އޭދަފުށީ ދާއިރާގެ ފަހު ތަޅާލުންގަނޑު. ދޭތިން އެކައްޗަށް

ފޮޓޯ.jpg

މަޖިލިސް އިންތިޚާބުގެ ފަހު ތަޅާލުން ގަނޑަށް ތައްޔާރުވީއެވެ. ވޯޓްލާ ދުވަސް ކައިރިވަމުންދާ ވަރަކަށް ކެމްޕޭންގެ ފޯރި ގަދަވަމުންދާ ތަން އެބަފެނެއެވެ. ޕޯސްޓަރުތައް ގިނަވެ ބޮޑެތިވެ ކެމްޕޭން ލަވަތަކުގެ އަޑުބާރުވެ ރީތި ރާގުން ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖްތައް ދިނުމުގައި ކެންޑިޑޭޓުން އުޅެނީ ވަރަށް ކުރީގައެވެ. ރައްޔިތުން ރުއްސުމުގެ ގޮތުން ކެންޑިޑޭޓުންގެ ބަސްމަގު ހުރީ ދާއިރާގެ ރަށްތައް ރަނުން ގިރިޓީ ކޮށްދޭ ފެންވަރުގައެވެ. ފަސް އަހަރުން އެއް ފަހަރު އަންނަ މި ބޮޑު އީދުގައި ރައްޔިތުންވެސް ތިބީ ދެއަތް އުރާލައިގެން ނޫނެވެ. އެއްބަޔަކު މިއުޅނީ އައްޔާ އަނދިރިއާ ތަފާތުވާނެކަން ދައްކާށެެވެ. މި ފުރުސަތަށް ބަލާތިބި އަނެއް ބަޔަކު “ބޮޑު އެއްޗެއް ނެގުމުގެ ގޮތުން ” ކުރެވެން އޮތް ކަމެއް ކުރަނީއެވެ.

މި ދާއިރާގައި އެންމެ އަޑުގަދަ ކޮށް އުޅެނީ އާއްޓޭއާއި ސަލީމުކަމަށް ބަޔަކު ގަބޫލު ކުރިނަމަވެސް ޔޫސޭއާއި ފައިސަލްގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެއެވެ. އެ ދެ ކެންޑިޑޭޓުންނާއެކު 4 ކެންޑިޑޭޓުންގެ ވާދަވެރި ސިޔާސީ މިރޭހުގައި ކޮންމެ މީހަކު ކުރި ހޯދުމަކީވެސް އެކަށީގެން ވާކަމެކެވެ. އެހެނީ ކޮންމެ ކެންޑިޑޭޓަކުވެސް އެ ކެންޑިޑޭޓުގެ މެނިފެސްޓޯއެއް ނުވަތަ ތަސައްވަރެއް ގެންގުޅޭނެއެވެ. ވޯޓުލާމީހާ ބަލަން ޖެހޭނީ އެ މެނިފެސްޓޯއަށެވެ. ދާއިރާ އާއި މެދު ގެންގުޅޭ ތަސައްވަރާއި އެބޭފުޅުން މި ދާއިރާއާމެދު ދެކޭ ގޮތެވެ. އީވީ އިން މި ގެނެސްދެނީ އެބޭފުޅުން މި ދާއިރާ އަށް ކުރިމަތިލެއްވި ގޮތާ ދާއިރާ އާ މެދު ގެންގުޅޭ ތަސައްވަރެވެ.

އަޙްމަދު ސަލީމު (ކެންޑިޑޭޓް ނަންބަރު 4)

ވޭތުވެދިޔަ ދެ ދައުރު އޭދަފުށީ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ހޯދައިގެން ހުރި މަޖިލީހުގެ ތަޅުމުގެ އިތުރުން ސިޔާސީ މަސްރަހުގައި ރެޑްވޭވް ސަލީމުގެ ނަމަކީ އެންމެ ހިނގާ އެއްނަމެވެ. މިދާއިރާއަށް ތިން ވަނަ ދައުރަކަށް ކުރިމަތި ލައްވައިގެން ހެޓްރިކް ހެއްދެވުމަށް ކުރާ މަސައްކަތުގެ ފަހަތުގައި ވަނީ ކޮންކަމެއް ބާއެވެ؟ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިންގެ ލިސްޓްގެ ގަދަ ފަހެއްގައި އޭނާ ހިމެނޭއިރު ފައިސާގެ ގޮތުން ބަލާނަމަ މިއީ އެހާ ބުރަދަނެއް ހުރި ކަމަކަށް ނުވާނެއެވެ. މަޖިލީހުގައި ފަސް އަހަރު ހޭދަކުރައްވައިގެން ލިބޭ އާމްދަނީއަށް ވުރެ އަތުން ދާ އެތި މާ ބޮޑުވާނެ ކަމަށް ސަލީމު ދަންނަ އެންމެންވެސް އެއްބަސްވެއެވެ. ވެރިކަމުގެ ދާއިރާގައި “ބާރު” ބޭނުންނަމަ މަޖިލީސް ނޫން އެހެން ދާއިރާއަކުން ސަރުކާރަށް އަތްގަދަ ކުރުމުގެ ފުރުސަތުވެސް އޭނާއަށް އޮންނާނީ ފަހިވެފައެވެ. ދެން ކީއްވެގެން ހެއްޔެވެ. ބަހުސަކަށް ދިއުމުގެ ކުރިން މިވާހަކަތައް އަޑުއަހާލުމަށް ފަހު ގޮތެއް ނިންމާނީއެވެ.

