ. އެކަމަކު ރަނގަޅު ކުއްޖެއް ލިބިއްޖެނަމަ އެހަނދާންތަކުން ވަކިވެ އެކުއްޖަކާ އެކު އުޅެވިދާނެ.

ސައިނޯސާ ރާއީ އަކީ ކިހިނެއް ކިއުނު ނަމެއް ؟

އެއީ އަސްލު ރަހުމަތް ތެރި ،ލިއޯ (މަޒުހަރު) ކީ ނަމެއް. ފުރަތަމަ ލިއޯ ފޭސްބުކް އެކައުންޓެއް ހުޅުވީ މޮންސްޓާ ލިއޯ ޖަހައިގެން. ދެން ލިއޯ ކައިރީ ބުނެފިން ތިކަހަލަ ނަމެއް މަށަށްވެސް ދީ ބަލާށޭ. ދެން އޭރު ބަލެޓޮލީ ރާއީވެސް ޖެހިން. ފަހުން ލިއޯ ބުނީ ސައިނޯސާ ރާއީ ޖަހާށޭ. އޭތި ޖެހީ މީގެ ހައެއްކައަހަރު ކުރިން. ދެން އެނަން އެއިނީ ހަރުލާފަ.

ދިރިއުޅުމުގައި ކޮށްލަން އެންމެ ބޭނުމީ ކޮންކަމެއް؟

މީހުން ނުވާނެއޭ ބުނާ ކަންތައް ވަރަށް ކޮށްލާހިތްވޭ. ޖާނަލިޒަމަށް ވާހިތުން އުޅުނު އިރުވެސް މިހުން ބުނޭ ކަލެއަކަށް ތިޔަ ކަމެއް ނުވާނެއޭ. މާ އިސްކޮޅުން ކުރީއޭ. އެކަމަކު އެންމެ ފަހުން އެކަންވެސް ވެއްޖެ. ދެން ބޭނުންވަނި ޖާނަލިޒަމްގައި ދެވެން އޮތް އެންމެ ކުރިއަކަށް އަރައިގެން ދިއުން

ރާއްޖެއިން ބޭރަށް ދަތުރުކުރި ގައުމުތަކުގެ ތެރެއިން އެންމެ ރީތީ ކޮންގައުމެއް؟

ޕީއެސްއެމްގެ ފަރާތުން ގިނަ ފުރުސަތުތަކެއް ލިބޭ ރާއްޖެއިން ބޭރަށް ދާން. އެގޮތުން އެންމެ ސަޅިތަނަކަށް ދިޔައީ އިނގިރޭސިވިލާތް. އެތަނުންވެސް ލަންޑަނާ، މެންޗެސްޓާ އެންމެ ސަޅީ. އެދަތުރު މެންޗެސްޓަރ ޔުނައިޓެޑް މެޗެއްވެސް ބަލާލަން ފުރުސަތު ލިބުނު. ވަރަށް ތަފާތޭ ބުނެވޭނީ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top