ޑރ.ޣަފޫރުގެ ކޮލަމް: ފާއިތު ވެދާ ދުވަސްތައް އަލުން އެނބުރިއެއް ނާދެއެވެ.

8d0644c0-3015-11e9-967b-5cdb4de5a68c.jpg

މިއީ 1953ގައި ނިކުތް ހިންދީ ފިލްމެއް ކަމުގައިވާ ‘ޝީރީން ފަރްހާދު’ގެ ‘ގުޒުރާ ހުވާ ޒަމާނާ އާތާ ނެހީ ދުބާރާ (ފާއިތުވެ ދާ ދުވަސްތައް އަލުން އެނބުރިއެއް ނާދެއެވެ.) މިލަވައިގެ ދިވެހި ތަރުޖަމާ އެކެވެ. މި ވާހަކައާ ފިލްމުގެ ނަމުގެ އަޑު، އަޅުގަނޑުމެން ކުޑައިރުއްސުރެ، އިވެ އެވެ. އަދި މި ލަވައަކީ ވެސް ވަރަށް އިހުއްސުރެން އިވޭ ލަވައެކެވެ. ދިވެހިރާއްޖޭގެ އަޑުން ފަސްދޮޅަހުގެ އަހަރުތަކާއި ހަތް ދިހައިގެ އަހަރުތަކުގައިވެސް ފޮނުވުނު ލަވައެކެވެ. މިފަހަރު ބަލާލަން ގަސްދު ކުރަނީ ޝީރީން ފަރްހާދުގެ ވާހަކައިގެ އަސްލަށާއި ފިލްމަށާއި އަދި މި ލަވައިގެ މައްޗަށެވެ.

ޝީރީނާއި ފަރްހާދުގެ ވާހަކަ އަކީ ފާރިސް ކަރައިގެ ވާހަކަ އެކެވެ. ލޯބީގެ މައުސާތީ (ހިތާމަވެރި) ވާހަކައެކެވެ. އިނގިރޭސި އަދަބިއްޔާތުގައި ހިމެނޭ ރޯމިޔޯ ޖޫލިއެޓް އަދި ހިންދުކަރައިގެ ހީރާ އާއި ރާންޖީ އަދި އަޅުގަނޑުމެންގެ ދިވެހި އަދަބިއްޔާތުގައި މަޝްހޫރު ދޮންހިޔަލައާއި އަލިފުޅު ފަދަ ލޯބީގެ ވާހަކަ އެކެވެ.

ޝީރީނާއި ފަރްހާދުގެ އަސްލު ވާހަކަ ލިޔުއްވީ ފާރިސީ ޝާއިރެއް ކަމުގައިވާ ނިޒާމީ ގަންޖާވީ (މ.1209-1141) އެވެ. އޭނާގެ ވާހަކައަށް ދެއްވާފައިވާ ނަމަކީ “ޚޮސްރޯ އާއި ޝީރީން” އެވެ. މިވާހަކަ އަކީ އޭނާގެ ވާހަކަ ލިޔުއްވުމުގެ ކުރިންވެސް މަޝްހޫރު ވާހަކަ އެކެވެ. މަޝްހޫރު ޝާހެނާމާގައި އައިސްފައިވާ ވާހަކައެކެވެ. ފާރިސް ކަރައިގެ ވެރިޔަކާއި އަރުމީނިޔާގެ އަމީރާ އަކާއި ދެމެދު އޮތް ލޯބީގެ ގުޅުމެއްގެ ވާހަކަ އެކެވެ. ޝާހެނާމާގެ ވާހަކައިގައި ބޮޑަށް ފާހަގަ ކުރެވިފައި ވަނީ ތާރީޚާއި ހަނގުރާމަތަކުގެ ވާހަކަތަކެވެ. މިއާއި ޚިލާފަށް، ނިޒާމާނީ އޭނާގެ ވާހަކައިގައި ސަމާލުކަން ދެއްވީ ވާހަކައި ބަތަލުންގެ ލޯބީގެ ގުޅުމުގެ މައްޗަށެވެ. ޝާހެނާމާގެ މައްޗަށް ބިނާކޮށް، ޚިޔާލީ އެތައް ބައިތަކެއްވެސް އިތުރު ކޮށްގެންނެވެ.