ސަލީމު 3 ވަނަ ދައުރަކަށް. ކީއްވެ؟

“ސަލީމަކީ މިދާއިރާގެ ތަރައްގީއަށް އަޅާލާ މީހެއްނޫން. މާޅޮހާއި ހިތާދޫ  އެއޮތީ އަދިވެސް އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފަ. އެކަންކަމާމެދު ސަލީމު ވަނީ އިހުމާލުވެފަ. މިއީ އަހަރެމެން ހީކުރިގޮތެއް ނޫން. އޭދަފުށީގައި ސަރުކާރުން ޕްރޮޖެކްޓްތައް ހިންގިޔަސް އެއީ ސަލީމްގެ ސީދާ ބައިވެރިވުމެއް އޮވެގެން ކުރާ ކަންތައްތަކެއް ކަމަށް ގަބޫލެއް ނުކުރަން. ” މިއީ އޭދަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) އަށް ނިސްބަތްކޮށް ސޯޝަލް މީޑިއާގެ ފޭސްބުކްގައި މީހަކު ކުރި ޕޯސްޓެކެވެ.

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާއަށް ސަލީމް ،ތިންވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނު ކުރުމާ ގުޅިގެން ކުރި މިޕޯސްޓަށް އިތުރު ބަޔަކުވެސް ސަލީމަށް ފާޑުކިޔައި ނެގެޓިވް ކޮމެންޓް ކުރިއެވެ. ސުވާލަކީ ރެޑްވޭވް ސަލީމް އޭދަފުށި ދާއިރާއަށް ތިންވަނަ ދައުރަކަށް ކުރިމަތިލެއްވީ އިތުރަށް ކޮންކަމެއް ބޭނުން ވެގެންބާއެވެ. ނުވަތަ މިދާއިރާއަށް އިތުރަށް ކޮންކަމެއް ކޮށްދެއްވަން ބާއެވެ؟ ސަލީމަކީ އޭދަފުށީ ދާއިރާގެ ތަރައްގީއަށް މަސައްކަތް ކޮށްދެވިދާނެ މާލީ ފެންވަރު ހުރި ، ސަރުކާރާވެސް ދޯޅު މީހެކެވެ. އެކަމަކު މި ވަސީލަތްތަކުގެ ބޭނުން ހިފާފައިވަނީ ކިހާ ވަރަކަށް ހެއްޔެވެ؟ ވޭތުވެދިޔަ ތަނުގައި ކަންހިނގާފައިވާ ގޮތަށް ބަލައިގެން ރައްޔިތުން މިފަހަރު ޖަވާބު ދޭއިރު ސަލީމަށް ހެޓްރިކްގެ ރިކޯޑް ހޯދިދާނެ ހެއްޔެވެ؟

“ސަލީމަކީ މިހާރަކު އެކަންޏެއްނޫން އަބަދުވެސް މިދާއިރާގެ ރައްޔިތުންނަށް ވަރަށް އޯގާތެރި ބޭފުޅެއް. ހަމައެކަނި މި ދާއިރާއެއް ނޫން. ވަކި އަތޮޅެއް ވަކި ރަށެއް ނުބައްލަވާ އޭނާގެ ގާތަށް އެހީއަކަށް އެދިގެން އައި އެއްވެސް މީހަކު ނުހުންނާނެ ހުސް އަތާ އެނބުރި ގޮސްފައެއް. ޚާއްސަގޮތެއްގައި ސިއްހީ ފަރުވާ ހޯދާމީހުންނާއި ކެންސަރުފަދަ ބަލިތަކާ ހަނގުރާމަ ކުރަމުން ދާ މީހުންނަށް ސަލީމުގެ އެހީތެރިކަމުގެ އަތް އޮތީ ވަރަށް ދުރަށް ފެތުރިފައި. މިއީ އޭނާގެ އޯގާތެރިކަން ހުރިވަރު. މިފަދަ މެމްބަރަކު މީގެކުރިން އަޅުގަނޑުމެންގެ މިދާއިރާއަކުން ނުފެނޭ. މިދެންނެވީ ބ. އަތޮޅުންވެސް.” އަހްމަދު ސަލީމްގެ ސަޕޯޓަރެއް އަދި އޭދަފުށީގެ މަޝްހޫރު މުންޑު ކޯލިޝަންގެ އިސް ރައްވެއްސަކު ސަލީމުއާމެދު އޮތް އިތުބާރާ ހިތްހަމަޖެހުން ފާޅުކުރި ގޮތަކީ މިއީއެވެ. އެޕޯސްޓަށް ކޮމެންޓްކުރި އެހެން މީހަކު ބުނެފައިވަނީ ސަލީމަކީ ދާއިރާއަށް ލިބިފައިވާ ނިއުމަތެއްކަމުގައެވެ. އެނިއުމަތުން މަހުރޫމު ނުވުމަށް އޭނާ ގޮވާލާފައި ވެއެވެ.

