ތިންބެއިން އެއްބައިކޮށްދިން ވަފާ

ޖަމިއްޔަތުލްވަފާ.jpg

އީވީ ފޮޓޯ

ތައްޔާރުކުރީ: މުހައްމަދު ނަސީރު، އަބްދުލްގައްޔޫމް ޔޫސުފް

ހިތާ ހިތުގެ ގުޅުމަކީ މިއީއެވެ. މާތްﷲ އިސްސާނުންގެ މެދުގައި ލެއްވި އެންމެ މާތް އަދި އެންމެ މުގައްދަސް ގުޅުމެވެ. އުޚުއްވަތްތެރިކަމުގެ ރީތި މިސާލެކެވެ. މި މުޖްތަމައުގައި މަދުން ނޫނީ ނުފެންނާނެ މިސާލެކެވެ.

ތިން ބެއިން އުފަންވީ ތިން ރަށަށެވެ. ރަށް ދޫކޮށްލާފައި އަންނަން ޖެހުނީ ބީރައްޓެހި ރަށަކަށެވެ. ވަގުތީ ގޮތަކުން ނޫނެވެ. މުޅި އުމުރަށެވެ. ވިހާ ބޮޑުވި ފަސްގަނޑާ ކާބަފައިންގެ ހަނދާންތަކާ އެހަނދާންތަކާ ގުޅިފައިވާ އުފަލާ ހިތާމައެކުލެވޭ އަސަރުގަދަ އެތައް ވާހަކަތަކެއް ވެސް ދޫކޮށްލާފައެވެ. ދިރިއުޅެވޭނެ ގޮތާ ވަސީލަތްތައް ހުރީ ފުރިހަމަވެފައެވެ. އެކަމަކު ހުރިހާ ކަމެއް އަލުން ފަށަން ޖެހޭތީ ވިސްނަންޖެހޭ ބައިވަރު ކަންތަކެވެ. އެންމެ ބޮޑު މައްސަލައަކީ ނުދަންނަ ބައެއްގެ ތެރޭގައި އުޅެން ޖެހުމެވެ. އެކަމަށް އެހީވެދިނީ ވަގުތާ ހާލަތެވެ. އެއީ ހުރިހާ ކަމެއް ބަދަލުވުމުގެ އަސާސް ކަމުން ތިންބެއިންގެ ކުރިމަގުގެ ރީތި ތަސައްވަރަކާއެކު އަތުގައި ހިފީ ވަފާއެވެ.

މަޖާޒީ ގޮތެއްގައި އަޅުގަނޑު ތިންބެއިންގެ ގޮތުގައި މި ދެއްކީ އޭދަފުއްޓަށް ބަދަލު ކުރި މާއްޑޫއާއި އުޑޫދޫ އަދި ފުނަދޫ މީހުންގެ ވާހަކައެވެ. ‘ވަފާ’ އަކީ އެތިން އަވައްޓެރިން އެއްބައިކޮށްދިން ޖަމިއްޔަތުލް އިއްތިހާދުގެ ބަނޑުން އުފަންވި ޖަމިއްޔަތުލްވަފާ އެވެ.

ފުނަދޫއާއި އުޑޫދޫ އަކީ ޖެހިގެން އޮތް ދެރަށަށް ވުމުން މިދެމެދުގައި އުޚުއްވަތްތެރިކަން ކޮންމެވެސް ވަރަކަށް ގާއިމް ވެފައިވެއެވެ. އެހެންނަމަވެސް މާއްޑޫ އަކީ މާދުރުގައި އޮތް ރަށަކަށް ވާތީ މި މީހުންނާ ގާތް ގުޅުމެއް ނެތެވެ.

1968 ވަނަ އަހަރު އޮކްޓޯބަރު މަހު އޭދަފުއްޓަށް ތިން ރަށުގެ މީހުން ބަދަލުކުރީ ވަކި ރަށެއްގެ ގޮތުގައި ނުވަތަ ވަކި އަވަށެއް އާބާދު ކޮށްގެންނެވެ. އޭދަފުށީގެ ހުޅަނގު ކޮޅުގައި އޮތް ބިޔަ ވާ ސާފުކޮށް އަވަށެއްގެ ގޮތުގައި ތަރައްގީކޮށްގެންނެވެ. ގެއަޅައިދީފައި ދިރިއުޅެވޭނެ ގޮތް އޭދަފުށީ ޔޫސުފް ކަލޭފާނުގެ މޭސްތިރިކަމުގެ ދަށުން ދިވެހި ސަރުކާރުން ކިތަންމެ ރަނގަޅަކަށް ހަމަޖައްސައިދީފައި އޮތަސް އުޅެން ޖެހިފައި އޮތީ ބީރައްޓެހި އަވައްޓެރިންގެ ގޮތުގައެވެ. ތިން ރަށުގެ ޖުމްލަ އާބާދީ 500 ވަރު ވުމާއެކު ކުޑަ އާއިލާ އެކޭ ނުބުނެވޭނެއެވެ. ނަމަވެސް ވަކި އަވަށެއްގައި އުޅެން ޖެހުމަކީ ވަކި ރަށެއްގެ ސިފަ ޖެހިގެން ދިޔަ ކަމެކެވެ.