ނިޒާމީގެ ވާހަކަ ފައްޓަވާފައިވަނީ މި އިބާރާތުންނެވެ. “ޚޯސްރޯއާއި ޝީރީންގެ ވާހަކައަކީ އެންމެވެސް ދަންނަ ވާހަކައެކެވެ. ހަގީގަތުގައި ވެސް، މިއަށްވުރެ ވަކީން ރީތި (ލޯބީގެ) ވާހަކައެއް ނުވެއެވެ.” ވާހަކައިގެ ހާދިސާތައް ފެށެނީ ޚޮސްރޯގެ ތުއްޕުޅު ދުވަސްވަރާއި އުނގެނުމުގެ ދުވަސްވަރާ ހިސާބުންނެވެ. އަދި މިގޮތުގައި ހަޔާތްޕުޅު ވޭތުކުރައްވަމުން ވަޑައިގަންނަވަނިކޮށް، އެއްރެއަކު، އެމަނިކުފާނަށް، އެމަނިކުފާނުގެ ކާފާފުޅު، އަނޫޝިރްވާގެ ހުވަފެންފުޅެއް ދެކެވަޑައިގަތެވެ. އަދި ކާފާފުޅު އެމަނިކުފާނު އަރިހުގައި އެމަނިކުފާނުގެ މުސްތަގުބަލާ ބެހޭ ބައެއް ވާހަކަތައް ވިދާޅުވެ ދެއްވިއެވެ. އެމަނިކުފާނަށް ޝީރީން އޭ ކިޔުނު އަނބިކަނބަލަކާއި ބޮޑު މަމްލަކާއެއް ވެސް ލިބިވަޑައިގަންނަވާނޭ ކަމުގެ އުފާވެރި ޚަބަރު ދެއްވި އެވެ.

ދެން، އެއްދަވަހަކު، ޚޮސްރޯގެ ރަހުމަތްތެރި ޝާޕޫރު އަރުމީނިޔާގެ ރާނީގެ ވާހަކައާއި އެކަމަނާފާނަށް ބޮޑުދައިތަ ވިދާޅުވާ ކޮއްކޮ، ޝީރީނުގެ ވާހަކަ ޚޮސްރޯއަށް ކިޔައި ދިނެވެ. އަދި، ޝާޕޫރު، ޝީރީން ސިފަކޮށް ދިންގޮތުން، ޚޮސްރޯއަށް ޔަގީން ވެވަޑައިގަތީ މި ޝީރީނަކީ ހުވަފެންފުޅުގައި ކާފާފުޅު ވިދާޅުވި ޝީރީން ކަމުގަ އެވެ. އަދި، ޝީރީންގެ ރީތި ފުރިހަމަ ސިފަތައް، ޝާޕޫރު ބަޔާން ކޮށްދީ ދެންނެވުމުން، ޚޮސްރޯ ޝީރީނާއި ހިތްޕުޅާހަމަ ކުރެއްވި އެވެ. ދެން، ޝީރީން ހޯދުމަށް އަރުމީނިޔާއަށް ޝާޕޫރު ފޮނުވުނެވެ.

ޝާޕޫރު، ޝީރީން ހޯދައި، އެކަމަނާ އާއި ބައްދަލުކުރި އެވެ. އަދި، ޚޮސްރޯގެ ތަސްވީރެއް ޝީރީނަށް ދެއްކުމުން، ޝީރީނުގެ ހިތްޕުޅުގައިވެސް ޚޮސްރޯއާއި މެދު ލޯބި އުފެދުނެވެ. އަދި، ޚޮސްރޯއާއި ބައްދަލު ކުރެއްވުމަށް ނިންމަވައި ސިއްރުން ދަތުރު ފެށްޓެވިއެވެ. ނަމަވެސް، މިދަނޑިވަޅުގައި ޚޮސްރޯއާއި އެމަނިކުފާނުގެ ބައްޕާފުޅާ ދެމެދު ދެބަސްވުން އުފެދި، ޚޮސްރޯވެސް ފާރިސްކަރަ ދޫކުރައްވައި އަރުމީނިޔާއަށް ވަޑައިގަންނަން ނިންމެވި އެވެ.