“ނިކަން ބައްލަވާ އޭދަފުއްޓަށް. ފެނާއި ނަރުދަމާގެ ނިޒާމު އެއޮތީ ނިމިފަ. ރަށުގެ ވަށައިގެން ރިވެޓްމެންޓް ޖެހިއިރު އެމަސައްކަތް ކުރާ ގޮތާމެދު ރައްޔިތުން ހިތްހަމަނުޖެހުމުން ސީދާ ރައީސްގެ ސަމާލުކަން އެކަން ގެންނެވި. އެމަސައްކަތް ހިނގާ ގޮތާ މަސައްކަތުގެ ފެންވަރު ދެއްކުމަށް ހައުސިންގ މިނިސްޓަރާއެކު ރަށަށް ވަޑައިގެން ބޮޑުހިލަތަކުގެ މަތީގައި ހުންނަވައި އަމިއްލަ ލޮލުން ދެކި އެކަންކަން ރަނގަޅުކުރުމަށް މިނިސްޓަރާއެކު ސަލީމު ކުރެއްވި ދަތުރުތަކުގެ ހަނދާން ނެތޭހައި ދުވަސް ވެއްޖެތޯ ؟ އޭދަފުށީ ޒުވާނުން އެކި ނަންނަމުގައި ބާއްވަމުން އަންނަ ގިނަ މުބާރާތްތަކުގެ ފުރާނައަކީ ސަލީމު ނޫނީ ދެން ކާކުތޯ؟ އޭނާގެ އެހީތެރިކަމާނުލައި އެއްވެސް މުބާރާތެއް ބޭއްވުނުތޯ ؟ “އޭދަފުށީގެ ޒުވާނަކު ސަލީމުގެ މަސައްކަތުގެ އަގު ވަޒަންކުރަމުން ބުންޏެވެ.

ސަލީމްގެ އޯގާތެރިކަމާ އޭނާ މީސްމީހުންނަށާ ޖަމާއަތްތަކަށް ވަމުންދާ އެހީތަކުގެ ވާހަކަ ގިނަބަޔަކު ދެއްކިޔަސް ސަލީމުއާ އިދިކޮޅު މީހުން ބުނާގޮތުން ސަލީމަކީ ދާއިރާގެ ރަށްރަށަށް ތަރައްޤީގެ މަޝްރޫއުތައް ގެނެސްދެއްވުމުގައި ފުލޮޕެކެވެ. އެމްޑީޕީގެ ފުލް މެޖޯރިޓީއޮތް ބ. މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވީ ސަލީމަކީ މާޅޮހުގެ ތަރައްގީއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ބޭފުޅެއްކަމަށެވެ.

“މިރަށަށް އެންމެ ދަތިވެފައި އޮތް މައްސަލަ، މިބުނީ ނަރުދަމާގެ މައްސަލައެއީ، މިދިޔަ ސަރުކާރުގައި ސަލީމް ބުނެގެން އަޅުގަނޑުމެން މާޅޮހު ރައްޔިތުންގެ ފައިސާ ހަރަދުކޮށްގެން ނަރުދަމާގެ ޑިޒައިން ހަދައިގެން ދިޔައިން ސަލީމް ގާތަށް ފަންޑު ހޯދައިދޭނެކަމުގެ ފެހި ސިގްނަލް ދިނީމާ. ހަރާން ވީކަމެއް. . ބުނެބަލަ މާޅޮހަށް ސަލީމް ކޮށްދިން ކަމެއް؟.” ޝުޖާއު ސުވާލު އުފެއްދެވިއެވެ.

މިހުރިހާ ހަޅޭކަކާއި، ތައުރީފެއްގެ އަޑު ސަލީމަށް އިވޭނެއެވެ. މިކަމާމެދު ސަލީމު ދިރާސާ ކުރެއްވީ ކިހާވަރަކަށް ކަން އެނގޭނީ ސަލީމަށެވެ. އީވީގެ ފަރާތުން ދާއިރާގެ މެންބަރު އަހްމަދު ސަލީމަށް މިސުވާލުތައް ކޮށްލީމެވެ.

ސަލީމު ޖަވާބުދެއްވިއެވެ. “އަޅުގަނޑަކީ ވިޔަފާރިވެރިއެއް. މިދާއިރާއަށް ފުރަތަމަ ކުރިމަތިލީއިރުވެސް އަޅުގަނޑަކީ އަމިއްލަ ވިޔަފާރިކޮށްގެން އުޅޭ މީހެއް. މަޖިލިސް މެމްބަރަކަށް ވީމާ އަޅުގަނޑަށް މާލީގޮތުން ލިބޭނެ މާބޮޑު މަންފާއެއް ނެތް. އެކަމަކު މިދާއިރާގައި ހުންނަންޖެހޭނީ ދާއިރާގެ ރައްޔިތުންގެ ދަރިއެއް ކަމަށް އަޅުގަނޑު އަބަދުވެސް ވަކާލާތު ކުރަމުން މިގެންދަނީ.