އޭދަފުއްޓަށް ބަދަލު ކުރި މީހުން ދިރިއުޅޭ އަވަށަށް މާއްޑޫ އަވަށުގެ ނަން ދީފައިވަނީ މާއްޑޫ އަކީ ލީޑް ކުރާ ރަށް ކަމަށް ބަލަމާ ހިނގާށެވެ. އެކަން އެގޮތަށް އޮވެމެ ތިންރަށުގެ މީހުން އެކުގައި ދިރިއުޅެން ފެށުމުން މަޑުމަޑުން މާހައުލަށް ހޭނި އަވައްޓެރިކަމުގެ ގުޅުން ގާއިމް ވާން ފެށި އެވެ. ތިން ރަށް އެއް ޖަމާއަތަކަށް ނިސްބަތްވާ ޔުނިއަން އެއް ނުވަތަ އިއްތިހާދެއް ގާއިމު ކުރުމުގެ ވާހަކަ ފެށުނި މިހިސާބުންނެވެ.

މި ޚިޔާލު އުފަން ކުރުވީ މާއްޑޫ މީހުން އޭދަފުއްޓަށް ބަދަލު ކުރިއިރު މާއްޑޫގެ ޒުވާނުނެއްގެ ގޮތުގައި ހުރި އޭދަފުށީ ދަރެސް ޔޫސުފް މުހައްމަދު (ބަރާބަރު ޔޫސުފް) އެވެ.

އަލްމަރްހޫމް ޔޫސުފް މުހައްމަދު (ބަރާބަރު ޔޫސުފް ) ރައީސް މައުމޫން އަރިހުގައި

“މިކަހަލަ ވިސްނުމަކަށް މަގު ފަހިވެގެން ދިޔައީ އޭރު އޭދަފުށީގައި ބސމދ ޖަމިއްޔާގެ ހަރަކާތްތައް ފެނިގެން. އެކަމުން ރަށަށް އައިސްފައިވާ އިޖްތިޖާއީ ކުރިއެރުން ތަކާއެކު އަޅުގަނޑުމެން ތިން ރަށުގެ މީހުންގެ މެދުގައި ވެސް ޖަމިއްޔާ އެއް އުފެއްދިދާނެ ކަމަށް ޔޫސުފަށް ވިސްނިގެން .” ޔޫސުފަށް ބޮޑުބޭބެ ކިޔާ ކޮއްކޮއެއްގެ ގޮތުންނާއި އަވަށުގެ ބަސްވިކޭ ޒުވާނެއްގެ ގޮތުން އޭނާއާއެކު މަސައްކަތް ކުރެއްވި އަބްދުލްކަރީމް ހުސެން ވިދާޅުވިއެވެ.

އެކަމަކު އިއްތިހާދު އުފެއްދުމުގައި އިސްކޮށް އުޅުއްވި ފުނަދޫ ޚާލިދު ކިޔައިދެއްވި ގޮތް ތަފާތެވެ.  “އަޅުގަނޑުމެން މިރަށަށް ބަދަލުވުމާ އެކު ފުޓްބޯޅަ ވެސް ކުޅުމަށް ބޭނުންވީ. ދަނޑު ލިބޭ ގޮތެއްނުވި. އަތޮޅު އޮފީހާ ރަށު އޮފީހުންވެސް އެކަމެއް ނުކޮށްދިން. އެންމެ ފަހުން މިކަން ބޮޑުވެގެން ހަނދާންވާ ގޮތުގައި 1970ވަނަ އަހަރު ގަސްދު ކުރީ ޖަމިއްޔާ އެއް ރަޖިސްޓްރީ ކުރަން. ” ޚާލިދު މައުލޫމާތު ދެއްވި އެވެ.

މި ކަމަށް އަމަލީ ސިފަ ގެނައުމަށް ޔޫސުފް އިސްވެ ހުންނަވައި މަޝްވަރާއަށް ގޮވާލާފައިވަނީ ފަސް މީހުންނަށެވެ. އޭނާގެ އަމިއްލަ ގެ ‘ދަރެސް’ ގައި އޮތް މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވީ އަބްދުލް ކަރީމްގެ އިތުރުން މައިނާގޭ ޚާލިދު އާދަމް (ފުނަދޫ ޚާލިދު ) އާއި ދުންތަރި އަބްދުއްރަހުމާން ހުސެން (ދުންތަރި ރަހުމާނު )ގެ އިތުރުން މާތިލަ މުހައްމަދު ޚަލީލު (މާއްޑޫ ޚަލީލު ) ކަމަށް ކަރީމު ވިދާޅުވިއެވެ.

ޖަމިއްޔާ އުފެއްދުމުގެ ގޮތުން “މާތިލަ” ބައްތެލިން މާލެ ދިޔައީ ތިން ރަށުގެ މީހުން ހިމެނޭ ގޮތުން މާއްޑޫން ބަރާބަރު ޔޫސުފާ ޚަލީލު އާ އިރުވަރު މުހައްމަދު ޔޫސުފް (ޅަސޮރު) ،އުޑޫދޫ އިން އަލީ ޒަކަރިއްޔާ ފުނަދޫން ފުނަދޫ ޚާލިދު އެވެ.

