އިސްލާމް ދީނުގައި ރަނގަޅު ރަހުމަތްތެރިން ޚިޔާރު ކުރުމުގައި މަތިވެރި އިރުޝާދު ތަކެއް ދީފައިވާ ކަމަށާއި ރަހުމަތްތެރިން ޚިޔާރު ކުރަންވާނީ މާތްﷲ ގެ ވަޖުހުފުޅަށް ޓަކައި އެކަނި ކަމަށް މިއަދުގެ ހުކުރު ޚުތުބާ ގައި ބުނެފި އެވެ.
މިފަދަ އެކުވެރިން ގެ އެކުވެރިކަން ދަމަހައްޓަން ވާނެ ކަމަށާއި ﷲގެ ވަޖުހުފުޅަށް ޓަކައި އެފަދަ ރަހުމަތްތެރި އެއް ދެކެ ނަފުރަތު ވާން ޖެހޭނީވެސް ﷲގެ ވަޖުހުފުޅަށްޓަކައި ކަން ޚުތުބާގައި ފާހަގަ ކޮށްފައި ވެއެވެ.
ޚުތުބާގައި ބުނީ މީހެއްގެ ފަރާތުން ލިބިދާނެ ފައިދާއަކަށްޓަކައި، ނުވަތަ މީހެއްގެ ކިބައިގައި ހުރި މޮޅުކަމަށްޓަކައި، އެމީހަކު ދެކެ ލޯބިވުމަކީ އެހެން ބާވަތެއްގެ ރަހުމަތްތެރިކަމެއް ކަމަށެވެ. އަދި ﷲގެ ވަޖުހުފުޅަށްޓަކާ މީހަކު ލޯބިވާ ލޯބިވުމުގެ ނަތީޖާ ފެންނާނީ އެކަމުގައި ހުރި އިޚުލާސްތެރިކަމުގެ ސަބަބުންކަމަށް ޚުތުބާގައިިި ބުންޏެވެ.
ނުބައި ރަހުމަތްތެރިންގެ ސަބަބުން މީހުންގެ އުޅުމަށް އަންނަ ބަދަލުތައް ފާހަގަކޮށް ޚުތުބާގައި ބުނީ، ގިނަ ފަހަރަށް ސިގިރޭޓް ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުން އަދި ފާހިޝް އަމަލުތައް ދަސްވަނީ ރަހުމަތްތެރިންގެ ކިބައިން ކަމަށެވެ. އެހެންކަމުން ތިމާގެ ވާޖިބުތައް އަދާކުރުމުގައްޔާއި، ހައްގުތައް ރައްކަތެރިކުރުމުގައި އެހީވެދޭ މީހެއްނަމަ އެއީ ރަނގަޅު ރަހުމަތްތެރިއެއް ކަމަށް ބުންޏެވެ.