މަޖިލީހަށް ކުރިމަތިލުމަށް ހުޅުވައިލުމުން ދާއިރާގެ ރައްޔިތުން ގޮވައިގެން އުޅެވޭ ވަރުގެ ސިޔާސީ ގޮތުންނާއި މާލީ ގޮތުން “ބާރު” ހުރި ދާއިރާގެ ރަށްވެހިކަން އޮތް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވުމަކީ ދެވަނަ ވިސްނުމަށް އަޅުގަނޑަށް ދާންޖެހުނު ސަބަބު. އެއާއެކު އަޅުގަނޑު ނިސްބަތްވާ ޕާޓީ އިން ޔަގީން ކެންޑިޑޭޓަކަށް ފުރުސަތު ދިނުމުގެ ގޮތުން ޕްރައިމަރީއަކާ ނުލައި އަޅުގަނޑަށް ޓިކެޓް ދިނީ ޕާޓީއަށް އިތުބާރު އޮތް ހަމަ އެކަނި ކެންޑިޑޭޓަކީ އަޅުގަނޑު ކަމަށް ވުމަކީ ތިންވަނަ ދައުރަކަށް ކުރިމަތި ލުމުގެ ޝައުގުވެރިކަން އިތުރުވި ކަމެއް. އިތުރަށް ބުނާނަމަ ދާއިރާގެ ރައްޔިތުންގެ ތެރެއިން ކަމުވޮށިވެގެންވާ އެތައް ބައެއްގެ އެދުމާވެސްއެކު އެމީހުންގެ އެއިޚްލާސްތެރި އެދުން ބޮލާލާ ނުޖަހާން ވެގެން ތިންވަނަ ދައުރަކަށް ކުރިމަތިލީ.

“މި ދާއިރާއަށް ކުރިމަތިލާ މީހެއްގެ ކިބައިގާ ދާއިރާ ތަމްސީލުކުރުމުގެ ގާބިލުކަން މަޖިލީހުގެ އެތެރެއާއި ބޭރުގައި ވެސް ހުންނަން ޖެހޭނެ. މާލީގޮތުންނާއި އިލްމީ ގޮތުން އަދި ތަޖްރިބާގެ ގޮތުން ކަމަށް ވިޔަސް. ހަމަ އެއާއެކު ރައްޔިތުންގެ ހައްގުގައި ބުނަންޖެހޭ ކޮންމެ ބަހެއް ،ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގެ ހިތްވަރުހުރި މީހަކަށް ވާން ޖެހޭނެ. އެފަދަ މީހަކު ކުރިމަތިލައިފިކަމަށް ގަބޫލު ކުރެވިއްޖެނަމަ ދާއިރާގެ ގޮނޑި ދޫކޮށްލަން ތައްޔާރު. އަޅުގަނޑު ފެންނާނީ ވަކި މޫސުމަކަށް ނޫން. އެހެންނުވާނެ މާދުރުން އައި މީހަކު ހޮވައިގެނެއް.” ސަލީމު ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން އެބަބުނޭ ދާއިރާއަށް ތަރައްގީ ގެނައުމުގައި ސަލީމުގެ ދައުރު ވަރަށް ބޮޑަށް ކުޑައޭ. ކީކޭތޯ ވިދާޅުވާނީ؟

“އަނގަ އޮތިއްޔާ ކޮންމެ ވާހަކައެއް ދެއްކިދާނެ. އެކަމަކު އެހެނެއްނޫން ދެއްތޯ ކަންކަން ފެންނަން މިހުރީ. 2008ގައި އައި ސަރުކާރުގައި އޭދަފުށީގައި އެއްވެސް މަޝްރޫއެއް ހިންގުނުތޯ. ދާއިރާގެ ރައްޔިތުން ދެވަނަ ދައުރަކަށް އަޅުގަނޑު އިންތިޚާބު ކޮށްފައިވަނީ މަޖިލީހުގައާއި މަޖިލީހުން ބޭރުން ވެސް ދާއިރާގެ ރައްޔިތުން ބޭނުންވާ ގިނަ ކަންތައްތަކެއް ނުވަތަ ޚިދުމަތް ތަކެއް ކޮށްދެވިއްޖެކަމަށް ގަބޫލު ކުރާތީ ކަމަށް އަޅުގަނޑު ދެކެނީ. މީގެ އިތުރުން ދާއިރާގެ ރަށްރަށުގެ ޖަމިއްޔާތަކުން ރަށުގެ ކުރިއެރުމަށާއި ޒުވާނުންގެ ފައިދާ އަށް ކުރާ ކަންކަމުގައި އަޅުގަނޑު ހުންނާނީ ވަރަށް ބޮޑަށް ބައިވެރިވެފަ. ހަގީގަތުގައި އިޖްތިމާއީ ދާއިރާގައި ހަރަކާތްތެރިވާ ދާއިރާގެ ރަށްރަށުގެ ޖަމިއްޔާތަކަށް އަޅުގަނޑުގެ ފަރާތުން އެދުނު ހުރިހާ ކަމެއް ކޮށްދީފައިވާނެ “ސަލީމު ވިދާޅުވިއެވެ.

“ފަޚްރުވެރިކަމާއެކު ބުނަންކެރޭ. މި ދާއިރާގެ މެންބަރެއްގެ ގޮތުން ދާއިރާއަށް ބޭނުންވާ ކަންކަމާގުޅޭ ގޮތުން ސަރުކާރުގެ މުވައްސަސާތަކުގެ އިސްވެރިންގެ އަރިހަށް އަޅުގަނޑަށްވުރެ ގިނައިން ދާ އެހެން މީހަކު ނުހުންނާނެ. އަޅުގަނޑުގެ ދާއިރާ ތަމްސީލު ކުރަނީ ގޭގައި އިނދެގެން ނޫން. މަޖިލީހުގެ ޔައުމިއްޔާ ތަކާއި މަޖިލިސް ހިނގާ ގޮތް ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ބައްލަވާ ނަމަ އެމަޝްރޫއުތައް ނުހިނގާ ހުރީ އަޅުގަނޑުގެ ސަބަބުން ކަން ގަބޫލެއް ނުކުރާނެ. ” ސަލީމު ވިދާޅުވިއެވެ.

