ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމަށް ބ.އަތޮޅުން މާޅޮސް އިސްނަގައިފި

large_1546685968111t94.png

މާޅޮހުގައި ހުންނަ އާރުއޯ ޕްލާންޓުގައި އުފައްދާ ބިއްލޫރި ފެންފުޅި ---ފޮޓޯ: ޓުވިޓާ

އެއްފަހަރު ބޭނުންކުރެވޭ ގޮތަށް އުފައްދާފައިހުންނަ ޕްލާސްޓިކް ފުޅިފަދަ ތަކެތި ހުއްޓާލުމަށް ބ. މާޅޮސް އިސްނަގައިފިއެވެ.

އެގޮތުން ޕްލާސްޓިކުން ސަލާމަތްވެފައިވާ ރަށަކަށް ހެދުމުގެ ގޮތުން ، ސޮނެވާފުށި ރިސޯޓާއި އެރަށުގެ ދެ ޖަމިއްޔާ ގުޅިގެން މިހާރު އަންްނަނީ މާޅޮހުގައި ޕްލާސްޓިކް ފުޅީގެ ބަދަލުގައި ބިއްލޫރި ފުޅީގައި ފެން ބަންދުކުރަން ފަށައިފަ އެވެ.

މި ޕްރެޖެކްޓް ފަށާފައިވަނީ ސޮނެވާ އިން ދިން އާރުއޯ ޕްލާންޓެއް ރަށުގައި ގާއިމްކޮށްގެން ކަމަށް ްެރަށު ކައުންސިލްގެ ނާއިބު ރައީސް އަހުމަދު މުޖުތަބާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ރަށުގެ ފެން ތައްޔާރުކުރާ ޕްލާންޓްގައި ތިން ޓަނުގެ ކެޕޭސިޓީ ހުރި ކަމަށެވެ. އަދި އެ ތަނުގައި ތައްޔާރުކުރާ ބިއްލޫރި ފުޅިތައް މިހާރު ވެސް އެ ރަށުގެ ގެސްޓް ހައުސްތަކާއި އަދި ގޭގެއަށް ފޯރުކޮށްދެމުންދާ ކަމަށް އޭނާ ވަނީ މައުލޫމާތު ދެއްވާފައެވެ.

މާޅޮހު ކައުންސިލުން ބިއްލުރި ފުޅީގައި ވިއްކާ ފެނުގެ އަގުވެސް ހުރީ އަތްފޯރާފަށުގައެވެ. އެގޮތުން  ފައްސަތޭކަ އެމްއެލްގެ ކުޑަ ފުޅިއެއް ވިއްކަމުން ދަނީ 2.50ރުފިޔާ އަށެވެ. އަދި 18.9 ލީޓަރުގެ ބޮޑެތި ރިފިލްކުރާ ފެންފުޅި ވިއްކަމުން ދަނީ 50 ރުފިޔާ އަށެވެ. މިއީ ޕްލާސްޓިކް ފުޅިތައް ވިއްކަމުންދާ އަގަށް ވުރެ ގައިމު ވެސް ހެޔޮ އަގުތަކެއް ކަމުގައި ފާހަގަ ކުރެވެއެވެ.

“އަޅުގަނޑުމެން ފުޅިތައް ގެންގޮސް ހުސްވީމާ އަނބުރާ ޕްލާންޓަށް ގެނެސް ދެން އަނެއްކާ ވެސް ފެން ބަންދުކޮށްގެން ވިއްކަނީ. މިހާރު ވެސް ކޮންމެ ވެސް ވަރަކަށް ރަށުގައި ޕްލާސްޓިކް ފެންފުޅި ބޭނުންކުރޭވޭ،” މުޖުތަބާ ވިދާޅުވިއެވެ.

މުޖުތަބާ ވިދާޅުވީ އެ ބޭފުޅުންގެ ޓާގެޓަކީ މި އަހަރު ނިމުމުގެ ކުރިން މުޅި ރަށުން ޕްލާސްޓިކް ފުޅި ބޭނުކުރުން ހުއްޓާލުން ކަމަށެވެ. އެއަށްފަހު މާޅޮހު ކައުންސިލްގެ އަމާޒު ހުރީ ކައިރި ރަށްރަށަށްވެސް މިކަން ތައާރަފް ކުރުމަށެވެ.

މާޅޮހުގައި އެކަން ކުރަމުންގެންދަނީ ވެސް ސީދާ ވިޔަފާރީގެ އުސޫލަކުން ނޫނެވެ. މިއީ ސޮނެވާ ފުށީގެ ރިސޯޓާ ގުޅިގެން ހިންގާ ޗެރިޓީ ޕްރޮގްރާމްއެއްގެ ދަށުން ހިންގަމުންދާ ޕްރޮޖެކްޓެކެވެ.

“މިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވިދާނެ. މިހާރު ވެސް ރަށުގެ ދެ ގެސްޓްހައުސްއަކަށް އަޅުގަނޑުމެން މިދަނީ ފެން ފޯރުކޮށްދެމުން،” ކައުންސިލްގެ ރައީސް އަބްދﷲ ޝުޖާއު ވިދާޅުވި އެވެ.

“އަޅުގަނޑުމެންނަށް މިހާރު އޯޑަރު ލިބިފައި އެބަ އޮތް މި އަތޮޅު ދަރަވަންދޫގެ އެންމެ ބޮޑު ގެސްޓްހައުސްއަށް ވެސް ފެން ފޯރުކޮށްދޭން. މިރަށުގައި 97ގެ ހުންނަ އިރު 50 ގެއަކުން އެބަ މިހާރު މިފެން ބޭނުންކުރޭ. އާންމުންގެ ތަރުހީބު ވަރަށް ރަނގަޅު. އެކަމަކު އަޅުގަނޑުމެންނަށް ފުޅި އިތުރަށް ބޭނުންވޭ. އޭރުން ސަޕްލައި އިތުރު ކުރެވޭނީ.” ޝުޖާއު ވިދާޅުވި އެެވެ.

ބ.މާޅޮހަކީ ތިމާވެށިގެ ކަންކަމުގައި ރާއްޖޭގެ އެހެން ރަށްރަށަށް ނަމޫނާ ދައްކަމުން އަންނަ ރަށެކެވެ. އެގޮތުން ރަށުގައި އުފެދޭ ކުނި ނައްތާލުމުގެ ނިޒާމު އެންމެ ހަރުދަނާ ކަމާއެކު ފައިދާ ކުރަނިވި ގޮތަކަށް ކުރަމުން ގެންދާ ރަށަކީ މާޅޮސް ކަން ފާހަކަ ކުރެވެއެވެ. މިފަހަރު މާޅޮހުން އަނެއްކާވެސް މި އިސްނެގީ އެއްފަހަރު ބޭނުންކުރެވޭ ގޮތަށް އުފައްދާފައިހުންނަ ޕްލާސްޓިކް ފުޅިފަދަ ތަކެތި ބޭނުންކުރުން މުޅިން ހުއްޓާލައި އެނަމޫނާ ދައްކާށެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top