ޚޮސްރޯއާއި ޝީރީން ބައްދަލު ނުވެ، އެއް ބޭފުޅަކު އެއް ރާއްޖެއަށް އަދި އަނެއް ބޭފުޅަކު އަނެއް ރާއްޖެއަށް، ދަތުރުކުރެއްވުން މަތީ ދުވަސް ކޮޅަކު ތިބެން ޖެހިވަޑައިގަތެވެ. އެންމެ ފަހުން، އަރުމީނިޔާއިން ދެ ބޭފުޅުން ބައްދަލުވެ ވަޑައިގަތެވެ. ނަމަވެސް، އެއިރު، ޚޮސްރޯގެ ބައްޕާފުޅު އަވަހާރަވެ، ވެރިކަން އެހެން އަތަކަށް ފިރައިގެން ހިނގައްޖެއެވެ. އަދި، ޝީރީން، ފަރްހާދާއި ކައިވެނިބައްލަވަން އެއްބަސްވެ ވަޑައިގަތީ ޝަރުތެއްގެ މަތިންނެވެ. ޚޮސްރޯ ފާރިސްކަރައިގެ ވެރިކަން އަލުން އަނބުރާ ހޯއްދެވުމުންނެވެ.

ފާރިސްކަރައިގެ ވެރިކަން އަނބުރާ އަލުން ހޯއްދެވުމަށްޓަކައި ޚޮސްރޯ ރޫމުގެ ވެރިޔާ ސީޒަރުގެ އެހީތެރިކަން ހޯއްދެވި އެވެ. އެކަމާއި ސީޒަރު އެއްބަސް ވެވަޑައިގަތީ ޝަރުތެއް ކުރެއްވާފައެވެ. އެއީ، ޚޮސްރޯއަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ސީޒަރުގެ ދަރިކަނބަލުންނާއި ކައިވެނި ބެއްލެވުމެވެ. އަދި، އެކަމަނާ ދިރި ދެމި ހުންނެވި ހާ ހިނދަކު އެހެން ކައިވެންޏެއް ނުކުރެއްވުމެވެ.

ޚޮސްރޯ، ސީޒަރުގެ މި ދެ ޝަރުތު ގަބޫލު ކުރައްވައި، ސީޒަރުގެ އެހީއާއެކު އަލުން ވެރިކަން ހޯއްދެވިއެވެ. އަދި، ސީޒަރު ދަރިކަނބަލުންނާ ކައިވެނި ބައްލަވައިގަތެވެ. ޝީރީން ދެކެ ޚޮސްރޯ ލޯބިވެވަޑައިގެން ކަމުގައި ވިޔަސް، އެކަމާނާއާ ކައިވެނި ބެއްލެވޭ ގޮތެއް ނުވިއެވެ. އަދި މިހިސާބުން، ފަރުހާދޭ ކިޔުނު ނާހިތެއް (ގަލާއި ލަކުޑި ފަދަ އެއްޗެހި ކަނޑައި ނަގައިނެ ތަކެތި ހަދާމީހެއް) ޝީރީނާއި ލޯބީގެ ގޮތުން ގުޅުނެވެ.

ޝީރީނާއި ފަރުހާދު، ދުރުކުރުމުގެ ގޮތުން، ދުރުގައިވާ ފަރުބަދައަކުން ހަރުފަތްތަކެއް ކަނޑައި ސިޑިއެއް ހެދުމަށް، ފަރްހާދާއި ހަވާލުކުރައްވައި، ޚޮސްރޯ، އޭނާ ފޮނުއްވާލެއްވިއެވެ. އަދި ފަހުން، ޝީރީން އަވަހާރަވެއްޖެ ކަމުގެ ސިޓީފުޅެއް ލިޔުއްވައި ފަރުހާދަށް ފޮނުއްވިއެވެ. ދެން. މިކަމުގެ ހިތާމައިގައި ފަރްހާދު، ފަރުބަދަމަތިން ފުންމާލައި އަމިއްލައަށް މަރުވި އެވެ.

އަދީ، މީގެ ކުޑަ ދުވަސްކޮޅެއް ފަހުން، ޚޮސްރޯގެ އަނބިކަބަލުންވެސް އަވަހާރަވި އެވެ. އަދި، ޝީރީނާއި ކައިވެނިބައްލަވައި ގަތުމުގެ މަގު، ޚޮސްރޯއަށް ފަހިވި އެވެ. އެކަމާ ޝީރީން އެންމެ ފުރަތަމައިން އިންކާރު ކުރެއްވި ނަމަވެސް، އެންމެ ފަހުން، ކައިވެންޏާ ރުހި ވަޑައިގަތެވެ. މިހިސާބުން، ޚޮސްރޯގެ ދަރިކަލުންގެ ހިތްޕުޅުގައި ވެސް ޝީރީންގެ މައްޗަށް ލޯބި އުފެދި، ބައްޕަ އަވަހާރަކޮށްލައްވައި، ޝީރީނަށް އެބޭފުޅާއާ ކައިވެނީގެ ގޮތުން ގުޅުމަށް މަޖުބޫރު ކުރެއްވިއެވެ. މިކަމާ ދެކޮޅު ހައްދަވައި، ޝީރީން އަމިއްލަ ފުޅަށް އަވާހަރަވި އެވެ. ދެން، ޚޮސްރޯއާއި އެއްވަޅެއްގައި ފަސްދާނު ލެވިގެން ވާހަކަ ނިމެއެވެ.