ސަލީމު ވިދާޅުވީ ބަޖެޓްގައި ކަމެއް ހިމެނުމަށްފަހު އެމަޝްރޫއު ތަންފީޒު ވާން ޖެހޭނެކަމާއި އެކަމަކު އެކަން ނުހިނގުން ނުވަތަ ލަސްވުން އެއީ މުޅިން އެހެން ކަމެއް ކަމުގައެވެ. އެހެންނަމަވެސް އެފަދަ މަޝްރޫއުތައް ހިނގަން ނުފަށާނަމަ ނުވަތަ ލަސްވާނަމަ، ކަމާބެހޭ ސަރުކާރުގެ މުވައްސަސާތަކުގެ ސަމާލުކަން ގެނައުމަކީ އާއްމުކޮށް އޭނާ ހިނގަމުން އަންނަ މަގުކަމަށް ވިދާޅުވިއެވެ.

“ދާއިރާގެ މެންބަރު ވީމާ ހަމައެކަނި މަޖިލީސް ތަމްސީލު ކުރާ މެންބަރެއްގެ ގޮތަކަށް ނޫން އަޅުގަނޑު ވިސްނުން ހުންނަނީ. ކޮންމެ ރައްޔިތަކަށް ވެސް ބޮޑު ކަމެއް ދިމާވެއްޖެނަމަ އަޅުގަނޑުގެ ފަރާތުން އެމީހަކަށް އެހީވެވެން އޮތް ގޮތަކަށް އެހީތެރިވުމާއި ސަރުކާރު މެދުވެރިވެގެން ކުރަން ޖެހޭ ކަންކަމުގައިވެސް އެމީހަކަށް އެހީތެރިވުމަކީ އަޅުގަނޑު ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ބަލަމުން އަންނަނީ. “

އާއްޓޭ އޭދަފުށި ދާއިރާއަށް

އާރޯ ތާނާ ހުރި މުޅިން އާ ކެންޑިޑޭޓެކެވެ. އެކަމަކު މއ. އެވަރގްލޯރީ އަހްމަދު އާރިފް ، އާއްމު ބަހުންނަމަ އާއްޓޭ އަކީ އޭދަފުށީ ދާއިރާއަށް މިހާރު އާނަމެއް ނޫނެވެ. 2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ކެމްޕޭން ޓީމުގައި ހިމެނި ބ.އަތޮޅުގެ މިދާއިރާގައި އެމްޑީޕީއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް ކުރެއްވި މަސައްކަތުގެ ތެރޭގައި ވަނީ ތައާރަފް ވެފައެވެ. އޭގެ ފަހުން 2018ގެ ރިޔާސީ އިންތިޚާބުވެސް ކޯލިޝަނަށް ކާމިޔާބު ކޮށްދިނުމަށް މިދާއިރާގައި އޭނާ ކުރި މަސައްކަތުން ރަނގަޅު ނަތީޖާއެއް ހޯދިއެވެ. އެހެންނަމަވެސް ރިޔާސީ ދެ އިންތިޚާބު ނިމުނު އިރުވެސް ރައްޔިތުންގެ މަޖިލީހުގެ މިދާއިރާ އަށް ކުރިމަތި ލެއްވުމުގެ ޝައުގުވެރިކަމެއް ނުގެންގުޅުއްވައެވެ.

ޚިޔާލު ބަދަލުވީ މިހިސާބުންނެވެ. އާއްޓޭ ބުނާ ގޮތުން އޭރު މަސައްކަތް ކުރީ ރައްޔިތުންނާ ދުރުން ކަމަށްވިޔަސް ރައްޔިތުންނާ ގާތުން ޚިދުމަތް ކުރުމުގެ ޝައުގުވެރިކަން އުފެދުނީ މި ދާއިރާގެ ރައްޔިތުންގެ ރަށްފުށުގެ ދިރިއުޅުމާ އެމީހުންގެ މިޒާޖު އޭނާ އަށް މާބޮޑަށް ގަޔާވެގެންނެވެ. އިލްމީ ގޮތުން ކުރިއަރާފައިވާ ދާއިރާއަކަށް ވާތީވެ އަމިއްލަ ވިޔަފާރި ހިންގުމުގެ އިތުރުން ސިޔާސީ މީހަކަށް ވުމަށް ވިސްނުން ބަދަލު ވެގެން ދިޔައީއެވެ.

