ހަރުކަށިވުމާ ގޮތްދޫނުކުރުމުގެ އުސޫލު ދޫކޮށްލާ ގައުމީ މަސްލަހަތު އިސްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އޭދަފުށި ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަހުމަދު ސަލީމް ގޮވާލައްވައިފިއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީއިން ރައީސް އޮފީހަށް މިއަދު ދިއުމަށްފަހު މީޑިޔާ އާއި ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ މައްސަލަ އެއްކޮށް މީގެކުރިން ވެސް ހުށަނާޅާ ކަމަށާއި މިހާރު މަޖިލިސް ހުއްޓިފައި އޮތީ އެކަން ރަނގަޅަށް އެނގިތިބެ ގަސްދުގައި ކަމަށެވެ.
މިމޭރުމުން ވާހަކަ ދައްކަވަމުން ސަލީމް ވަނީ ރައީސް ސޯލިހަށް ހަރުކަށިވުމާ ގޮތްދޫނުކުރުމުގެ އުސޫލު ދޫކޮށްލާފައި ގައުމީ މަސްލަހަތަށް އިސްކަންދިނުމަށް ގޮވާލައްވާފައެވެ.
ސަލީމް ވިދާޅުވީ ރައީސް ޔާމީނަކީ ކުށެއް ނެތް ބޭފުޅެއްކަން ހާމަވާ ކަމަށާއި އެކަމަށް އޮތް އެންމެ ބޮޑު ހެއްކަކީ އެންމެ ފުރަތަމަ މައްސަލައިގައިވެސް ރައީސް ޔާމީނަށް ސުޕްރީމް ކޯޓުން ކާމިޔާބު ލިބުން ކަމަށެވެ.
ރައީސް ޔާމީނާއި މެދު މިސަރުކާރުން އަމަލުކުރަމުން އަންނަނީ އިންސާފުން ނޫންކަން އެންމެނަށްވެސް އެނގޭ ކަމަށާއި އެގޮތަށް އަމަލުކުރަނީ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުވާލުމަށް ކަމަށް ވެސް ސަލީމް ވިދާޅުވިއެވެ. ޖުޑީޝަރީއަށް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ދިނުމަށް ސަރުކާރަށް ވެސް ސަލީމް ގޮވާލާފައިވެއެވެ.