ރާއްޖޭގެ އާބާދީގެ 14 ޕަސެންޓަކީ ހަކުރުބަލީގެ މީހުން

img_lg_202011140727391605320859.0205.jpg

ރާއްޖޭގެ އާބާދީގެ 14 ޕަސެންޓް މީހުންނަކީ ހަކުރުބަލީގެ މީހުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ގުޅިގެން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ އިރު، އޭގެ ތެރޭގައި އެންމެ ގިނަ އެއް ބައްޔަކީ ހަކުރުބަލި ކަމުގަ އެވެ.

ރާއްޖޭގެ އާބާދީގެ ގިނަ އަދަދެއްގެ ބަޔަކު ހަކުރު ބައްޔަށް ފަރުވާ ހޯދަމުން އަންނައިރު އޭގެ ތެރޭގައި ކުޑަކުދިންގެ އިތުރުން ޒުވާނުންނާއި އުމުރުން ދުވަސް މީހުން ހިމެނެއެވެ. ހަށިގަނޑުގައި ހަކުރު ހުންނަން ޖެހޭ މިންވަރު މާބަނޑު ދުވަސްވަރު އިތުރުވުމަކީވެސް ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ.

ހަކުރު ބައްޔަކީ އަލާމާތްތަކެއް ނުފެނިވެސް ޖެހިދާނެ ބައްޔެއް ކަމަށާއި ޓެސްޓުކޮށް ގަވާއިދުން ބެލުމަށް ސިއްހީ މާހިރުން ލަފާދެއެވެ.

ދާދިފަހުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން ހެދި “ސްޓެޕް ސާވޭ 2020-2021” ގެ ނަތީޖާތައް ދައްކާ ގޮތުގައި ހުސްބަނޑާ ހުރެ ހަކުރު ބަލި ޓެސްޓު ކުރި އިރު 14 ޕަސެންޓް މީހުންގެ ހަކުރު މައްޗަށް ގޮސްފައިވާކަން ހާމަވިއެވެ. ދިވެހިންގެ އާބާދީގެ 50 ޕަސެންޓް މީހުން ޑަބްލިއުއެޗްއޯ އިން އިރުޝާދުދޭ މިންގަނޑާ އެއްވަރަށް ކަސްރަތު ނުކުރާ އިރު، 50 ޕަސެންޓް ދިވެހިންނަކީ ބަރުދަން މާ މަތި މީހުން ކަމަށް އެ ސާވޭއިން ދައްކައެވެ. އަދި ދިވެހިންގެ ތެރެއިން ކޮންމެ ފަސް މީހަކުން އެކަކީ ފަލަ، ނުވަތަ އޮބޭސިޓީ ހުރި މީހެއް ކަމަށްވެސް އެ ސާވޭއިން ވަނީ ހާމަވެފައެވެ.

ހަކުރުބަލީގައި ހިމެނެނީ އާންމު ދެ ވައްތަރެކެވެ. އެއީ އެއީ ޓައިޕް 1 ޑައިބިޓީސް އާއި ޓައިޕް 2 ޑައިބިޓީސް އެވެ. ހަކުރުބަލީގެ ތެރޭގައި މާބަނޑު އިރު ބައެއް މީހުންނަށް ކުރިމަތިވާ ޖެސްޓޭޝަނަލް ޑައިބިޓީސް ވެސް ހިމެނެ އެވެ. ޓައިޕް 1 ޑައިބިޓީސް އަކީ ކުޑަކުދިންނާއި ޒުވާނުންނަށް އާންމުކޮށް ޖެހޭ ބައްޔެވެ. މި ބާވަތުގެ ހަކުރުބަލި ޖެހޭ މީހުން ކޮންމެ ދުވަހަކުވެސް އިންސިއުލިން އިންޖިކްޝަން ބޭނުންކުރަން ޖެހެ އެވެ. ޓައިޕް 2 ޑައިބިޓީސް ބޮޑެތި މީހުންނަށް އާންމުކޮށް ޖެހުނު ނަމަވެސް ފަހަކަށް އައިސް ކުޑަކުދިންގެ މެދުގައި ވެސް މި ބަލި އިތުރުވަމުންދާ ކަމަށް ޑަބްލިއުއެޗްއޯ އިން ފާހަގަކުރެ އެވެ.

ހަކުރުބައްޔަށް މަގުފަހިވާ ކަންކަމުގެ ތެރޭގައި ހަރަކާތްތެރިކަން ކުޑަވެ، ފަލަވުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ކަންކަން ހިމެނެ އެވެ. މީގެ އިތުރުން މިއީ ވާރުތަ  ކުރާ ބައްޔެކެވެ.

އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑރ. މުހައްމަދު އަލީ  ހަކުރު ބައްޔާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ކެއުމުގައި މިން ހެޔޮ ކުރުމަކީ ވަރަށް މުހިއްމު ކަމެއްކަމަށެވެ. ކޮމްޕްލެކްސް ކާބޯހައިޑްރޭޓްސް (ބަތް، ރޮށި، ފާން، ފަރާޓާ ފަދަ ތަކެތި) މަދުކޮށް އޭގެ ބަދަލުގައި ކާބޯހައިޑްރޭޓްސް (ކައްޓަލަ، އަލުވި ފަދަ ގަސް ގަހުން ލިބޭ ތަކެތި) ބޭނުންކުރުމަށްޑރ.އިރުޝަދުދެއްވިއެވެ.  ހަމަ އެހެންމެ ހަކުރު، ހަކުރުގެ ގޮތުގައި ބޭނުންކުރުން އެއްކޮށް ހުއްޓާލަން ޖެހޭ ކަމަަށާއި ފޮނި އެއްޗެހި އެއްކޮން މަދުކުރުން ޖެހޭ ކަމަށްވިދާޅުވިއެވެ.

މުހައްމަދު އަލީ އިތުރަށް ވިދާޅުވީ ހަކުރު ބަލި ޖެހިއްޖެނަމަ ދަރިން އަދި ކާފަ/ މާމަ ދަރިންނާ ހިސާބަށް ހަކުރު ބަލި ވާރުތަކުރުމުގެ ފުރުސަތު އޮތްއިރު އަމިއްލަ މީހާގެ ރައްކާތެރިކަމަށާއި ހުރިހާ އެންމެންގެ ވެސް ރައްކަލަކަށް ހެލިފެލިވެ އުޅުމާއި ހަކުރު ބައްޔަށް މަގުފަހިވާ ކަންކަމުން ދުރުހެލިވުމަކީ ކުރިއަށް އޮތް ޖީލުތަކަށްވެސް އަހަރެމެން ކުރަން ޖެހޭ ވަރަށް މުހިއްމު މަސައްކަތެއް ކަމަށެވެ.

މިއަދު ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރަމުން އަންނަ އިރު، ޝިއާރަކީ “މާދަމާގެ ރައްކާތެރި ކަމަށް އުނގެނަމާ” އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top