މަޖިލިސް އިންތިޚާބަށް އެމްޑީޕީގެފަރާތުން މި ދާއިރާއަށް ތިން މީހުން ކުރިމަތި ލާފައިވުމަކީ އޭނާގެ ފުރަތަމަ ޗެލެންޖެވެ. އެކަމަކު އޭނާގެ ތަސައްރަފް ފުދިފައިވާ ވިޔަފާރީގެ ވިސްނުމުގެ ބޭނުންކޮށްގެން އޭދަފުށީ ދާއިރާގައި އެންމެ އަޑު ކިޔާފައި އޮތް ބ.އަތޮޅު ކައުންސިލްގެ ރައީސް މަބުރޫކް ނަސީރު ބަލިކޮށް ޕްރައިމަރީ ކާމިޔާބު ކުރުމަކީ މުޅި ދާއިރާ ވެސް ގުޑައިގެން ދިޔަ ކަމެކެވެ.  އޭދަފުށީގައި މޫލާފައި އޮތް އެމްޑީޕީއާ އެޕާޓީގެ ބަދަލެއް ނުވާނެ ވިސްނުމަށް ސިޔާސީ ބާރުގަދަ ބޮމެއް ގޮއްވާލައި މަސްރަހު ބަދަލު ކޮށްލި ހިކުމަތްތެރިޔާ އަކީ ހަމަގައިމުވެސް އާދައިގެ މީހަކަށް ނުވާނެކަން އޭނާގެ އަމަލުން ދައްކައިދިނީއެވެ. ރަށު މީދާ ރަށަށް ގަދަވާނެއޭ ބުނާބަސް ތެދަކަށްނުވެ އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތަކުން އަތޮޅު ކައުންސިލްގެ ދެ ދައުރު ވެސް ކާމިޔާބުކުރި މަބުރޫކު ބަލިކޮށް މާދުރުން އައި ބީރައްޓެއްސަކު ކާމިޔާބު ކުރުމަކީ މި ދާއިރާއަށް އާއްޓޭ ފައްކާވެފައިވާ ކަމުގެ ހެއްކެކެވެ. އެއީ ކާމިޔާބެއް ނަމަވެސް އަސްލު އިމްތިހާނު އަދި އޮތީ ކުރިއަށެވެ. މާލީ ގޮތުންނާ ތަޖްރިބާގެ ގޮތުން ބެލިޔަސް ގަދަ ހިފުމަކަށް ދާން ޖެހިފައިވަނީ އާދައިގެ މީހަކާ ނޫނެވެ. މި ދާއިރާގައި ދެ ދައުރު ފުރިހަމަކޮށް ތިންވަނަ ދައުރަކަށް ކުރިމަތިލާފައިވާ މަޝްހޫރު ވިޔަފާރި ވެރިޔާ އޭދަފުއްޓަށް އުފަން އޭދަފުށީގެ ބާރުގަދަ މަޝްހޫރު ރެޑްވޭވް ސަލީމު އާއެވެ. ކިހާވަރަކުން ދާނެ ބާއެވެ. މިއީ މުޅިދާއިރާގެ އެންމެންގެވެސް ބޮޑު ސުވާލެވެ. އާއްޓެ ބުނަނީ ކީކޭ ހެއްޔެވެ. އާއްޓޭ އާއި މަބުރޫކުގެ ވާދަވެރި ޕްރައިމަރީގައި އެމްޑީޕީގެ މި ދާއިރާ ހަމައަށް ދެފަޅި ވެފައިވާއިރު މަބްރޫކުގެ ސަޕޯޓަރުންނާ ނުލާ އާއްޓޭއަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ހެއްޔެވެ ؟

އީވީގެ ފަރާތުން މި ސުވާލު އާއްޓޭއަށް ހުށަހަޅާލީމެވެ.

އެއީ މާޒީކަމަށް ބަލާފައި މިދާއިރާގެ މުޅި އެމްޑީޕީގެ އިތުބާރު އެޖެންޑާ19 އަށް ނުވަތަ އާއްޓޭއަށް ލިބިދާނެ ހެއްޔެވެ.

“ޕްރައިމަރީ އަކީ ޕްރައިމަރީ. އަހރެމެން ދެމީހުންވެސް ނުކުތީ އެއްދިމާއަކަށް އެއް މަގްސަދެއްގައި. އަހަންނަށް ކާމިޔާބު ކުރެވުނީ. އޭގެ މާނައަކީ އެހިސާބުން މަބުރޫކާއި އޭނާގެ ސަޕޯޓަރުން އެމްޑީޕީގެ ފިކުރާ ވަކިވުމެއްނޫން. އަދި މިދެމެދުގައި އޮތް ގާތްކަމަށް ބަދަލު އައުމެއްނޫން. އުއްމީދު ކުރަނީ ޕާޓީލައިނުން ބޭރުންވެސް ގިނަ ވޯޓް ތަކަކާއެކު އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް. “މަޗްހޫރު ވިޔަފާރިވެރިޔާގެ ބަސް އިއްވިއެވެ.