ފިލްމުގައި ޝީރީނަކީ އަމީރާ އެކެވެ. ފަރުހާދަކީ އާދައިގެ މީހެކެވެ. ޝީރީނުގެ ބައްޕާފުޅާ ގުޅުން އޮތް ނާހިތެއްގެ ދަރިއެކެވެ. ޝީރީން ތުއްޕުޅު އިރު ފަރުހާދުގެ ގެއަށް ވަޑައިގެން ފަރުހާދު ގެންގުޅޭ އޮޅު ފުއްލާއެއް ބޭނުންފުޅު ވެގެން ގެންދެ ވިއެވެ. އަދި ފުއްލާއަށް ޒިޔާރަތް ކުރުމުގެ ހުއްދަ، ފަރުހާދަށް ދެއްވިއެވެ. ދެން ފަރުހާދު ކޮންމެ ދުވަހަކުވެސް ޝީރީނުގެ ގަނޑުވަރަށް ފުއްލާ ދެކިލަން ދެއެވެ. އަދި، މިހެން ގޮސް އުޅުމުގައި ޝީރީނާއި ބައްދަލުވެ ގާތް ގުޅުމެއް އުފެދުނެވެ. އަދި މިގުޅުން ލޯތްބަށް ބަދަލު ވިއެވެ. ޝީރީނުގެ އުމުރުފުޅުން ސޯޅަ އަހަރު ވުމުން، ފަރުހާދާއި ބައްދަލު ކުރުން، ޝީރީނަށް މަނާ ކުރެވުނެވެ. އަދި، ފާރިސްކަރައިގެ އަމީރަކާއި ކައިވެނި ކުރުވުމަށް ނިންމުނެވެ. ނަމަވެސް، ފަރްހާދު ޝީރީނާއި، ސިއްރުން، ބައްދަލު ކުރަމުން ގެންދިޔައެވެ. އެންމެފަހުން، މިކަން ފަޅާ އަރައި، ފަރްހާދު ހައްޔަރު ކުރެވުނެވެ. އަދި، އެކަމުގެ އަދަބެއްގެ ގޮތުން، ފަރްހާދު މަރަން ނިންމުނެވެ.

މިހިސާބުން ޝީރިން، އެކަމަނާގެ ބައްޕާފުޅަށް، ފަރްހާދު ދޫކޮށްލެއްވުމަށް އާދޭސް ދެންނެވިއެވެ. އަދި، ބައްޕާފުޅު، ޝީރީނުގެ އެދިވަޑައިގަތުމުގެ މަތިން، ފަރްހާދު ދޫކޮށްލެއްވިއެވެ. ނަމަވެސް، ފާރިސްކަރައިގެ އަމީރާ ކައިވެނި ކުރެއްވުން ޝަރުތު ކުރައްވައިފަ އެވެ. ދެން، ޝީރީން ފާރިސް ކަރައިގެ އަމީރުގެ އަރިއަހަށް ގެންދެވެ އެވެ.

ފިލްމުގައި ‘ގުޒުރާ ހުވާ ޒަމާނާ އާތާ ނެހީ ދުބާރާ (ފާއިތުވެ ދާ ދުވަސްތައް އަލުން އެނބުރިއެއް ނާދެއެވެ.) ކިޔެނީ މިހިސާބުންނެވެ. ލަވައިގައި ޝީރީން އެކަމަނާ ފަރްހާދާއި އެކީ ހޭދަކޮށްލެއްވި އުފާވެރިކަމުގެ ދުވަސްކޮޅު ހަނދާނަށް ގެންނަވަ އެވެ. ‘ނަމަވެސް، ދުނިޔޭގައި، އުފާވެރިކަމަކީ ދެމިގެން ދާ ކަމެއްނޫނެވެ.’ ލަވައިގައި ޝީރީން ވިދާޅުވެއެވެ. ‘އެއީ ‘ދެތިން ދުވަހުގެ’ ކަމެކެވެ. ދެން އޮންނަނީ ހިތާމަ ކުރަން ޖެހިފައެވެ.’