ޚާލިދު އާދަމް (ފުނަދޫ ޚާލިދު )

“ޖަމިއްޔަތުލް އިއްތިހާދު އުފެއްދުމަށްޓަކާ މާލޭގައި ދެހަފްތާ ވަންދެން ކުރި ބުރަ މަސައްކަތް ކާމިޔާބުވުމުގައި ޖަމިއްޔާތައް ރަޖިސްޓްރީ ކޮށްދޭ ވުޒާރަތުއްދާޚިލިއްޔާގައި ހުންނެވި ކޮލިގޭ އުމަރު މަނިކުއާއި އެއިދާރާގެ ސެކްރެޓަރީއަކަށް ހުންނެވި އޮމަދޫ ހުސެން ފިކުރީގެ އެހީތެރިކަން ވަރަށްބޮޑަށް ފާހަގަކުރަން .” ޚާލިދުވިދާޅުވިއެވެ.

ޖަމިއްޔަތުލް އިއްތިހާދު ރަޖިސްޓްރީ ކޮށްދިނުމުގެ ކުރިން ޖަމިއްޔާގެ ހިންގާ ގަވާއިދު ހުށަހެޅުމަށް އެންގެވުމުން އެއީ ހަމަ ކުއްލިއަކަށް ނިންމާލެވޭ ވަރަށްވުރެ ބުރަކަމަކަށް ވާތީ އަސާސީ ގަވާއިދެއް އެކުލަވާފައިވާނީ ދަރަވަންދޫ ނާސިރިއްޔާ ޖަމިއްޔާގެ އަސާސީ ގަވާއިދު އަސްލަކަށް ބަލައިގެންކަމުގައި ޚާލިދު ވިދާޅުވިއެވެ.

ޖަމިއްޔާތަކުގެ ގަވާއިދު އޮންނަ ގޮތުން މަސްއޫލު މެންބަރުންގެ ގޮތުގައި ފަސް މެންބަރުން ތިބެން ޖެހޭތީވެ މަސްއޫލު މެންބަރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވަނީ ދަރެސް، ޔޫސުފް މުހައްމަދު އާއި މައިނާގެ، ޚާލިދު އާދަމާއި ދުންތަރި، އަބްދުއްރަހްމާނާއި އުނޑޫދޫގެ އަލީ ޒަކަރިއްޔާ އަދި މާތިލަ، މުހައްމަދު ޚަލީލު އެވެ. ޖަމިއްޔާގެ ރައީސް ހޮވަން ޖެހެނީ މަސްއޫލު މެންބަރުންގެ ތެރެއިން ކަމަށް ވާތީ އެމަގާމަށް އައްޔަން ކުރީ ޔޫސުފް މުހައްމަދުއެވެ.

އައްޑިހަ ވަރަކަށް މެންބަރުންނާއެކު އުފަންވި ޖަމިއްޔަތުލް އިއްތިހާދުގެ ފުރަތަމަ ޖަލްސާ އޮތީ ރައީސް ޔޫސުފްގެ ‘ދަރެސް’ ގައެވެ .

ޖަމިއްޔާ އުފެދުމާއެކު މަގްސަދާ އެއްގޮތަށް ކުރިއަށް ދިއުމުގެ ގޮތުން އަވަށު އެންމެން ގުޅިގެން ރަށަށް އެހިނދަށް ބޭނުން ވާފައިވާ ބޮޑު ކަމެއް ކޮށްދިނުމުގެ ވާހަކަ ތިލަވެގެން އައީ ރައީސްގެ ފަރާތުންނެވެ. ނަމަވެސް އެކަމުގައި ރައީސްގެ ވިސްނުން ހުރީ ތަންކޮޅެއް މަތީގައި ކަމަށް އާއްމު ބައެއް މެންބަރުންނަށް ފެނި ޚިޔާލު ތަފާތުވުންތަކެއް އުފެދުނެވެ.

“ރައީސްގެ ޚިޔާލަކީ އަވަށުގައިހުރި ބަދަލު ކުރި ގޭގޭގެ ވަށާފާރު ރޭނުން. ގޯތީގެ އިން ވަކި ކޮށްފައި ހުންނަނީ އޮށިން ގަތާފައި. އެއީ ނިމުމެއް ނެތް ކަމަކަށް ވެފައި ފާރު ރޭނުމަކީ މިކަމުގެ ހައްލު ކަމަށް ރައީސަށް ފެނި އެކަން އެއް ރެއެއްގެ ޖަލްސާ ގައި މެންބަރުންގެ ސަމާލު ކަމަށް ގެނައި . “ކަރީމް ވިދާޅުވި އެވެ.

އަބްދުލްކަރީމް ހުސޭން

ރައީސް ލަފާ ދެއްވީ އިއްތިހާދުގެ ނަމުގައި އަވަށުގެ އެންމެން ގުޅިގެން ހުރިހާ ގެއެއްގެ ވަށާފާރު ރޭނުމެވެ. އޭރަށް ބަލާއިރު ބޮޑު ކަމެކެވެ. ރަށްރަށަށް ގޮސް ލަކުޑި ކަނޑައިގެން އުވަ ދަވައިގެން ކުރަންޖެހޭ ބުރަ މަސައްކަތަކަށް ވާއިރު މިކަން ކުރެވިދާނެ ގޮތާމެދު ސުވާލު އުފެއްދި މީހުން މަދެއް ނޫނެވެ. އެ އެންމެންނާ ޗެލެންޖް ކުރައްވައި އަވަށު އެންމެންނާ މަޝްވަރާ ކުރެއްވުމަށް ފަހު ރައީސް ޔޫސުފް އެ ޕްރޮޖެކްޓް ކުރިއަށް ގެންދެވޭނެ މަގުވެސް އަމާން ކުރެއްވިއެވެ.

