ތޫނުފިލި ދަރިވަރުން މުދައްރިސުންނަށް ވުމަށް މިނިސްޓަރު ގޮވާލައްވައިފި

343380_3_a7dae06f6180fbdb529477e2bcd1c347e5c38e43_large.jpg

މަތީ ސާނަވީ އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ކުދިންނަށް އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި،އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ދަރިވަރަކަށް އެވޯޑު ހަވާލު ކުރައްވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު

އެންމެ ތޫނުފިލި ދަރިވަރުން އެހެން ކުދިންނަށް ކިޔަވައިދިނުމުގެ ގޮތުން މުދައްރިސުންނަށް ވުމަށް އެޑިއުކޭޝަން މިނިސްޓަރު، ޑރ. އައިޝަތު އަލީ އަނެއްކާވެސް ގޮވާލައްވައިފި އެވެ.

މިދިޔަ އަހަރު ބޭއްވި 2019 ވަނަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ގަދަ ދިހަޔަކަށް ހޮވުނު ދަރިވަރުންނަށް އިނާމު ދިނުމަށް ބޭއްވި ޖަލްސާގައި ވެސް މިނިސްޓަރު ވަނީ އެފަދައިން އެދިވަޑައިގެންފައެވެ.

“މަތީ އަރުތަވެރީންގެ އިނާމު” ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވީ ރަނގަޅު މުދައްރިސުން ނުއުފެއްދޭނަމަ، ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުން މަދުވާނެ ކަމަށެވެ. އެހެންކަމުން އެންމެ ތޫނުފިލި، އެންމެ ޚުލްގު ރަނގަޅު ދަރިވަރުން މުދައްރިސުންނަށް ވުމަށް އިލްތިމާސް ކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ މީގެ ސާޅީހަކަށް އަހަރު ކުރިން މުދައްރިސްކަމަކީ ގަދަރުވެރި ރަނގަޅު ވަޒީފާއެއްގެ ގޮތުގައި ދިވެހިން ދުށް ކަމަށެވެ. ނަމަވެސް އެހެނިހެން ދާއިރާތަކުގެ މުސާރަ އެތައް ގުނައަކުން މަތިވުމުގެ ސަބަބުން ގިނަ ބަޔަކު މުދައްރިސް ކަމާ ދުރަށް ދިޔަކަމަށް އެކަމަނާ ވިދާޅުވިއެވެ.

“ނަމަވެސް މިކަން މިހާރުވަނީ އިސްލާހުކުރެވިފައި. މުދައްރިސުންގެ މޫނުމައްޗަށް ބޮޑު ހިނިތުންވުން ގެނުވި މުސާރައިގެ ބޮޑު ކުރިއެރުމެއް ވަނީ މިއަހަރުތެރޭގައި ގެނެސްފައި.” މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މުދައްރިސުންނަކީ ވަރަށް ބޮޑު ޒިންމާއެއް އުފުއްލަވާ ބައެއްކަމަށެވެ. އަދި މުދައްރިސުން ކުރައްވާ މަސައްކަތަކީ މުޅި ގައުމަށާއި އެތަކެއް ޖީލުތަކަކަށް އޭގެ އަސަރު ފޯރާ މަސައްކަތެއްކަން ފާހަގަ ކުރެއްވިއެވެ.

އެހެންކަމުން މުދައްރިސުންނަކީ އަމަލުތައް އިޚްލާސްތެރި، ހަރަކާތްތަކުން ނަމޫނާ ދައްކާ، ދަރިވަރުންގެ މަޢުސޫމްކަމާއި އިއްފަތްތެރިކަން ރައްކާތެރިކުރާ ބަޔަކަށްވުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top