ޑިމޮކްރަސީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން، މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މަޒުމޫނު ލިޔުމުގެ މުބާރާތުން ދެވަނަ ބ.ދޮންފަނު ހުސްނޫވިލާ އާމިނަތު އީމާން މުހައްމަދު ސާލިމް، ހޯދައިފި އެވެ.
ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ގްރޭޑް 8 ގައި ކިޔަވަމުން އަންނަ އީމާން ވަނީ މި މުބާރާތުގެ 14 އަހަރުން ދަށުގެ އުމުރު ފުރާއިން 1 ވަނަ ވެސް ހޯދާފައެވެ.
މަޒުމޫން ލިޔުމުގެ މުބާރާތުގެ އިތުރުން ކުރު ވާހަކަ ލިއުމުގެ މުބާރާތެއް ވެސް ހަމަ މިމުނާސަބަތުގައި މަޖިލީހުން ބާއްވާފައި ވެއެވެ.
މަޖިލީހުން ބޭއްވި ކުރެހުމުގެ މުބާރާތާއި، މަޒުމޫނު ލިއުމުގެ މުބާރާތުން ވަނަވަނަ އަށް އައި ފަރާތްތަކަށް އިނާމު ދިނުމުގެ ގޮތުން އިއްޔެ މަޖިލީހުގެ އިދާރާގައި ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފަ އެވެ.
ދެ މުބާރާތުގެވެސް ކޮންމެ އުމުރުފުރާ އަކުން އެންމެ ފުރިހަމަ ހުށަހެޅުންތައް ހުށަހަޅާފައިވާ ފަރާތްތައް ފާހަގަކޮށްފައި ވާއިރު މުޅި މުބާރާތުން އެއްވަނަ ދެވަނަ އަދި ތިންވަނަވެސް ހޮވާފައި ވެއެވެ.
ޑިމޮކްރަސީ ދުވަހާއި ގުޅިގެން ބޭއްވި މަޒުމޫނު ލިއުމުގެ މުޅި މުބާރާތުން ވަނަ ވަނައަށް ގޮސްފައިވާ ފަރާތްތަކަކީ:
-
- މުބާރާތުގެ ތިންވަނަ: ރާމީ އަހުމަދު އަންބަރީގެ ށ. ކޮމަންޑޫ
- މުބާރާތުގެ ދެވަނަ: އާމިނަތު އީމާން މުހައްމަދު ސާލިމް ހުސްނޫވިލާ ބ. ދޮންފަނު
- މުބާރާތުން އެއްވަނަ: ފާތިމަތު އަސްފާ، ޕްލާޒާ ރ. އަލިފުށި
ޑިމޮކްރަސީ ދުވަހާއި ގުޅިގެން ބޭއްވި ކުރެހުމުގެ މުޅި މުބާރާތުން އެއްވަނަ ހޯދާފައިވަނީ އއ.ތޮއްޑޫ ޖަނބުރޯލުގަސްދޮށުގޭ އަލީ އާޒިމްއެވެ. ދެވަނަ ހޯދާފައިވަނީ ހ.ހިޔާކަން އިބާ އާމިރު އަބްދުއްﷲ އެވެ. ތިންވަނަ ހޯދާފައިވަނީ ގ.ލޭޑީމޫން އާއިޝަތު އަރީކާ އަހުމަދެވެ.
މަޒުމޫން ލިއުމާއި ކުރެހުމުގެ މުބާރާތުގައި އިނާމުގެ ގޮތުގައި މުޅި މުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް 5000ރުފިޔާ، ދެވަނައަށް 4000ރުފިޔާ އަދި ތިންވަނައަށް 3000 ރުފިޔާ ކަނޑައަޅާފައިވެއެވެ.
މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ ރައްޔިތުންގެ މަޖިލީހާއި، މަޖިލީހުގެ މަސައްކަތްތަކަށް ހޭލުންތެރިކުރުވުމާއި އަދި ޑިމޮކްރަސީގެ އުސޫލުތަކާއި ހަމަތަކަށް ހޭލުންތެރިކުރުވުން ކަމަށް މަޖިލިސް އިދާރާއިން ވިދާޅުވިއެވެ.