އަންނަ ޑިސެމްބަރު މަހު 22 ގައި ފެށުމަށް ހަމަޖައްސާފައިވާ 35 ވަނަ ގައުމީ ގުރުއާން މުބާރާތް ކުރިއަށް ދާނީ ގުރުއާން ފެސްޓިވަލް އަކާވެސް އެކުގައި ކަމަށް އިސްލާމިކް މިނިސްޓްރިއިން ބުނެފި އެވެ.
1033 ބައިވެރިންނާއި އެކު ކުރިއަށް ގެންދާ މި މުބާރާތާއި ފެސްޓިވަލް ވެސް އޮންނާނީ ކިންގު ސަލްމާން މިސްކިތުގައެވެ.
މި މުބާރާތުގައި ސްކޫލްތަކާއި އަތޮޅު ކައުންސިލްތަކާއި ކްލަބް ޖަމިއްޔާ ޖަމާއަތްތަކުގެ އިތުރުން ކުންފުނިތަކާއި ގުރުއާން ކްލާސްތަކާއި މުވައްސަސާތައް އަދި އަމިއްލަގޮތުން ބައިވެރިވާ ބައިވެރިންނާއި ހާފިޒުން ބައިވެރިވެއެވެ.
އޭގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ގޮފީގައި 603 ބައިވެރިންނާއި ނުބަލާ ކިޔެވުމުގެ ގޮފީގައި 416 ބައިވެރިން، އަދި 14 ހާފިޒުން ހިމެނެ އެވެ.
މުބާރާތުގެ ކިޔެވުން އޮންނާނީ 23 ޑިސެމްބަރުން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށެވެ. ފުރަތަމަ 3 ދުވަހު އޮންނާނީ މާލެ ސަރަޙައްދުން މުބާރާތުގައި ބައިވެރިވާ ބައިވެރިންގެ ކިޔެވުމެވެ.
ގުރުއާން މުބާރާތް މިފަހަރު ކުރިއަށް ގެންދާނީ ކިންގް ސަލްމާން މިސްކިތުގެ ދެ އޮޑިޓޯރިއަމްގައި، އެކި ގޮފިތަކުގެ ކިޔެވުން އެކުއެކީގައެވެ.