ރަށްރަށު މީހުން މާލެއަށް ހިޖުރަކުރަނީ ރަށުގައި ކުރާނެ ކަމެއް ނެތުމުން: މަޖިލިސް ރައީސް

fb4-pajucaelbrz-1536x1024.jpg

ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު. --- ފޮޓޯ: މަޖިލިސް

ރަށްރަށުގެ މީހުން މާލެ އަށް ހިޖުރަ ކުރަނީ އެ ރަށްރަށުގައި މުނިފޫހިފިލުވުމާއި ކުރާނެ ކަމެއް ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މާލެއާއި އެއް އަގެއްގައި ރަށްރަށުގައި ވެސް ވިޔަފާރިތަކަށް އެއް ރޭޓަކުން ކަރަންޓު ދިނުމަށް ގޮވާލައި ތޮއްޑޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާން ހުށަހެޅުއްވި ގަރާރުގެ ބަހުސް ގައި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ނިޔާޒު ވިދާޅުވީ، ކުދި ވިޔަފާރިތައް އާލާކޮށް ރަށްރަށުގައި މީހުން ވަޒަންވެރިވެ ހަރުލައި ތިބުމަކީ ވަރަށް ބޮޑު ވިސްނުމެއް ކަމަށެވެ. އަދި ރަށްރަށުގައި ވިޔަފާރި ކުރެވޭނެ ގޮތްތައް ހޯދައި، ރަށްރަށުގައި މީހުން ތިބުމަށް އަމާޒު ކޮށްގެން ލާމަރުކަޒީ ގާނޫނަށް ބޮޑު ބަދަލެއް ގެނަސްފައިވާއިރު، މިއަހަރު އެކަނިވެސް ހުޅުމާލެއަށް 1500 ކުދިން ހިޖުރަކުރުމަކީ ލިބުނު ހައިރާން ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ، ކިޔަވައިދިނުމުގެ ފެންވަރަށް ބަލާއިރު، ރަށްރަށުގެ ސްކޫލްތަކުން ތައުލީމު ހާސިލުކޮށް ބައެއް ދަރިވަރުން މުޅި ދުނިޔެއިން އެއްވަނަ ހޯދާފައި އެބަ ތިބި ކަމަށެވެ. އަދި ސިއްހީ ކަންތައްކަށް ބަލާއިރު، އެކަން ރަނގަޅުކުރުމަށް ރަށްރަށުގެ ހޮސްޕިޓަލްތަކަށް ގެންނަ ބަދަލާއެކު އެ ހޮސްޕިޓަލްތަކަށް ހިދުމަތް ހޯދަން އެހެން ރަށްރަށުން މީހުން ދާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވިއެވެ.

އެހެންކަމުން ރަށްރަށުގައި ކުދި ވިޔަފާރިތައް އުފެދޭ ގޮތަށް، ވަޒީފާތައް އުފެދިގެން ވަޒީފާތަކުގައި މީހުންނަށް ދެމި ތިބޭ ގޮތަށް އިތުރަށް ލުއިތައްދޭންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

މެންބަރު ނިޔާޒުގެ އެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ، ރަށްރަށުން މާލެއަށް ހިޖުރަކުރާ ސަބަބުތަކެއް ފާހަގަކުރެވިފައިވާ ކަމަށެވެ.

“ސަބަބުތަކުގެ ތެރޭގައި އަޅުގަނޑަށް މިހާރު ފާހަގަވޭ މުނިފޫހިފިލުވުމާއި ރަށްރަށުގައި މިހާރު ކުރާނެ ކަމެއް ނެތުމާއި މި އާބަން ދިރިއުޅުމަށް މިހާރުގެ ޖީލު މާބޮޑަށް ޝައުގުވެރިވާ ކަމަށް ނުވަތަ ރަށްފުށުގެ ދިރިއުޅުމަށް މިހާރުގެ ޖީލު ނޭބުރޭކަން، މިބާވަތުގެ އެތައް އެތައް ކަމެއް ހިމެނޭ،” މަޖިލިސް ރައީސް ވިދާޅުވިއެވެ.

މުނިފޫހިފިލުވޭނެ ގޮތްތައް ފުޅާ ކުރަން ނަޝީދު އަބަދުވެސް ވަކާލާތު ކުރައްވައެވެ. މަޖިލީހަށް ވެސް މީގެ ކުރިން އެމްޑީޕީން ވަނީ އެފަދަ ގަރާރެއް ހުށަހަޅާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top