“އަވަށު މީހުންގެ ކަމަކީ މަސައްކަތް ކުރުން. ތިމަންނަގެ ދެދޯނި އެއޮތީ ލަކުޑި ކަނޑައިގެން އުވަ ދެވުމާއި މިކަމާ ގުޅުންހުރި ކަންތަކަށް ހުސްކޮށްފައި.” ރައީސް ޔޫސުފް ވިދާޅުވީ މިހެންނެވެ.

ޚިޔާލު ތަފާތުވުން ނިމުނީއެވެ. އެންމެންވެސް ދެން އުޅުނީ މިކަން ކުރެވޭތޯއެވެ. މަސައްކަތް ފަށައިގަތީ އާދައިގެ ރޫހަކު ނޫނެވެ. އަލަށް ވުޖޫދު ކުރެވުނު ޖަމިއްޔާ އަށްޓަކާ މެންބަރުން ތިބީ ފިދާވާން ތައްޔާރުގައެވެ.

ރޮކެޓް ސްޕީޑްގައި ހިނގައިގަތް މި މަސައްކަތް އެސްޓިމޭޓަށް ވުރެ އަވަހަށް ނިންމާލެވުނީ އަވަށު އެންމެންގެ ބައިވެރިވުމާ އަންހެންވެރިންގެ ކޮޅެއް މިނެއްނެތް އެހީތެރިކަމާވެސް އެކުގައެވެ.

ރައީސްގެ ދެވަނަ އޯޑަރަކީ ނުވަތަ މަޝްރޫއަކީ ޖަމިއްޔާގެ އަމިއްލަ އިމާރާތެއް އެޅުމެވެ. އިދާރީ ކަންކަމާ އިންޑޯ ކުޅިވަރުތައް ކުޅުމަށް ވަކި އިމާރާތެއްގެ ބޭނުން ބޮޑުވުމުންވެ. އާދައިގެ ކަމަކަށްވުރެ ބޮޑު ކަމެކެވެ. އާދައިގެ ބަޔަކަށް ކުރެވޭ ވަރަށް ވުރެ ބޮޑުވެސް ކަމެކެވެ. އެހެންނަމަވެސް އިމާރާތް އަޅާނެ ބިމުގެ ކަންތައްވެސް ހަމަޖެހިގެން ދިޔައީ އޭނާގެ އާދަޔާ ޚިލާފު ބާރުވެރިކަމާއެކު އަވަހަށެވެ. ހަމަ އެހާ އަވަހަށް އިމާރާތުގެ މަސައްކަތް ފަށައިގެން ނިންމާވެސް ލެވުނެވެ. އެންމެން އެއް ރޫހެއްގައެވެ. ވަތަނީ ލޯބީގައެވެ. ޖަމިއްޔަތުލް އިއްތިހާދުގެ އިދާރާ، “ކަށިކުނބުރުވިލާ ” އިމާރާތް ކޮށް އެހާ އަވަހަށް ނިންމާލެވުނީ އެހެންވެގެންކަމަށް އަބްދުލް ކަރީމް ވިދާޅުވިއެވެ.

އެހެންނަމަވެސް އިއްތިހާދުގެ އުމުރު ހީކުރިހާ ދިގެއް ނުވިއެވެ. 1975 ވަނަ އަހަރު ތިންރަށުގެ މީހުން އެނބުރި ރަށަށް ދިއުމުގެ ހުއްދަ ދިނުމާއެކު ތިން ރަށުންވެސް ބަޔަކު އެނބުރި ދިއުމުގެ އޮއިވަރެއް ހިގައިގަތުމާއެކު  ގަދަފަދަ އިއްތިހާދުގެ ބިންގަލަށްވެސް ލޮޅުން އަރައިފިއެވެ. އެންމެ ފަހުން ޖަމިއްޔާގެ އިދާރާ ނީލަން ކިޔައި އިއްތިހާދުވެސް ޒުވާން އުމުރުގައި މަރުވެދިޔައީއެވެ.

ސަބަބުތަކެއްވެސް މެދުވެރިވެ އަމިއްލަ ވަޒަނަށް ދާން އުޅުނު މީހުން އެނބުރި އައިސް އޭދަފުށީގައި ގާއިމް ވުމާއެކު އަނެއްކާވެސް ޖަމިއްޔާއެއްގެ މުހިއްމުކަމުގެ ވާހަކަ ދެކެވެން ފެށިއެވެ. އިއްތިހާދު ގާއިމު ކޮށްދިން އެކުވެރިކަން އިއްތިހާދާއެކު ރޫޅުމުގެ ކޮޅުމަތި ފެންނަން ފެށުމާވެސް އެކު މިކަން އިތުރަށް ފުޅާވުމުގެ ފުރުސަތު ހަނިކުރުމަށް އޮތް ހަމައެކަނި ގޮތަކީ އެންމެން ބައިވެރިވާ އިއްތިހާދެއް އަނެއްކާވެސް އުފެއްދުމެވެ. މިހިނދު އިއްތިހާދު އުފެއްދި ތިން ރަށުގެ އެއް ފެމިލީ އެއްތަންކޮށް އަލުން ގުޅުވައިދިނީ ޖަމިއްޔަތުލް ވަފާ އެވެ. ބަރާބަރު ޔޫސުފްގެ އިސްނެންގެވުމެކެވެ. “މަސްއޫލު ވެރިންނަކީ ޔޫސުފް ޅަސޮރު ރަހުމާން ޚާލިދު “15 އަހަރަށްވުރެ ގިނަ އަހަރު ޖަމިއްޔާގެ ރައީސްކަން ކުރި ރަހުނާން.