އަދި، ފަރުހާދު ކިބައިން، އެކަމަނާ އެދިވަޑައިގަތީ، އެކަމަނާގެ މައްޗަށް، ބޭވަފާތެރި ވެވަޑައިގަތް ކަމުގެ ތުހުމަތު ނުކުރުމަށެވެ. އެހެނީ، އެކަމަނާއަށް، ފާރިސްގެ އަމީރާއި ކައިވެނި ކުރައްވަން އެއްބަސް ވެވަޑައިގެންނެވީ އެކަމަނާ ފަރްހާދު ދެކެ ވެވެޑައިގަންނަވާ ލޯތްބެވެ. ފަރުހާދު މަރުން ސަލާމަތް ކުރެއްވެން އޮތީ މިކަން ކުރައްވައިގެން ކަމަށްވާތީ އެވެ. އާދެ، ‘މަޖްބޫރު ތީ މޮހައްބަތު، ލޯބީގައި މަޖުބޫރުވެވުނީއެވެ. ދެން އޮތީ ‘ސަބު ކުޗްހ ޕަޅާ ހެ ސެހެނާ’ އެކަމުގެ ސަބަބުން ކުރިމަތިވާ ވޭނާއި ހިތާމައަށް ކެތްކުރުމެވެ. މުޅި ހަޔާތް ބަރުބާދުވެ ދިޔަކަމުގައި ވިޔަސް ވެހެވެ.

ކައިވެންޏަކީ ހަޔާތުގެ އާ ބާބެކެވެ. އާ ފެށުމެކެވެ. އާދެ، ހަޔާތުގެ ދުވަސްތަކަށް އަންނަ އާ ފަތިހެކެވެ. ޝީރީނުގެ މި އާ ފަތިސް، އެކަމަނާ ސިފަކުރައްވަނީ، ކަޅު އަނދިރި ރެއެއްގެ ގޮތުގަ އެވެ. އެއްވެސް އުފަލެއް ނެތް، ވޭނާއި ހިތާމައިން ފުރިފައިވާ ދުވަސްތަކެއްގެ ގޮތުގައެވެ. އަދި، އެކަމަނާގެ ކައިވެނީގެ މުނާސަބާތް އިހުތިފާލުކޮށް ފާހަގަކުރުން، ސިފަކުރައްވަނީ އެކަމަނާގެ ޖަނާޒާގެ ގޮތުގައެވެ. އެކަމަނާގެ ދުނިޔަވީ ހަޔާތުގެ އުފަލަށް އަންނަ ނިމުން ކަމުގައެވެ. އެހެންވެ، ފަރްހާދާ މުޚާތަބުކޮށް، އެކަމަނާ ވިދާޅުވަނީ އެންމެ ރަނގަޅުވާނީ މިހިތާމަވެރި މަންޒަރު ފަރްހާދު ނުބެލުމަށެވެ. އެހެނީ އެކަމުން ދެމީހުންގެ ދެހިތަށްވެސް ލިބޭނީ އިތުރު ކެކުޅުމާއި ވޭނެވެ.

އާދެ، ފިލްމުގައި ދެން ވާގޮތް، އެހެން ފަހަރުކުން، ފިލްމުގެ އެހެން ލަވަޔެއް މެދުވެރިކޮށް، ހުށަހަޅައިލެވޭތޯ އިރާދަކުރެއްވިއްޔާ މަސައްކަތްކުރާ ނަމެވެ. މިވަގުތު ‘ގުޒުރާ ހުވާ ޒަމާނާ …’ މިލަވައިގެ ދިވެހި ތަރުޖަމާއެއް ހުށަހަޅާ ލަމެވެ. މިލަވަ، ދިވެހި ތަރުޖަމާއަކާ އެކު، ބައްލަވައިލައްވާށެވެ.

ގުޒުރާ ހުވާ ޒަމާނާ އާތާ ނެހީ ދުބާރާ

ފާއިތުވެދާ ވަގުތެއް، އަލުން އެނބުރިއެއް ނާދެއެވެ.

ހާފިޒު ޚުދާ ތުމާހރާ

(ދެން އަހަރެން މި ދަނީއެވެ)، މާތްކަލާނގެ ކަލާ ރައްކާތެރިކުރައްވާ ހުށިކަމެވެ.

