
ބ. ފެހެންދޫ. މިއަހަރު ތެރޭގައި އިތުރު 2 ގެސްޓްހައުސް ހުޅުވި ޖުމްލަ 50 ރޫމް އެރަށުގައި ހުންނާނެކަމަށް ފެހެންދޫ ކައުންސިލުން ބުނޭ .
މިއަހަރު ނިމުމުގެ ކުރިން ބ. ފެހެންދޫގައި އިތުރު 2 ގެސްޓްހައުސް ހުޅުވައި ހިދްމަތް ދޭން ފެށޭވަރުވާނޭކަމަށް ފެހެންދޫ ކައުންސިލުން ބުނެފިއެވެ.
2017 ވަނައަހަރު ފެހެންދޫގެ ތަސައްވަރާ ގުޅޭގޮތުން އީވީއަށް ދެއްވި އިންޓަވިއުއެއްގައި ފެހެންދޫ ކައުންސިލުގެ ރައީސް މޫސާ ނަސީމް ވިދާޅުވީ މިހާރު ހުރި ދެ ގެސްޓްހައުސްގެ އިތުރުން އިތުރު ގެސްޓްހައުސްތައް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިޔަށްދާކަމަށެވެ. އޭނާ ވިދާޅުވީ ތަރައްޤީ ކުރެވެމުންދާ ގެސްޓްހައުސްތަކަށް ބަލާއިރު މިއަހަރު ހުޅުވޭނެކަމަށް ބެލެވޭ 2 ގެސްޓްހައުސް އާއެކު އެރަށުގެ ގެސްޓްހައުސް ރޫމްގެ އަދަދު ފަންސާހަށް އިތުރުވެގެންދާނެކަމަށާ، މިއީ އެރަށް ލިބިގެންދާނޭ ވަރަށް ބޮޑު ކުރިއެރުމެއްކަމުގައެވެ.
“ޖުމްލަ ފަންސާސް ރޫމް އިތުރު ވުމަކީ ރަށަށް ލިބޭނެ ވަރަށްބޮޑު ކުރިއެރުމެއް. ވަޒީފާގެ ގޮތުން ބެލިޔަސް، އިގްތިސާދީގޮތުން ބެލިޔަސް ރަށަށް ލިބޭނެ ހީވެސް ނުކުރާވަރުގެ ކުރިއެރުމެއް.”

ފެހެންދޫގައި މިހާރު އޮޕަރޭޓްކުރަމުންދާ އެއްގެސްޓްހައުސް ކަމުގައިވާ “ފެހެންދޫ ސްޓޭ”. ފެހެންދޫގައި ގެސްޓްހައުސް ވިޔަފާރި އަންނަނީ ފުޅާވަމުން / އީވީ ފައިލް ފޮޓޯ
މޫސަ ވިދާޅުވީ މިވަގުތު އެރަށުގައި އޮޕަރޭޓްކުރާ 2 ގެސްޓްހައުސްގެ ސަބަބުންވެސް ރަށުގެ މާލީ ހާލަތު ވަރަށް ރަނގަޅުކަމަށާ، މުސްތަގުބަލާމެދު ރައްޔިތުންގެ ހިތުގައި ވަރަށް ފޮނި އުއްމީދުތައް އާލާވަމުންދާކަމަށެވެ.
“މިހާރުވެސް ރައްޔިތުންނަށް މާލީގޮތުން އެނގުންވާން ފަށައިފި އިނގޭތޯ. މުސްތަގްބަލް ވަރަށް އުޖާލާކޮށް ގެސްޓްހައުސް ވިޔަފާރިއާއެކު މިފެންނަނީ” ރައްޔިތުންގެ އިހްސާސްތައް މޫސަ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފެހެންދޫގައި ގެސްޓްހައުސް ތަރައްޤީ ކުރުމަށް ބޭނުންވެގެން ގިނަ ފަރާތްތަކަކުން އެރަށުން ބިންހޯދުމަށް އެދޭ ކަމަށެވެ. އަދި އާންމުންގެ ގޭގެ ގަނެގެން ނުވަތަ ކުއްޔަށް ނަގައިގެން ގެސްޓްހައުސް ތަރައްޤީ ކުރުމުގެ މަސައްކަތް ބައެއް ފަރާތްތަކުން ކުރަމުންދާކަންވެސް މޫސަ ފާހަގަކުރެއްވިއެވެ.