ރަމަޟާން މަހަށްފަހު ރޯދަހިފުން އެންމެ އިތުރުވެގެންވާ މަހަކީ މުޙައްރަމު މަސް ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.
“ޢާޝޫރާ ދުވަހުގެ މާތްކަން” މި މައުޟޫއަށް ޚާއްސަ ކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ މުޙައްރަމް މަހަކީ، މާތް ﷲ ޙުރްމަތްތެރި ކުރައްވައިފައިވާ މަހެއް ކަމަށެވެ. އެގޮތުން ޢާޝޫރާ ދުވަހު ރޯދަހިފުމަކީ، ވޭތުވެ ދިޔަ އަހަރުގެ ކުށްފާފަތައް، ފުއްސަވައިދެއްވާނެ ޢަމަލެއް ކަމަށް ވެސް ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ބުނީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަސް، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމަށެވެ. އަދި ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން، މޫސާގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު، މާތް ﷲ ޣަރަޤުކުރެއްވި ދުވަސް ކަމަށްވެސް ޚުތުބާގައި ބުނެފައި ވެއެވެ.
އެފަދަ ހާދިސާތަކުން ގިނަ އިބުރަތްތަކާއި ދަރުސްތަކެއް ވާކަން ފާހަގަކޮށް ޚުތުބާގައި ވަނީ، އޭގެން ލިބޭ އެންމެ މުހިންމު ފިލާވަޅަކީ ﷲގެ ނަބިއްޔުންނާއި އެކަލާނގެއަށް އީމާންވާ މީސްތަކުން، ބޮޑެތި މުޞީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުމަށް މަސައްކަތްކުރުމުގެ ފިލާވަޅު ކަމަށެވެ.
ޢާޝޫރާ ދުވަހު ރޯދަހިފުމުގެ ތިން ދަރަޖައެއް ވާކަން ފާހަގަ ކުރަން ޚުތުބާގައި ބުނީ އޭގެ ތެރެއިން އެންމެ ފުރިހަމަ ދަރަޖައަކީ ޢާޝޫރާދުވަހާ އެކު އެއް ދުވަސް ކުރިންނާއި އެއްދުވަސް ފަހުން ރޯދަހިފުން ކަމަށެވެ. އަދި އޭގެ ފަހުން އަންނަ ދަރަޖައަކީ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހު ރޯދަހިފުން ކަމަށް ޚުތުބާގައި ބުންޏެވެ. އެއީ ގިނަ ޙަދީޘްތަކުން ދޭހަވާ ގޮތް ކަމަށާއި، އޭގެ ފަހުން އަންނަ ދަރަޖައަކީ ދިހަވަނަ ދުވަހު އެކަނި ރޯދަހިފުން ކަމަށް ޚުތުބާގައި ބުނެފައިވެއެެވެ.
ޚުތުބާގައި ބުނީ ފިރުއައުނު ޣަރަގު ކުރެއްވި ހާދިސާއިން އެނގެނީ، މާތްﷲ އަށް ކާފިރުވެ ދުނިޔެ ފަސާދަ ކުރަން އުޅޭ މީހުންނަށް ގަދަފަދަ އަޒާބުން އަޒާބު ދެއްވައި ނެތި ކުރައްވާނެ ކަމެވެ. އެކަމުގައި އެ މީހުންނަށް ކާމިޔާބެއް ނުލިބޭނެ ކަމަށާއި ފަސާދައާ ދެކޮޅަށް ތެދުވަން ޖެހޭނެ ކަމަށްވެސް ބުނެފައިވެ އެވެ.
އާޝޫރާ ދުވަހު ރޯދަ ހިފުން ފިޔަވައި އެ ދުވަހާއި އެރޭ “އާޝޫރާ ދުއާ” ގެ ނަމުގައި ވަކި ދުއާއެއް ކުރުމާއި އެރެއާއި އެދުވަހު ވަކި އަޅުކަންތަކެއް ކުރަން ދީނުގައި ޝަރުތު ކުރައްވާފައި ނުވާ ކަމަށް ވެސް ޚުތުބާގައި ބުނެފައި ވެއެވެ.