“އާއްޓޭއަކީ މާލެއަށް އުފަން، ބާރުގަދަ މަޝްހޫރު ވިޔަފާރިވެރިއެއް. އަދި އަންހެނުންނަކީ އަތޮޅުތެރެއަށް ނިސްބަތްވާ ކަނބަލަކަށްވާއިރު މިދެ ދާއިރާ ދޫކޮށް ބީރައްޓެހި ދާއިރާއަކަށް ކުރިމަތިލެއްވީ ކީއްވެގެންތޯ ؟ކޮބައިތޯ މި ދާއިރާއާ މެދު ގެންގުޅުއްވާ ތަސައްވުރަކީ؟ ”

“މިއީ ބީރައްޓެހި ދާއިރާއެއް ނޫން. ބައިވަރު ރައްޓެރިންވެސް އުޅޭނެ. ހަގީގަތުގައި ތަރައްގީގެ ގޮތުން މިސާލަކަށް އޭދަފުއްޓަށް ބަލާއިރު މިފެންވަރުގެ ރަށެއްގެ ތަރައްގީ އޮތީ އޮންނަންވާ ވަރަށް ވުރެ ދަށުގައޭ ބުނާ ހިތްވަނީ. އެހެންވީމާ އޭދަފުށި ނެކްސްޓް ލެވެލްއަށް ގެނެވި މުޅި ރަށުގައި ތާރު އެޅި ރަށް ފުރިހަމަވެގެންދާ ގޮތުގައި މަސައްކަތް ކުރުން އެއީ އަޅުގަނޑު އޭދަފުއްޓާމެދު ގެންގުޅޭ ތަސައްވަރަކީ. ހަމައެއާއެކު ހިތާދޫއާއި މާޅޮހުގެ ފެނާއި ނަރުދަމާގެ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައިގާ. ތަޣައްޔަރުވެފައިވާ ފެނުން ފެންވަރަނީ. ހިތާދުގެ ކަރަންޓުގެ ހާލަތުވެސް އެހާ ދަށުދަރަޖައިގ. ތެދަށް ދަންނަވާނަމަ އެ ދެރަށުގެ މީހުން އެތިބީ ވަރަށް ނިކަމެތި ހާލެއްގަ. އެކަމަށް ހައްލު ހޯދައިދޭނަން. މިކަންކަމަކީ މިހާ ހިސާބަށް އަންނައިރު ފުރިހަމަވެފައި ހުންނަންޖެހޭ ކަންކަން. އެހެންވިޔަސް ދާއިރާގެ މެންބަރުގެ ބޮލުގައި ނުވަތަ ސަރުކާރުގެ ބޮލުގައި އެކަން އަޅުވާކަށްނެތިން. އަޅުގަނޑު މިނުކުތީ މިކަންކަމަށް ހައްލު ހޯދައިދޭން. އެޖެންޑާ 19 އިން އެކަންކަން ކަށަވަރުވާނެ. “

ގަބޫލު ކުރަންތޯ އެއްވެސް ކެންޑިޑޭޓަކީ ޗެލެންޖެއް ކަމަށް.؟ 

“ކޮންމެ މީހަކާ ވާދަކުރުމަކީވެސް ޗެލެންޖެއް. ސަލީމުއާ އަހަންނަކީ ވެސް ދެ އިންސާނުން. ގާތް ރައްޓެއްވެސް މެ. ތަފާތުވާނީ ފިކުރު. އެކީގައި އެއް އޮފީހެއްގައި ސަރުކާރުގައި މަސައްކަތްވެސް ކުރިން. ސަލީމްވެސް އަހަރެންވެސް މަޖިލީހަށް އައުމަށް ވިއްކާނެ މެނިފެސްޓޯއެއް އޮންނާނެ. އަހަރެން މި ދާއިރާގެ ރައްޔިތުންގެ ގާތަށް މިއައީ އެމްޑީޕީގެ އެޖެންޑާ 19 ހިފައިގެން. އޭތި ރައްޔިތުންނަށް މި ކިޔައިދެނީ. ދެން ރައްޔިތުން ނިންމާނީ ވޯޓުދޭނެ މީހެއް. ދެން މިކަހަލަ ބޮޑު ކަމަކާ ކުރިމަތިލާނީ ޔަގީންކަމެއް ވެސް އޮވެގެން. ހަަމަ އެހެންމެ މަސްއޫލިއްޔަތު ތަކެއްވެސް އެބަހުރި. އެގޮތުން ބަލާއިރު ކުރިއަށް އޮތް ފަސް އަހަރަށް މަޖިލީހަށް ހޮވޭ މީހެއްގެ ވަރަށް ބޮޑުމަސްއޫލިއްޔަތެއް އޮތް ކަމަށް ދެކެން. އެއީ ދާއިރާގެ ތިން ރަށަށްމެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި 15 އަހަރު ދުވަހުގެ ތަރައްގީ ހޯދުމަށް މަސައްކަތްކުރަން ޖެހޭ ކަމަށް ގަބޫލު ކުރެވެނީ. ހަމައެއާއެކު ސަރުކާރުންވެސް ރައްޔިތުންނަށާ ރާއްޖޭގެ އެންމެހާ ރަށްތަކަށް ތަރައްގީގެނެސް ދިނުމުގައި އެއްވެސް ހުރަހެއްނެތި މަސައްކަތް ކުރެވޭނީ ސަރުކާރުގެ ބަސްވިކޭ މަޖިލީހެއް އޮވެގެން.” މިއީ އާއްޓޭ ގަބޫލު ކުރައްވާ ގޮތެވެ.

