ސަރުކާރު އޮފީސްތަކުގައި ކުޑަކުދިން ބަލަހައްޓާނެ އިންތިޒާމު ހަމަޖައްސަނީ

b_PiRhCVND0dcyiK1DnZ9fBcXGL.jpg

ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ،

ވަޒީފާތަކަށްދާ މައިންބަފައިންނަށް، އެ މީހުންގެ ކުދިން ބެލެހެއްޓުމުގައި ދިމާވާ ދަތިތައް ހައްލުކޮށްދިނުމަށް އޮފީސްތަކުގައި “ޗައިލްޑް ކެއާ ސްޕޭސް” ނުވަތަ ކުޑަކުދިން ބަލަހައްޓާނެ އިންތިޒާމު ގާއިމުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ވިދާޅުވީ، މަސައްކަތުގެ މާއުލުގައި އަންހެނުންނަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުން ހައްލުކުރުމަށް ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ޑޭކެއާ ސެންޓަރުތައް ވުޖޫދުކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުން ފިލުވުމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ލިޔުމުން ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.

މިނިސްޓަރު ވިދާޅުވި، މާލޭގައި ޑޭ ކެއާ ސެންޓަރެއް ހަދަން ކުރި މަސައްކަތް، އެކަަމަށް ބޭނުންވާ ޖާގަ ނުލިބުމުގެ ސަބަބުން ހުއްޓާލާފައިވާ ކަމަށެވެ. އަދި އޭޑީބީގެ އެހީގައި ފެށި “ސްޓްރެންތަނިން ޖެންޑާ އިންކްލޫސިވް އިނީޝިއޭޓިވްސް (އެސްޖީއައިއައި) ޕްރޮޖެކްޓް” ގައި ހިމަނައިގެންވެސް މާލެއިން ރަނގަޅު ޖާގައެއް ހޯދުމަށް މަސައްކަތްކުރެއްވި ކަމަށާއި ނަމަވެސް އެކަމަށް ޖާގަ ނުލިބިގެން އެ ޕްރޮޖެކްޓުން އެކަންތައް އުނިކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ކުދިން ބެލެހެއްޓުމަށް ތަފާތު މޮޑެލްތައް ދިރާސާކޮށް ކުރި މަސައްކަތުން ޗައިލްޑް ކެއާ ސްޕޭސް ގާއިމުކުރުމަށް ރައީސް އޮފީހާއެކު މި އަހަރުގެ އޮގަސްޓު މަހު މަޝްވަރާކުރެއްވި ކަމަށާއި އެ މަސައްކަތާބެހޭ ކަރުދާހެއް ސޯޝަލް ކައުންސިލަށް ހުށަހެޅުމުން އެކަން ތަންފީޒުކުރަން މިހާރު އަންގާފައިވާ ކަމަށްވެސް އެކަމަނާ ވިދާޅުވި އެވެ.

މީގެ އިތުރުން އެކަމާ ގުޅޭގޮތުން ސަރުކާރުގެ ކުންފުނިތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން މި އަހަރު ތެރޭގައި ޗައިލްޑް ކެއާ ސްޕޭސްގެ ހިދުމަތް ސްޓެލްކޯއާއި އެމްޕީއެލްގައި ގާއިމްކުރާނެ ކަމަށް އެ ކުންފުނިތަކުން މިނިސްޓްރީއަށް އަންގާފައިވާ ކަމަށް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top