ޚުޝިޔާނ ތި ޗާރު ދިން ކީ އާންސޫ ހައި އުމްރު ބަހރް ކޭ

އުފާވެރިކަމަކީ ދެތިން ދުވަހެއްގެ ކަމެކެވެ، ދެން މުޅި އުމުރަށް އޮންނަނީ ކަރުނައަޅައި ހިތާމަ ކުރުމެވެ.

ތަންހާއިޔޯނ މޭނ އަކްސަރު ރޯޔޭނގޭ ޔާދް ކަރް ކޭ

އަހަންނަށް ދެން އޮތީ ގިނަވަގުތުގައި އެކަނި އިނދެ ކަލާ މަތިން ހަނދާންކޮށް ރުއިމެވެ.

ވޯ ވަގްތު ޖޯ ކި ހަމްނޭ އިކް ސާތު ހައި ގުޒާރާ

އަހަރުމެން އެކުގައިވި ވަގުތުކޮޅު ކުޑަ ހިނދުކޮޅަކަށް ފަހު ފާއިތުވެ ހިނގައްޖެ އެވެ.

ހާފިޒު ޚުދާ ތުމާހރާ

(ދެން އަހަރެން މި ދަނީއެވެ)، މާތްކަލާނގެ ކަލާ ރައްކާތެރިކުރައްވާ ހުށިކަމެވެ

މޭރީ ގަސަމް ހައި މުޖްކޯ ތުމް ބޭވަފާ ނަ ކެހެނާ

އަހަރެން ހެކިކޮށް އަހަރެން ގާތު ކަލާ ހުވާކުރާށެވެ.

އަހަންނަކީ ބޭވަފާތެރިއެއް ކަމުގައި ނުބުނަން ކަމަށެވެ

މަޖްބޫރު ތީ މޮހައްބަތު ސަބު ކުޗްހ ޕަޅާ ހެ ސެހެނާ

ލޯބީގައި މަޖުބޫރުވެވި ހުރިހާ ކަމަކަށް ކެތްކުރަން ޖެހުނީ އެވެ

ޓޫޓާހެ ޒިންދަގީ ކާ އަބް އާޚިރީ ސަހާރާ

(އަދި އެކަމުގެ ސަބަބުން) މުޅި ހަޔާތް ބަރުބާދުވީއެވެ

އަދި ހަޔާތުގެ އެންމެފަހުގެ އެހީތެރިކަންވެސް ގެއްލިދިޔައީއެވެ

ހާފިޒު ޚުދާ ތުމާހރާ

(ދެން އަހަރެން މި ދަނީއެވެ)، މާތްކަލާނގެ ކަލާ ރައްކާތެރިކުރައްވާ ހުށިކަމެވެ

މޭރޭ ލިޔޭ ސަހަރް ބީހ އާޔީ ހެ ރާތު ބަން ކަރް

އަހަންނަށް ފަތިހުގެ އަލިކަން އައީ ރޭގަނޑެއްގެ ސިފައިގަ އެވެ.

ނިކްލާ މޭރާ ޖަނާޒާ މޭރީ ބަރާތު ބަން ކަރް

އަހަރެންގެ ޖަނާޒާ ނެރިގެން މިގެންދެވެނީ،

އަހަރެންގެ ކައިވެނި އިއުލާނު ކުރުމުގެ ހިނގާލުމުގެ ސިފައިގަ އެވެ.

އައްޗާ ހުއާ ޖޮ ތުމްނޭ ދޭކާ ނަ ޔޭ ނަޒާރާ

ކަލާއަށް އެ މަންޒަރު ނުފެނުނުކަން ރަނގަޅެވެ.

ހާފިޒު ޚުދާ ތުމާހރާ

(ދެން އަހަރެން މި ދަނީއެވެ)، މާތްކަލާނގެ ކަލާ ރައްކާތެރިކުރައްވާ ހުށިކަމެވެ.

ގުޒުރާ ހުވާ ޒަމާނާ އާތާ ނެހީ ދުބާރާ

ފާއިތުވެދާ ވަގުތެއް، އަލުން އެނބުރިއެއް ނާދެއެވެ.

ހާފިޒު ޚުދާ ތުމާހރާ

(ދެން އަހަރެން މި ދަނީއެވެ)، މާތްކަލާނގެ ކަލާ ރައްކާތެރިކުރައްވާ ހުށިކަމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top