ބަދަލުކޮށްލީ ހަމައެކަނި ނަން ބޯޑެވެ. އިއްތިހާދުގެ މެންބަރުންނެވެ. ހަމައެރޫހެވެ. އެ އެކުވެރިކަމުގެ ގަދަފަދަ ބާރެވެ.

ތިން ރަށުގެ ރައްޔިތުން ގުޅިގެން އުފެއްދި ޖަމިއްޔަތުލް އިއްތިހާދުގެ ބަނޑުން އުފެދުނު ވަފާ އާއެކު ތިން ރަށުގެ ރައްޔިތުންގެ މެދުގައި ކުރިން އޮތް ބީރައްޓެހިކަން ކެނޑި އެއް ބައެއް އެއް އާއިލާއެއްގެ ގޮތުގައި ހުރިހާ ކަމެއްގައިވެސް ހިއްސާ ވެގެން ދިޔައެވެ. އިތުރުން އޭދަފުށި އަވަށާމެދު އޮތް ހިތުގެ ދުރުމިންވެސް ކައިރިވެ ކައިވެނީގެ ގޮތުން ހަތަރު ރަށް ގުޅުމުގެ ނަތީޖާއަކަށް ވީ ފުނަދޫ މާއްޑޫކިއުމުގެ ބަދަލުގައި އެ އެންމެންނަކީވެސް އޭދަފުށީ މީހުންގެ ގޮތުގައި ލޭބަލް ވެގެން ދިއުމުވެ.

އާ ބާބެކެވެ. ޚިދުމަތަށް ތައްޔާރުގައި ތިބި ވަފާގެ މެންބަރުން ޖަމިއްޔާގެ މަގްސަދުތައް ހާސިލް ކުރުމުގައި އެއޮންނަ ރޫޓީންގއާ އެއްގޮތަށް މަސައްކަތްތައް ރޭވި ހިނގަމުން ދިޔައެވެ. ހަފްތާ އަކު އެއް ދުވަހު ރަށުތެރެ ސާފުކުރުމާއި އިޖްތިމާއީ ގޮތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ތާވަލާއެއްގޮތަށް ކުރިއަށް ގެންދިއުމުގައި މިސާލު ދައްކަމުން ދިޔައެވެ.

ވަފާގެ ތާރީޚުގައި ރަށަށް ކޮށްދިން އެންމެ ބޮޑު ކަމެއްގެ ގޮތުގައި ރައްޔިތުން ފާހަގަ ކުރަނީ ރަށުގެ މެދުގައި ނިވައިކަމެއްނެތި އެންމެ ހަތަރުފޫޓަށް ރާނާފައި އޮރިޔާން ހާލުގައި އޮތް ގަބުރުސްތާނު ނިވާކުރުމުގެ މަސައްކަތެވެ. ފާރު މިހާރު ފެންނަން ހުރި އުސްމިނަށް ރާނާފައިވަނީ ވަފާ އިންނެވެ.

ދުވާލުގެ މަސައްކަތާއެކު ހަށިގަނޑަށް ލިބޭ ލޮޑުކަން ފިލުވައި ލުމުގެ ގޮތުން ސިކުނޑީގެ ކަސްރަތާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކަކީވެސް މި ފަދަ ޖަމިއްޔާއެއްގެ ރުކުނެއްކަމަށް ވާތީ އެ ދާއިރާ ހަރަކާތްތެރިވާން ފަށައިފިއެވެ. މިއުޒިކީ ހަރަކާތްތައް ފެށުމުގެ ގޮތުން ބ.އަތޮޅުގެ މަޝްހޫރު ނެށުންތެރިޔާ ކަމަދޫ މަރީނާ ގެނެސްގެން އިއްތިހާދުގެ ޒުވާން ޖިއްސުއްލަތީފުން ކޮޅަކަށް ނަށަން ދަސްކޮށްދިންކަން ކަރީމް ފާހަކުރެއްވިއެވެ.

އިއްތިހާދުގެ މިއުޒިކީ ސްޓޭޖްތައް ފަޅަމުން ‘ޕޫޗޯ ޕޫޗޯ’ ފަދަ ރީތި ލަވަތަކަށް ފައި ހަމަކުރަމުން ގެންދިޔަ ޒުވާން ޖިއްސުން ލަތީފުންގެ ތެރޭގައި ހިމެނޭ ރަޝީދާ އާއި ފައުޒިއްޔާ އާއި ޝަރީފާ އާއި ސަމީރާ އަދި ޝަހީދާ ފަދަ ތަރިންގެ ފަރި އަދާ ތައް މިއަދުވެސް ދެކެލަން ބޭނުންވާ އެތައް ބަޔަކު ތިބޭނެއެވެ. ކަރީމުގެ ހިތް ގައިމު އަޑުން ވިރުވާ އަޅަމުން ގެންދިޔަ މިކަހަލަ އެތައް ލަވައެއް އޭގެ އަސްލު ލަވަ އިވޭ ހިނދު އެ ރަން ހަނދާންތަކުގެ ތެރެއަށް ގެނބިގެންދަނީ ކަރީމްގެ އަޑާއި ލަވަ ކިއުމުގައި އޭނާ ގެންގުޅުނު ތަފާތު އަމިއްލަ ގޮތްތަކެއްގެ ސަބަބުންނެވެ.