މިފަހަރުގެ ސަޕްރައިޒް ކެންޑިޑޭޓް

މިފަހަރުގެ ސަޕްރައިޒް ކެންޑިޑޭޓަކީ އޭދަފުށީ ދޭދަރުގޭ ޔޫސުފްމޫސާ (ޔޫސޭ )އެވެ. ރިސޯޓް ދާއިރާއިން ލިބޭ އާމްދަނީ އިން ދިރިއުޅުން ނިޔާމައިގާ ވޭތުކުރަމުން އަންނަ ޔޫސުފް މޫސާ ސިޔާސީ ދާއިރާއަށް ނުކުންނާނެ ކަމަށް އެކަކުވެސް ހިއެއް ނުކުރާނެއެވެ. އެންމެންނާވެސް ގުޅޭ ހިތްހެޔޮ މިޒާޖެއްގެ ވެރި ޔޫސޭ މިދާއިރާއަށް ކުރިމަތިލުމަށް އޭނާގެ ނަފްސު މަޖްބޫރު ކުރުވި މައިގަނޑު އެއް ސަބަބަކީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ކަމަށް އޭނާ ބުނެއެވެ. އެއީ އޭނާ އަދާކުރަމުން އަންނަ ވަޒީފާގެ ދާއިރާއިން ފެންނަ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުވެފައިނެތުމުން އިންސާނިއްޔަތަށް ޓަކައި އުފެދުނު ހަމްދަރްދީ ކަމަށް ވެދާނެއެވެ. ހަމައެހެންމެ ދާއިރާގެ ރައްޔިތުންގެ ފުރިހަމަ ނުވާ އަސާސީ ޚިދުމަތްތަކާ ހިތްފަސޭހަ ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސް ވެފައިނުވާތީ މަޖްލިސް މެދުވެރިކޮށް ދާއިރާގެ ރަށްތަކަށް އެކަންކަން ފުރިހަމަ ކޮށްދިނުމަށް އޭނާގެ އަމިއްލަ އެދުމެއްނެތް ވިސްނުން މިކަމަށް އެދުންވެރި ކުރުވީއެވެ.

ޔޫސޭ ވިދާޅުވީ ލޭބަރ ޕާޓީގެ ޓިކެޓްގައި މަޖިލިސް އިންތިޚާބުގައި ވާދަކުރަން ނިންމީ މެނިފެސްޓޯ އަކާވެސް އެކުގައި ކަމަށެވެ. އެ މެނިފެސްޓޯގެ އެންމެ އުސް އަލިތަކުގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ އުމުރުން 18 އަހަރު ނުފުރޭ ކޮންމެ ކުއްޖަކަށް އަސާސީ އާމްދަނީގެ ގޮތުގައި މަހަކު 2220 ރުފިޔާ ދިނުމަށް މަޖިލީހަށް ބިލެއް ހުށަހެޅުމެވެ.

“ދެން އޮތް ކަމަކީ މަސައްކަތްތެރިކަމުގެ ދާއިރާގައި އުޅޭ މީހުންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ ގޮތުން ގާނޫނީ ބާރުތަކެއް މިދާއިރާއަށް އިތުރަށް ހޯދައިދިނުން. އެގޮތުން މިހާރު ރިސޯޓްތަކުން ދޭ ސާވިސް ޗާޖު 10 އިންސައްތައިން 12 އިންސައްތަ އަށް ބޮޑުކުރުމަށް ބިލެއް ހުށަހަޅާނަން . ހަމަ އެއާއެކު ރިސޯޓް ތަކާއި އެހެނިހެން ދާއިރާ ތަކުން ދިވެހިންނަށް ވަޒީފާ ދޭ ނިސްބަތް 90އިންސައްތަ އަށް ބަދަލު ކުރަން މަޖްލިސް ތެރެއިން މަސައްކަތް ކުރާންނަ. އަދި ސްކޫލް ކުދިންގެ ފޮތް ދަބަސް ލުއި ކުރުމުގެ ގޮތުންނާއި ޓެކްނޮލޮޖީ އަށް އަހުލުވެރި ކުރުމުގެ ގޮތުން ރައީސް ޔާމީންގެ ރިޔާސަތުގައި ދަރިވަރުންނަށް ދެއްވި ޓެބްލެޓް ބޭނުން ކުރުމަށް ބާރު އަޅާނަން ” އެޗްޕީއެލް ކަނޑޫމާ ރިސޯޓުގެ ލޯންޗް ސެކްޝަން އަދި ލަކްސް މޯލްޑިވްސްގެ އެކްޓިންގ އެޗްއާރު މެނޭޖަރު ކަންވެސް ކުރިން ކުރައްވާފައިވާ ޔޫސޭ ވިދާޅުވިއެވެ. .

އިތުރަށް ދެން އޮންނާނެ މުހިއްމު ކަމަކީ މި ދާއިރާގެ ރަށްރަށް ތަރައްގީ ކުރުމާބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ޕްލޭނަށް އަމަލުކުރުންކުރުން ކަމަށް ވިދާޅުވެ ފަސް އަހަރުގެ ތަސައްވަރު އީވީއާ ހިއްސާކުރެއްވިއެވެ. ..

ޔޫސުފް ވިދާޅުވީ ލޭބަރޕާޓީގެ ކެންޑިޑޭޓެއްގެ ގޮތުގައި އޭނާ ނިކުމެ ހުރިނަމަވެސް، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ކޮންމެ ކަމެއްގައިވެސް އެއްބާރުލުން ދޭނެ ކަމުގައެވެ. މިހުރިހާ ސަބަބުތަކާއެކު އޭނާއަށް ވޯޓުދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top