ތުލުސްދޫ ކައުންސިލުން ބުނީ ޖުރުމަނާ ދައްކަން ނުޖެހޭނެ ކަމަށް

Thulusdhoo-council-1140x570.jpg

ކ. ތުލުސްދޫގައި ކާބޯތަކެތީގެ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުން އަންނަކަމަށް ބުނެ، އެންވަޔަރންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ޖުރުމަނާ ކޮށްފައިވާ 45000ރުފިޔާ އަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ތުލުސްދޫ ކައުންސިލުން ބުނެފި އެވެ.

ތުލުސްދޫ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އީޕީއޭ އިން އެ އިދާރާ އަށް ފޮނުވި ސިޓީގައި ވަނީ އެ ކައުންސިލުން ހަދާފައިވާ ކުނި މެނޭޖުކުރުމުގެ ގަވާއިދެއްގެ ދަށުން ޖޫރިމަނާކުރަން ނިންމާފައިވާ ކަމަށް ކަމަށެވެ. އެކަމަކު އެފަދަ އެއްވެސް ގަވާއިދެއް ހަދައި، އެ ކައުންސިލުން އަމަލުކުރަމުން ނުދާ ކަމަށް ވިދާޅުވެފައިވެއެވެ. އެެހެންކަމުން އެކައުންސިލުން ދެކެނީ އެއީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށެވެ.

އެންވަޔަރންމަންޓް މިނިސްޓްރީގެ ގަވާއިދުގައި ބުނާގޮތުގައި، ކުނި މެނޭޖުކުރުމުގެ ގަވާއިދާ ޚިލާފުކަމެއް ހިނގާނަމަ، ޖޫރިމަނާކުރުމުގެ ކުރިން ތަންފީޒީ އިދާރާއަކުން ބަލާ ފާސްކޮށް، ކުނި މެނޭޖުކުރާ ފަރާތަށް ރިޕޯޓެއް ހަދާ ހުށަހަޅަން ޖެހޭނެ ކަމަށާއި ނަމަވެސް ޖުރުމަނާކުރުމުގެ ކުރިން އެ ރިޕޯޓް ލިބިފައި ނުވާ ކަމަށް ތުލުސްދޫ ކައުންސިލުގެ ބަޔާނުގައިވެއެވެ,

“ކުނި މެނޭޖުކުރުމުގެ އެއްވެސް ވަސީލަތެއް ނެތް، މިކައުންސިލުން އޭރު އީޕީއޭގެ އެންގުމަށް ރަށުގައި ބަހައްޓާފައިހުރި ޑަސްބިންތައް ނެގުމުގެ ސަބަބުން ރަށް އިތުރަށް ހަޑިވެ، މެހީގެ އުނދަގޫ ބޮޑުވެ ރަށުތެރޭގައި ބަލިމަޑުމަކެއް އުފެދިދާނެކަމުގެ ބިރުވެރިކަން ބޮޑުވެގެންދިޔަ،” ބަޔާނުގައިވެއެވެ.

އެހެންކަމުން މިހާރު ކުނި މެނޭޖުކުރަނީ އެލްޖީއޭއިން އެ ކައުންސިލަށް އަންގާފައިވާގޮތުގެ މަތިންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިދިޔަ އަހަރު އެންވައެންވަޔަރުމެންޓް މިނިސްޓްރީއާއި ތުލުސްދޫ ކައުންސިލާއެކު އެރަށުގައި ވޭސްޓް މެނޭޖްމަންޓު ސެންޓަރެއް ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް މިއަދާ ހަމައަށް ވެސް އެ އެއްބަސްވުމާ އެއްގޮތައް އެއްވެސް މަސައްކަތެއް އެރަށުގައި ކޮށްފައި ނުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އީޕީއޭއިން އަމަލުކުރި ގޮތުން ރަށުގެ ނަން ކިލަނބުވެ ލޯކަލް ޓޫރިޒަމަށް އެކަމުގެ ނޭދެވޭ އަސަރު ކުރާނެކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ތުލުސްދޫގައި ކާބޯތަކެތީގެ ކުނި އަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުން އަންނަ މައްސަލައިގައި އެ ރަށު ކައުންސިލް ޖޫރިމަނާކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ.

އީޕީއޭއިން ވަނީ ޖޫރިމަނާގެ ގޮތުގައި ސަރުކާރު ބަންދު ދުވަސްތައް ނުހިމަނާ 30 ދުވަހުގެ ތެރޭގައި 45،000 ދެއްކުމަށް އެ ކައުންސިލަށް އަންގާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top