އިއްތިހާދުގެ އެ ދުވަހުގެ މިއުޒިކް ގްރޫޕްގެ ވާހަކަ މިއަދުގެ ޒުވާނުންނަށްވެސް ވަނީ ޝައުގުވެރި ވާހަކަ އަކަށް ވެފައެވެ. ޚާއްސަކޮށް ކަރީމުގެ ލަވަކިއުމެވެ. ކީއްވެގެން ހެއްޔެވެ.

“އަމިއްލަ ރިމިކްްސް އެއް އުފައްދައިގެން ކިޔާތީ އެގޮތް މީހުންނަށް މާބޮޑަށް ކަމުދިޔައީ.  ހިންދީ ލަވަތައްކިޔާއިރު އެ ލަވަ ކިއުމުގައި ގެންގުޅޭ އަމިއްލަ ގޮތާ މީހުން ގަޔާވީލެއް މާ ބޮޑުވީ.” ކަރީމް ޖަވާބު ދިނެވެ.

ކަރީމް ބުނީ ލަވަ ކިއުމަކީ އަބަދުވެސް ގަޔާވާ ކަމެއްކަމަށާ އޭރުގެ ހާލަތު ނިޔާ ކުރާ ގޮތުން ލަވަކިޔަން ދަސްކުރުން އޮތީ ވަރަށް އުދަނގޫ ކަމަކަށްވެފައެވެ. އެހެންވެ ކަރީމް ހެއްދެވި ގޮތަކީ ގިނަގިނައިން މާލެއަށް ގޮސް ފިލްމް ބެލުމެވެ. އެއީ ކޮންމެހެން ފިލްމް ބަލާ ހިތަކުންނޫނެވެ. އޭގައި ހުންނަ ރީތި ލަވަތައް އަޑުއަހައިގެން ދަސްކުރެވޭތޯއެވެ. ލަވަކިޔަން ދަސްކުރި ގޮތަކީ އެއީއެވެ.

“ވަފާ މިއުޒިކް ގްރޫޕަކީ އަހަރެމެން ތިން ރަށް އެއް ބައެއްގެ ގޮތުގައި ހަދައިދިނުމަށް މެދުވެރިއެއްގެ ގޮތުގައި އޮތް ފާލަމެއް. އީދު ޝޯއާ އެކި މުނާސަބަތުތައް ފާހަގަކުރުމުގެ ގޮތުންބާއްވާ ޝޯ އިންތިޒާމު ކުރަނީ ވަފާގެ ނަމުގައި އުފައްދާފައިވާ ތިން ރަށުގެ ރައްޔިތުން. ” ވަފާގެ ރައީސްކަން އަދި ހިންގާ ސެކްޓްރީކަން ކުރައްވާފައިވާ ފުނަދޫ ޚާލިދު ވިދާޅުވިއެވެ.

މި ގްރޫޕްގެ ވިދުވަރު ފެނިގެން ދިޔައީ ހަމައެކަނި އޭދަފުށީގެ އުދަރެހަކުން ނޫނެވެ. އަތޮޅުގެ ރަށްރަށުންވެސް އެކި މުނާސަބާ މުއްސަނދި ކުރުމުގެ ގޮތުން ވަފާއަށް އައީ ދައުވަތު ލިބެމުންނެވެ.

“މިއުޒިކް ގްރޫޕަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އައި. އޭރުގެ ނިސްބަތުން މަޝްހޫރު ގްރޫޕެއް އެއީ. އަތޮޅުގެ ރަށްރަށުން ދައުވަތު ލިބިގެން ކުޅެން ގޮސްފައިވެސް ހުންނާނެ.” ކަރީމް ވިދާޅުވި އެވެ.

މިއުޒިކް ގްރޫޕްގެ ވޯކަލިސްޓުންނަކީ ކަރީމްއާއި މުދިން ބަކުރެވެ. ބެރުޖެހުން ތެރިޔަކީ ގައްޔޫމެވެ. މަޝްހޫރުވެގެން ދިޔަ ނެށުންތެރިންގެ ތެރޭގައި ޝުކޫރާއި ޔަހުޔާ އަދިވެސް އިތުރު ނެށުންތެރިންތަކެއް  ހިމެނެއެވެ.

އެކަމަކު އަތޮޅު ތެރޭގެ ރަށްރަށުންވެސް ޝޯ ކުޅުމަށް ދައުވަތު ލިބުމަކީ ހައިރާން ވާން ޖެހޭ ކަމެކެވެ. ހަމައެކަނި އެންމެ ބުން ބެރަކާއެކު އެއްވެސް އެހެން މިއުޒިކީ ހަތިޔާރަކާ ނުލާ ހުސްއަތާ ނުކުމެގެން އުޅޭ ބަޔަކަށް މި ވަރުގެ ބޮޑު ތަރުހީބެއް ލިބެމުން ދިޔައީ ކީއްވެގެން ހެއްޔެވެ.

