”ވަކި ރަށަކަށް ނިސްބަތް ވީތީ ހައްގުތައް ލިބިދިނުމުގައި ތަފާތު ނުކުރެވޭނެ“

big_Nmk53eJ5Blqdr8Q0SesRwE1cV.jpg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން--ފޮޓޯ :މަޖިލިސް އިދާރާ

ވަކި ރަށަކަށް ނިސްބަތް ވީތީ ހައްގުތައް ލިބިދިނުމުގައި ތަފާތު ކޮށްގެން ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަދި މަޝްހޫރު ގާނޫނީ ވަކީލު، އަލީ ހުސެން ވިދާޅުވެއްޖެ އެވެ.

އަލީ މިހެން ވިދާޅުވެފައި މިވަނީ މާލޭ ރައްޔިތުންނަށް އެއްވެސް އަގަކާ ނުލައި ހިލޭ މާލެއިން ބިން ދޫކުރަން ސަރުކާރުން ނިންމާފައިވާތީ އެކަމަށް އަމާޒުކޮށްގެން ކަމަށް ބެލެވެ އެވެ.

މާލޭގެ ރައްޔިތުންނަށް އެކަނި މާލެއިން ގޯތި ދޫކުރުމަށް ސަރުކާރުން ހުޅުވާލުމުން ގިނަބަޔަކު އަންނަނީ މާލެއާއި އަތޮޅުތެރެ ތަފާތުކުރަނީކަމަށް ބުނެ ސަރުކާރަށް ފާޑުކިޔަމުންނެވެ. ނަމަވެސްމާލޭގެ ރައްޔިތުން އަންނަނީ އެކަން ދިފާއުކުރަމުންނެވެ.

އަލީ ވިދާޅުވީ، އެމީހަކު އުފަންވާ ރަށަކީ އަދި އެމީހެއްގެ މައިންބަފައިންނާއިއެކު ފުރަތަމަ ރަޖިސްޓްރީ ކުރެވޭ ތަނަކީ އެ މީހަކު އަމިއްލައަށް ކަނޑައަޅާ އިހުތިޔާރުކޮށް ނިންމާ ކަމެއް ނޫން ކަމަށެވެ.

އެހެންކަމުން އެ މީހަކު ވަކި ރަށަކަށް ނިސްބަތްވީތީ ހައްގުތައް ލިބިދިނުމުގައި ތަފާތުކޮށް ބާކީކޮށްގެން ނުވާނެ ކަމަށް އަލީ ވިދާޅުވިއެވެ.

އަލީ މީގެ ކުރިން ވެސް މިކަމުގައި ވިދާޅުވެފައިވަނީ، ދައުލަތުގެ ބަޖެޓުން ފައިސާ ޚަރަދު ކޮށްގެން ހިއްކާ އެއްވެސް ބިމެއް ވަކިބަޔަކަށް ހިލޭދީ، ހަމައެފަދަ ހާލަތުގައި ތިބި އެހެން ރައްޔިތުން އެކަމުން މަޙްރޫމްކޮށް ތަފާތުކުރުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ. އަދި އެއީ ބޮޑުވެގެންވާ ބޭއިންސާފެއް ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ރިޔާސީ ވައުދާ އެއްގޮތަށް މާލޭ ރައްޔިތުންނަށް ހިލޭ ދޫކުރާ 3000 ގޯއްޗަށް އެދުމުގެ ފުރުސަތު މިހާރު އޮތީ ހުޅުވާލާފައެވެ. އަދި މިހާރު ވެސް 5000 އަށްވުރެ ގިނަ މީހުން އެ ގޯތިތަކަށް ކުރިމަތިލާފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top