ސްކޫލު ޗުއްޓީގައި ކުދިން އަމިއްލައަށް ކަންކަން ކުރަން ދަސްކޮށްދިނުމަށް މެޑަމް ފަޒުނާ އެދިވަޑައިގެންފި

236350_1f61ca9b-1_-2048x1363.jpg

މިފެށޭ ސްކޫލު ޗުއްޓީގައި ކުދިން އަމިއްލައަށް ކަންކަން ކުރުމުގެ މުހިއްމުކަން ފާހަގަކުރައްވައި އެކުދިންނަށް އެކަން ކުރަން ދަސްކޮށްދިނުމަށް މެޑަމް ފަޒުނާ އެދިވަޑައިގެންފި އެވެ.

އެކަމަނާ މިކަމަށް ބާރުއަޅުއްވައި ވާހަކަ ދެއްކެވީ ބްރިޖް ލިޓްލް ލަރނަރސް ޕްރީސްކޫލްގެ ދަރިވަރުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި އެކަމަނާ ވަނީ ކުދިން އަމިއްލައަށް ފާޚާނާއަށް ގޮސް ތާހިރުވާން ދަސްކޮށްދިނުން ފަދަ ކުއްޖާއަށް އެކަނި ކުރެވޭނެ ކަންކަން ޗުއްޓީތެރޭގައި ދަސްކޮށްދިނުމުގެ މުހިއްމުކަމުގެ މައްޗަށް އަލި އަޅުވާލައްވާފައެވެ.

ދަރިވަރުންނާއި ބެލެނިވެރިންނާއި މުޚާތަބު ކުރައްވައި އެކަމަނާގެ ވާހަކަފުޅުގައި، ކުދިންނާއި ބެލެނިވެރިން ވެސް ޗުއްޓީގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށާއި ޗުއްޓީގެ އުފާވެރިކަމާއި ތަޖުރިބާތައް ކުދިންނަށް ހޯއްދަވައި ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ޗުއްޓީ ތެރޭގައި ކުދިންނަށް ގްރޭޑް ފޮތްތައް ބެލެނިވެރިން ކިޔަވައިދޭކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ އާއްމުގޮތެއްގައި ބޮޑު ޗުއްޓީގައި ބެލެނިވެރިން ދެން އޮންނަ ގްރޭޑަކަށް ކުދިން ތައްޔާރުކުރުމަށް ފޮތްތަކަށް އަހުލުވެރިކުރުވުމަށް މަސައްކަތްކުރައްވާކަމަށެވެ. ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއް ހޭދަކުރައްވައި ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެކަމަނާ ވިދާޅުވީ މިއީ ބޭނުންތެރިކަމެއްގެ ގޮތުގައި ގިނަފަހަރަށް ކުރެވޭ ކަމެއް ނަމަވެސް އެގޮތަށް ކަންތައް ކުރުމުން ކުދިންނަށް ސްކޫލްގައި އެފިލާވަޅު ނަގައިދޭ ވަގުތު ފިލާވަޅު މަތިން ފޫހިވާގޮތްވާކަމަށެވެ. އެހެން ހެއްދެވުމުން ސްކޫލަށް ކުދިންގޮސް ހަމަ އެފިލާވަޅުތައް ހަދަން ޖެހުމުން ފޫހިވާ ގޮތް މެދުވެރިވާ ކަމަށް ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top