އެމްޑީ އާޒިމް ހިތާދޫގައި. ރައްޔިތުންގެ ޝުކުރު އަދި ކަންބޮޑުވުން

hithaadhoo-md-1.jpeg

ބ.ހިތާދޫގައި އެމްޓީސީސީން ކުރިއަށް ގެންދާ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ހިނގާގޮތް ބައްލަވައިލެއްވުމަށް އެ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ހިތާދުއަށް ވަޑައިގެންފި އެވެ.

އިއްޔެ ހަވީރު އާޒިމް ވަނީ ރައްޔިތުންގެ ކަނބޮޑުވުންތަކާއި މަޝްވަރާއަށް އެދިވަޑައިގެން ބަނދަރު ކޮމިޓީއާއި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލު ކުރެއްވުމުގައި އާޒިމް ވިދާޅުވީ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރުން ދެއްވާފައިވާ ކުރެހުމާއި އެއްގޮތަށް ކަމަށާއި ރައްޔިތުން ހިތްހަމަޖެހޭ ފެންވަރަށް އަދި ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތް ނިންމާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ. ހަމައެހެންމެ ބަނދަރުގެ ޕްލޭނަށް ބަދަލެއް ގެންނަން ބޭނުންވާ ނަމަ އެކަން ކަމާބެހޭ މުވައްސަސާތަކާ ވާހަކަ ދައްކައިގެން ކުރިއަށް ގެންގޮސް ޕްލޭން އަވަހަށް ފާސްކޮށް ނިންމުމަށް އެދިވަޑައިގެންނެވި އެވެ.

މި ބައްދަލު ކުރެއްވުމުގައި ރައްޔިތުންގެ ފަރާތުން ވާހަކަ ދައްކަވަމުން ހިތާދޫ ކައުންސިލުގެ ރައީސް އަބްދުލްއަޒީޒު ވިދާޅުވީ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެމްޓީސީއަށް ފުރިހަމަ އަށް އެއްބާރުލުން ދެއްވާނެ ކަމަށާއި އެހެންނަމަވެސް ކަންބޮޑުވުން ތަކެއް އެބަހުރި ކަމަށެވެ.

ބަނދަރުކޮމިޓީގެ މެންބަރު ޔޫނުސް މޫސާ ވިދާޅުވި ގޮތުގައި ބަނދަރުގެ ކުރެހުމަކީ ކޮވިޑްގެވެސް މާކުރީގެ ސާރވޭއަކަށް ބިނާކޮށް ފާސްކޮށްފައިވާ ކުރެހުމެއް ކަމަށެވެ.

”މިރަށުގައި މިހާރުވެސް އަމިއްލަ ފަރާތަކުން ހިންގާ އައިސް ޕްލާންޓުން އައިސް އެޅުމުގައި ބޮޑެތި ގޮންޖެހުން ތަކެއް އެބަހުރި. ފެންވަރު ރަނގަޅު ގޭދޮށު މަސް ފެކްޓަރީއެއް ހުޅުވުމުގެ ތައްޔާރީތައް ދަނީ ވަމުން. އަދި ގެސްޓްހައުސް ހުޅުވި އިތުރު ގެސްޓްހައުސް ގެ މަސައްކަތްތައްވެސް ރަށުގައި ކުރިއަށް އެބަދޭ. ކޮވިޑަށް ފަހު އިތުރު މަސްދޯނި ފަހަރާއި ސްޕީޑް ލޯންޗް ފަހަރުވެސް ދަނީ އިތުރުވަމުން. މިކަންކަން މި ގޮތަށް ހިނގަމުން އަންނައިރު ބަނދަރުގެ މިހާރު ފާސް ވެފައިވާ ބައިގެ އިތުރަށް ކަނޑުތޮއްޓާ ދިމާލަށް 200 ފޫޓް އިތުރު ނުކުރާނަމަ ދެންވާނީ ކިހިނެއްތޯ“ ޔޫނުސް ސުވާލު އުފެއްދެވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއީ ބޮޑު ވޭސްޓަކަށް ވުމުގެ ބިރު އެބައޮތް ކަމަށާއި އަހަރެއްހާ ދުވަހުގެ ތެރޭ ބަނދަރުގެ ދަތިކަމާ އަނެއްކާވެސް ރައްޔިތުންނަށް ކުރިމަތިލާން ޖެހޭނެ ކަމަށެވެ.ޔޫނުސް އެކޭ އެއްފަދައިން ބައެއް ކެޔޮޅުންވެސް ވަނީ މީގެކުރިންވެސް މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މިއަދު އެކަންބޮޑުވުން ތަކުރާރު ކުރެއްވިއެެވެ.

ކައުންސިލުގެ ރައީސް އަޒީޒް ވިދާޅުވީ، ފާސްކޮށްފައިވާ ބަނދަރުގެ ޕްލޭނަކީ ކޮވިޑް ގެ ކުރިން ކޮށްފައިވާ ދިރާސާއަކަށް ހެދިފައިވާ ޕްލޭނެއްކަމަށާއި އެ ޕްލޭން ފާސްކުރަން ޚިޔާލު ހޯދިއިރު ވެސް ރައްޔިތުން އެދެމުން އައީ އައީ ބަނދަރު 350 ފޫޓަށް ވުރެ ކުޑަނުވާނޭ ވަރަށް ފުޅާކޮށް ދެއްވުމަށް ކަމަށެވެ. އެގޮތުން މިހާރުގެ ސަރުކާރުންވަނީ 100 ފޫޓް ފުޅާކޮށްދެއްވާފައިކަމަށް އަޒީ ވިދާޅުވި އެވެ.

“ކައުންސިލުން ތަކުރާރުކޮށް ކަމާބެހޭ ފަރާތްތަކަށް މިދަނީ ދަންނަވަމުން. އަދި މިހާރު ވާނީ ރައީސުލްޖުމްހޫރިއްޔާ ގެ އަރިހަށްވެސް މިކަމާގުޅޭ ސިޓީއެއް ފޮނުވާފައި. އަޅުގަނޑަށް ޔަގީނާ ގާތަށް އެނގޭކަމަކީ ރައީސް އިބްރާހީމް މުހަންމަދު ސާލިހް މިރަށުގެ ރައްޔިތުންގެ އިހުސާސްތައް އަޑުއައްސަވާ ބައްލަވާނެ ކަން. މިރަށު ރައްޔިތުންނަކީ ބަސްއަހައި ބަސްގަބޫލުކުރާ އަދި އުސޫލުގެ ތެރެއިން ކަންކަން ކުރަން ބޭނުންވާ ރައްޔިތެއް ދިރިއުޅޭ ރަށެއް. އަދި ރައީސް އިބްރާހީމް މުހަންމަދު ސާލިހް ގެ ސަރުކާރުން ފުރިހަމަކުރާ ބަނދަރާ އެކު، ވެހޭހައި ވާރެ އެއްގައި އޮޑިވެރިންނާއި މަސްވެރިން ދަންވަރު ނިދި ނަގާލާފައި ތިބޭ ތިބުން ނިމުމަކަށް ގެނެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބައޮތް ” އަޒީ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top