އެރަށެއްގެ މަޝްރޫއެއް އެރަށެއްގެ ބަޔަކަށް ދިނުމަށް އިސްކަންދޭ އުސޫލެއް އެކުލަވާލައިފި

DSCN6121.jpg

އޭދަފުށި--އީވީ ފައިލް

ސަރުކާރު އޮފީސްތަކުން ރަށްރަށުގައި ހިންގާ މަޝްރޫތައް ރަށުގައި މަސައްކަތަށް ޝައުގުވެރިވާ ބަޔަކު ތިބިނަމަ އެބަޔަކަށް އިސްކަންދޭ އުސޫލެއް އެކުލަވާލައިފިއެވެ.

ސަރުކާރުގެ އޮފީސްތަކުން ބީލަން ހުޅުވާލައިގެން ކުރިއަށް ގެންދާ މަޝްރޫތަކުގައި ވަކިވަކި މީހުންނާއި ދާއިރާތަކަށް އިސްކަން ދޭ އުސޫލެއް ފިނޭންސް މިނިސްޓްރީން އެކުލަވާލައި ގެޒެެޓުކޮށްފައި ވަނީ އިއްޔެއެވެ. މި އުސޫލުގެ މައިގަނޑު މަގުސަދަކީ ރަޖިސްޓަރީކޮށްގެން ހިންގާ އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ރާއްޖޭގެ އިގްތިސާދުގައި ފުޅާކުރުމާއި އެފަދަ ވިޔަފާރިތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީވުމުގެ ގާބިލުކަން ފަހިކޮށްދިނުމާއި ސަރުކާރުގެ އޮފީސްތަކުން ތަކެއްޗާއި ހިދުމަތް ހޯދުމުގެ އިތުރުން މަސައްކަތް ކުރުވާއިރު، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އިސްކަން ދިނުންކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން މަސައްކަތް ކުރުވާއިރު ހާމަކަންބޮޑު ހަމަހަމަ އުސޫލެއްގެ ތެރެއިން ރާއްޖޭގެ އެކި ސަރަހައްދުތަކަށް ނިސްބަތްވާ ބީލަންވެރިން ބައިވެރިވުން އިތުރުކުރުމާއި ދައުލަތުގެ އޮފީސްތަކުން ތަކެއްޗާއި ހިދުމަތް ހޯދުމުގައްޔާއި މަސައްކަތް ކުރުވާއިރު، ދިވެހީންނަށް އިސްކަން ދިނުން ކަމަށް އެ އުސޫލުގައި ބުނެފައި ވެއެވެ.

އުސޫލުގައިވާ ގޮތުން، ދައުލަތުގެ އިދާރާތަކުން ކުރިއަށްގެންދާ 2،500،000 ރުފިޔާ އާއި 5،000،000 ރުފިޔާއާ ދެމެދުގެ ޕްރޮކިއުމަންޓްތައް ހަވާލުކުރުމުގައި ފާސްވި ބީލަންވެރިންގެ ތެރޭގައި އެރަށަކަށް ނިސްބަތްވާ ފަރާތެއް ހިމެނޭނަމަ، އެ ރަށަށް ނިސްބަތްވާ ބީލަންވެރިންގެ ތެރެއިން އެންމެ މަތިން ރޭންކްވި ފަރާތުން ހުށަހެޅި ބީލަމުގެ އަގާއި މުޅި ބީލަމުގައި އެންމެ މަތިން ރޭންކް ކުރި ފަރާތުން ހުށަހެޅި އަގުގެ ފަރަގު 10 ޕަސަންޓަށްވުރެ ބޮޑުނުވާ ނަމަ އެރަށަކަށް ނިސްބަތްވާ ފަރާތާ ބީލަން ހަވާލުކުރަން ޖެހޭނެއެވެ.

ބީލަމުގައި އެރަށަކަށް ނިސްބަތްވާ ފަރާތެއް ނެތް ނަމަ، އަތޮޅަށް ނިސްބަތްވާ ފަރާތްތަކަށް އިސްކަންދޭންވާނެ ކަމަށް އުސޫލުގައި ބުނެއެވެ. އަތޮޅަށް ނިސްބަތްވާ ފަރާތެއްވެސް ނެތް ނަމަ ދެން އެ ޕޮރޮކިއުމެންޓެއް ހަވާލުކުރަންވާނީ، ބީލަމުން އެންމެ މަތިން ރޭންކް ކުރި ފަރާތަށެވެ.

ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ 2،500،000 ރުފިޔާއަށް ވުރެ ކުދި ޕްރޮކިއުމަންޓްތައް ހަވާލުކުރުމުގައި، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއް ފާސްވި ބީލަންވެރިންގެ ތެރޭގައި ހިމެނޭނަމަ، އެފަރާތުން ހުށަހެޅި އަގާއި އެންމެ ބޮޑު އަގެއް ހުށަހެޅި ފަރާތާއި ދެމެދު އޮތް ފަރަގު 15 ޕަސަންޓަށް ވުރެ ބޮޑުނުވާ ނަމަ، އެންމެ ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ބީލަން ހަވާލުކުރަން ވާނެ ކަމަށް އުސޫލުގައިވެއެވެ. އަދި އެފަދަ ފަރާތެއް ބީލަމުގައި ބައިވެރިނުވާނަމަ ދެން އިސްކަން ދޭން ވާނީ، އެރަށެއްގެ މީހަކު ހިމެނޭނަމަ އެމީހަކަށް ކަމަށް އުސޫލުގައި ބުނެފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top