ޖަމިއްޔަތުލްވަފާ އިން އެކި މުނާސަބާތަކުގައި ގެނެސްދޭ ސަގާފީކުޅިވަރެއްގެ ތެރެއިން -ފޮޓޯ /ވަފާ ފޭސްބުކް

“ލަވަކިއުންތެރިންގެ ހުނަރާއި ބެރާ އެއްހަމައަށް ލައްވަމުން ނެށުންތެރިން ލައްވަމުން ގެންދިޔަ ރީތި ކޮރުތަކާ ބަނޑިތައް ފެނުނު އެކަކުވެސް ގްރޫޕްގެ ކުޅަދާނަކަމަށް ތާރީފު ނުކޮށް ފަރަކު ނުޖެހޭނެ. ” އެދުވަސްވަރު ވަފާގެ ހުރިހާ ޝޯއެއް ބެލުމުގެ ރެކޯޑް ހޯދާފައިވާ މުހައްމަދު ހަލީމް ޖަވާބުދިނެވެ.

އެއީ ޖަމިއްޔަތުލް ވަފާގެ މިއުޒިކީ ގުލްޝަންގެ ރަން ޒަމާނެވެ. ކަރީމް އާއި ގައްޔޫމްމެންގެ ވެސް ރަން ޒަމާނެވެ. މިހާރު ވަފާ ހިންގުމާ ހަވާލުވެގެން ތިއްބެވި ޒުވާން ކުދިންގެ ބެލެނިވެރިން ޖަމިއްޔަތުލްވަފާ އަކީ އުޚުއްވަތްތެރިކަމާ އެއްބައެއް ވަންތަކަމުގެ ނަމޫނާ އެއްކަމުގައި ހަދައިދިން އެންމެ ހިތްގައިމު ،ޚިދުމަތްތެރި ހިންގުންތެރި ކާމިޔާބު ރަން ޒަމާނެވެ.

ޖަމިއްޔަތުލްވަފާގެ ކާމިޔާބުގެ ސިއްރަކީ ކޮބާ ހެއްޔެވެ؟

“ވަކި ފިކުރުތަކަށް ތަންނުދީ ރައީސާއި ހިންގާ ކޮމިޓީ ނިންމާ ގޮތަކަށް އާއްމު މެންބަރުން އަމަލު ކުރަމުން ދިއުން. އެންމެންނަށް އިތުބާރުކުރެވޭ ރައީސެއް ހުރުން. ” ކުރުކޮށް ފޮނިކޮށް އަބްދުއްރަހުމާން ޖަވާބު ދެއްވިއެވެ.

އަބްދުއްރަހްމާން ހަސަން

 

ވަފާގެ ރަން ޒަމާނުގެ ހިންގުން ތެރިކަމުގެ ރޭވުންތެރިކަމާ ގަވާއިގދާ އުސޫލުތަކުގެ ހަރުދަނާ ކަމާބެހޭ ގޮތުން ވާހަކަ ދައްކަވަމުން ކުޑަކުޑަ މިސާލެއްގެ ގޮތުން ރަހުމާން ވިދާޅުވީ ކޮންމެ މަހެއްގެ ފުރަތަމަ އަންނަ ހޮނިހިރު ދުވަހުގެ ރެއަކީ އާއްމު ޖަލްސާ އޮންނަ ދުވަސްކަމާ އެޖަލްސާގައި އެމަސްދުވަހު ކުރެވުނު ކަންތަކުގެ ރިޕޯޓް ނުވަތަ ޔައުމިއްޔާ ކިޔައިދިނުމާ ޖަމިއްޔާ ހިންގުން ހަރުދަނާކުރުމާ ބެހޭ ގޮތުން މެންބަރުންނަށް ޚިޔާލު ފާޅުކުރުން ހުޅުވާލާފައި އޮންނާނެ ކަމުގައެވެ.

ޖަމިއްޔަތުލްވަފާގެ ރަންޒަމާނުގައި އެޖަމިއްޔާ ހިނގި ގޮތަށް ތާރީފު ކުރައްވަމުން ރަހުމާން ވިދާޅުވީ ޖަމާއަތަށް ފައިދާ ހުރި އެއްވެސް ކަމެއްގައި އެއްވެސް ޒާތީ ކަމެއް އޮވެގެން ނުވާނެ ކަމަށާ އެންމެންގެ ފައިދާ އަށް ކުރާ މަސައްކަތް ކާމިޔާބު ވާނީ އޭރުން ކަމުގައެވެ.

“ވަފާ ހިންގަމުން ދިޔައީ ވަރަށް ރީތި ކޮށް. ރައީސް ޔޫސުފް އަންގަވާ ގޮތާ ޚިލާފަށް ދެން އެކަމުގައި ބަސް ކިޔާނޭ މީހަކު ނުހުންނާނެ. އޭނާއަކީ އަމިއްލަ އެދުމެއް ނެތި ޖަމިއްޔާގެ ތަރައްގީއަށް އެންމެ ބޮޑު ޚިދުމަތް ކުރި ހަމައެކަނި މީހާ.”

ރަހުމާން ބުނީ ވޭތުވެ ދިޔަ ގިނަ އަހަރުތަކުގައި ޖަމިއްޔާ ހޯދާފައިވާ ކާމިޔާބު އަސްލު ހިއްސާ ދާރަކީ ބަރާބަރު ޔޫސުފު ކަމަށާ ޔޫސުފަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލެއްވުން އެދި ދުއާ ކުރުމުގައި ޖަމިއްޔާ ދެމި އޮތްހައި ހިނދަކު އޮންނާން ވާނެ ކަމުގައެވެ.

މައުނަވީ ގޮތުން ބަލާއިރު ވަފާއަކީ ރަށެއްގައި އޮންނަންޖެހޭނެ ހުރިހާ ރަނގަޅު ސިފަތަކެއް އޭދަފުއްޓަށް ހަމަކޮށްދިން މުހިއްމު ބައިވެރިއެކެވެ. ވަފާއާ އެކު އޭދަފުށީގައި ހިނގަމުން އައި ބސމދ ޖަމިއްޔާ އާއި ޒުވާނުންގެ ޖަމިއްޔާ އުވިގެން ދިޔައިރު މިއަދުވެސް ވަފާ އެބައޮތެވެ. މެދު އުމުރު ފާއިތުވެ މުސްކުޅި އުމުރަށް އަޅައިގެން ފައިވާ އިރު ޒުވާން އިރު ހުންނަ ބާރުވެރިކަމެއް ވެސް ނުހުންނާނެ ތާއެވެ. އެކަމަކު އެއީ ވަފާގެ ހިންގުންތެރިންގެ ދޯދިޔާކަމުން ކަމަށް ރައީސްކަން ކުރައްވާފައިވާ އަބްދުއްރަހުމާން ވިދާޅުވިއެވެ. “އުސޫލާ ހަމަތަކުގެ ބޭރުން އަދި އެންމެން ގަބޫލު ނޫން ގޮތަށް ހިންގަން އުޅުމަކީ މުސްތަގްބަލް ބަނަވާނެކަމެއް ” އޭނާގެ ޚިޔާލަކި މިއެވެ.

ވަފާގެ ކަނބަލުންގެ ކުޅިވަރުގެ ހަރަކާތެއް -ފޮޓޯ : ވަފާ ފޭސްބުކް

އޭދަފުށީގައި ސޯޅަ ވަރަކަށް ޖަމިއްޔާ މިއަދު އުފެދިފައިވާއިރު ވަފާއާ އެ ޖަމިއްޔާ ތަކުގެ ތަފާތަކީ ވަފާއަކީ ވަފާގެ ގޮތުގައި މާއްދީ ފައިދާ އަކާ ނުލާ ކުރިއަށް ދާ ޖަމިއްޔާ އެކެވެ. އިސްވެ ދެންނެވިހެން ދެންނެވިހެން ތިންް ރަށުގެ ރައްޔިތުން އެކަތި ގަނޑަކަށް ހެދުމަށް ފަހު އެމީހުންގެ މެދުގައި އުޚުއްވަތްތެރިކަން ގާއިމު ކޮށް ދެމެހެއްޓުމުގެ ގޮތުން އަހަރަކު އެއްފަހަރު ފާހަގަ ކުރާ މުނާސަބާތަކާ ޚާއްސަ ދުވަސް ތައް ޚާއްސަ ކުރުމުގައިވެސް ވަފާ ފެންނާނީ ވަފާތެރި ކަމުގެ ލާމަސީލު މިސާލެއްގެ ގޮތުގައި އެކީގައި އުޅޭ ދޫނި ބައިގަނޑެއްގެ ގޮތުގައެވެ.

ޝައްކެއްނެތެވެ ޖަމިއްޔަތުލްވަފާ ކޮށްދިން އެންމެ ބޮޑު ޚިދުމަތަކީ ބަދަލު ކުރި ތިން ރަށުގެ ރައްޔިތުން އެއް ބަޔަކަށް އެއް ލެއަކުން ލޭ ހިނގާ އަޚުންތަކަކަށް ހަދައިދިނުމެވެ. ހަމައެއާއެކު އޭދަފުށީ އަވަށާ ދެމެދު ލެވިފައިވާ މައުނަވީ ބޯޑަރުވެސް ނައްތާލުމެވެ. މިހާރަކު މާއްޑޫއެއް އުޑޫދޫއެއް ފުނަދޫ އެއް އެއަވަށެއްވެސް ނެތެވެ. އެންމެންނަކީވެސް އޭދަފުށީ މީހުންނެވެ. ގުޅި ލާމެހިފައި އޮތް އެކުވެރި ރައްޔިތެކެވެ.

އެކަމަކު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މާއްޑޫއާއި ފުނަދޫ އަދި އުޑޫދޫ ރައްޔިތުން އެއްބައިކޮށްދިން ވަފާގެ ރަން ޒަމާނުގައި ފެނުނު ހިތްގައިމު މަންޒަރުތަކުގައި ރަތްވިލާ ލާން ފަށައިފި ކަމެވެ. މިއީ ވަފާދެކެ ލޯބިވާ އެއްވެސް މީހަކު ބޭނުންވާނެ ގޮތެއް ނޫނެވެ. މިކަނަ ބަދަލު ކޮށްލުމަށް އޮތް ހަމައެކަނި ގޮތަކީ އަނެއްކާވެސް “ބަރާބަރު ޔޫސުފެއް” އުފަންވުމެވެ. މިއީ ލައްކަ ވާހަކައެވެ.

 

 

 

 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު