ފޮނި ޚިޔާލުތަކަކީ ޙަޤީޤަތް ކަމަކަށް ނުބެލެވޭނެއެވެ.

30709960_810617005797645_4109374260954050305_n.jpg

އާހަރުގެ

ތަރުޖަމާ: އަލްމަރްހޫމް އަބްދުއްރަހީމު އަބްދުލް މަޖީދު

ނޯޓް: މައުލާނާ ވަހީދުއްދީން ޚާންގެ ލިޔުއްވުމެއްގެ މިތަރުޖަމާއަކީ 90 އަހަރުތަކުގެ ކުރީކޮޅު ނެރެވުނު “ނޫރު” މަޖައްލާގެ ދެވަނަ އަދަދުގައި އެޕްރީލް 1992 ޝާއިއު ކުރުމަށް ތައްޔާރުކުރެވުނު ލިޔުމެކެވެ. ނަމަވެސް ދިމާވި ސަބަބަކާހުރެ މަޖައްލާގެ އެނަމްބަރު އާއްމުންގެތެރެއަށް ނެރޭވޭގޮތް ނުވީއެވެ. މޮޅު އިބްރަތްތެރި ލިއުމަކަށް ވީތީ އަލްމަރްހޫމް އަބްރުއްރަޙީމް ޢަބްދުލްމަޖީދުގެ ގެ ދަރިކަލުން އަބްދުލްޣަފޫރު އަބްދުއްރަޙީމް ގެ އިޒްނަ އާއެކު އަލުން އީވީގައި މިލިޔުން ޝާއިއު ކުރުމުގެ އުފާ ލިބިގަންނަމެވެ. 

މަގުމަތީގައި އެއްވެފައި ތިބި ބަޔަކު އިންތިޒާރު ކުރަމުންދިޔައީ އެކާވީސް ނަންބަރު ބަސްއައުމަށެވެ. އެމީހުން މިއިންތިޒާރުގައި ތިއްބާ ދުރުން ބަހެއް އަންނަތަން ފެނިއްޖެއެވެ. އަދި އެންމެން އެބަހާ ދިމާއަށް ދުއްވައިގަތެވެ. ބަހުގެ ނަންބަރު ރަގަޅަށް ބަލާލައިފައި އެކަކު ބުންޏެވެ. މިއީ ބާރަ ނަންބަރު ބަހެވެ. އަނެކަކު ހުރެލާފައި ބުންޏެވެ. ބާރަ އެކާވީހަށް ހަދާލާށެވެ. އަދި ބަހަށް އަރައިގެން ދަތުރުކުރާށެވެ.

ދެވަނަމީހާ މިކުރީ ސަމާސާއެއްކަން ސާފުކޮށް އެނގެއެވެ. ކިލާ މަށިކޮޅަކުން ބަހުގައި ބޭނުންނަންބަރެއް ޖަހާލައިގެން، އެބަހަށް އަރާ އޭނާ ދަތުރުކުރަން ބޭނުންވާ ތަނަކަށް ދެވޭނެކަމަށް ހީކޮށް ދަތުރުކުރަން ފެށުމަކީ އެއްވެސް މީހަކު ކުރާނެކަމެއްނޫނެވެ. މިއީ ހަމައެކަނި ހިސާބުގެ ތަފާތު ކަމެއްނޫނެވެ. ޙަޤީޤަތުގެވެސް ތަފާތުވުމެކެވެ. މިޙަޤީޤަތް، ހިސާބުގެ އަދަދު ބަދަލުކޮށްލުމުން، ބަދަލުވެގެންނެއް ނުދާނެއެވެ. މިކަމަކީ ކޮންމެ މީހަކަށްމެ އެމީހެއްގެ އަމިއްލަ ޒާތީ މައްސަލަތަކުގައި ވަރަށް ސާފުކޮށް އެނގިފައި އޮންނަކަމެކެވެ. ނަމަވެސް އަޖާއިބުވެ ހައިރާން ވާންޖެހޭ ކަމަކީ ގައުމުތަކަށް މަގުދައްކާ ލީޑަރުން ގައުމީ މައްސަލަތައް ހައްލުކުރަން ކުރިމަތިލައްވާއިރު މިސާފު ޙަޤީޤަތް ހަނދާން ނައްތާލައްވާ ކަމެވެ. މިގޮތަށް ހަދާލައްވާއިރު، ލީޑަރުން ހީކުރައްވަނީ ރީތިނަމެއްގައި ކަންތައް ކުރުމުން ބޭނުންވާ ޙަޤީޤީ މަގުސަދު ހާސިލުވާނޭ ކަމަށެވެ. ނަމަވެސް ބޭނުންވާ ޙަޤީޤީ މަގުސަދު ހާސިލުވުން އޮތީ  މިއަމަލީ ދުނިޔޭގައި ޙަޤީޤީ ސިފައެއްގައި ވާހަކަތަކާއި އަމަލުތައް ގެންގުޅުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މީސްމީހުންނަށް ތަފާތު ދަރަޖަތަކާއި މަގާމުތައް ލިބެނީ އެމީސްމީހުންގެ ކިބައިގައި ހުންނަ ހާއްސަ މޮޅުކަންކަމަކާ ލަޔާގަތަށް ބެލެވިގެންނެވެ. މިއީ ކަން އޮންނަންވީ ޙަޤީޤީ ގޮތްކަމަށްވިޔަސް، މަގާމާއި ދަރަޖަތައް ދިނުމުގައި ޒާތީ އެހެންބާވަތެއްގެ ކަންތައްތަކަކަށް ބެލެވިގެން ކަންތައް ކުރާއިރު، އެއީ އެންމެ ރަނގަޅު މޮޅު ގޮތްކަމަށް ހީކޮށްލައިގެން އުޅޭތަންވެސް ފެނެއެވެ. ނަމަވެސް އެއީ ތެދު ޙަޤީޤަތަކަށް ވާނެތޯއެވެ؟ އަދި އިގްތިސާދީ ބާރުގެ މައްޗަށް ބިނާވެގެން، ގައުމުތަކަށް ކާމިޔާބީއާއި ނާކާމިޔާބީ ލިބުން އެއީ ޙަޤީޤަތުގައި ކަން ވާންވީ ގޮތްކަމަށް ހިމެނިފައިވާއިރު، މިދެންނެވި ބާރުނެތި، އިގްތިސާދީ ތަރައްގީއަށްޓަކައި، އަޅުގަނޑުމެން ހަމައެކަނި އިހުތިޖާޖުތައް ކޮށް މުޒާހަރާގެ ޕޯސްޓަރުތައް ބަހައްޓައިގެން ކަންތައްކުރަމުން ދިޔަޔަސް ޙަޤީޤީ ކާމިޔާބީއެއް ނުލިބޭނެއެވެ.

މިއަދުގެ ދުނިޔެއަކީ ވާހަކަ ދެއްކުމާއި ބަޔާންތައް ނެރުމުގައިވެސް މުޅިން އައުގޮތްތަކެއް ފެންނަމުންދާ ދުވަސްވަރެކެވެ. މިކަން މިހެންއޮތުމާއިއެކު، ލިޔެކިޔުމާއި ބަހުގެ ގޮތުން ތަރައްގީވެފައިވާ ބަޔަކަށް ވުމަށްޓަކައި އަޅުގަނޑުމެން ކުރަން އުޅޭކަމަކީ އަޅުގަނޑުމެންގެ މުސްކުޅި ކުތުބުޚާނާގެ ނަންބޯޑު ބަދަލުކޮށްލުމެވެ. މޮޅަށް ރީތިކޮށް ނަންބޯޑު ހަދާ ފަންނާނަކު ލައްވާ ރީތިކޮށް “އައުދައުރު” މިނަމުގައި ނަންބޯޑެއް ހަދައި، އެ ކުތުބުޚާނާގައި ބެހެއްޓުމުން އަޅުގަނޑުމެންގެ ޚިޔާލުތައްވެސް އައުވެ ތަރައްގީ ވެގެންދާނޭކަމަށް ހީކޮށްގެންނެވެ. މިއަދުގެ ދުނިޔެއަކީ މުޅި ދުނިޔޭގެވިސްނުމާއި ކޮންމެބައެއްގެ ސިޔާސީ އުސޫލު، ލާދީނީ ބިންގައު ތަކެއްގެ މައްޗަށް އާރާސްތުކުރުމަށް މަސައްކަތް ކުރަމުން ގެންދާ ދުވަސްވަރެކެވެ. އަޅުގަނޑުމެންގެ އާންމު މީސްތަކުންގެ ވިސްނުމާއި ސިކުނޑި ބަދަލުކޮށްލުމަކާ ނުލާ އިސްލާމީ ނިޒާމެއް ގެނެވިދާނެކަމުގެ ހުވަފެން ދެކެމުންދިޔަޔަސް އެއީ ޙަޤީޤަތަކަށް ހެދޭނެކަމެއްނޫނެވެ. އަދި ދެބަސްވުންތަކާއި ޝަކުވާތަކުން ފުރިފައިވާ މުޖުތަމައެއްގައި އެކަންކަން އުފެދުމުގެ ޙަޤީޤީ ސަބަބުތަކެއް އޮއްވައި ރީތިވާހަކަތަކާއި މޮޅު ތަގުރީރުތަކެއްގެ ޖާދޫއަކުން ހުރިހާ ކަމެއް ރަގަޅު ކޮށްލެވިދާނެކަމަށް އަޅުގަނޑުމެން ހީކުރިޔަސް އެއީ ޙަޤީޤަތަކަށް ނުހެދޭނެއެވެ. އެބައެއްގެ ތެރޭގައި ތައުލީމާއި އިގުތިސާދީ ކަންތައްތަކާއި އަދި އެންމެންގެ މެދުގައި އޮންނަންވީ އެކުވެރިކަމާއި އެއްބާރުލުން ހުރިހާ ރޮގަކުން ބަލާއިރު އެންމެ ދަށްފެންވަރަކަށް އޮތް ތަނެއްގައި ޖަލްސާ ތަކާ މުއުތަމަރު ތަކުގެ ޒަރީއާއިން ގައުމުގެ މުސްތަގުބަލު އުޖާލާ ކޮށްލެވިއްޖެކަމަށް އަޑު އުފުލައި ހަޅޭލެވިޔަސް އެއީ ޙަޤީޤަތެއްކަމަށް ނުހެދޭނެއެވެ. ތިމާމެންގެ އަމިއްލަ ނަފްސު ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ ބާރުނެތް ބަޔަކު ދެކޮޅުވެރި ދުޝްމަނުންނަށް ގެއްލުންދިނުމުގެ މަސައްކަތް ކޮށްގެން އިއްޒަތްތެރި ދިރިއުޅުމެއް ހޯދިދާނެ ކަމަށްހީކޮށް ވާހަކަދައްކާ އުޅުނަސް އެއީވެސް ޙަޤީޤތަކަށް ހެދޭނޭ ކަމެއްނޫނެވެ. މިބާވަތުގެ ހުރިހާކަމަކީވެސް ކުރީންބުނެވިދިޔަ ދަތުރުކުރާ ބަހުގައިއޮތް ބާރަވަނަ ނަންބަރު އެކާވީސް ނަންބަރަށް ބަދަލުކޮށްގެން ބަހަށް އަރައި ބޭނުންވާ ތަނަށް ދަތުރުކުރެވިދާނެކަމަށް ހިޔާލު ކޮށްލައިގެން އުޅުންކަހަލަކަމެކެވެ.

މިހާރުގެ މިދުނިޔެއަކީ ހާސިލުކުރަން ބޭނުންވާ ކޮންމެ އެއްޗެއް ހާސިލު ކުރެވެންއޮތް ޒަމާނެކެވެ. އަދި  ނުވެވޭ ގޮތަށް ވެސް އޮތްޒަމާނެކެވެ. ކޮންމެކަމެއް ނުވަތަ ކޮންމެ އެއްޗެއްވިޔަސް ހާސިލު ކުރުމަށްޓަކައި ޒަރޫރަތްތެރިވާ ސަބަބުތައް ފުރިހަމަ ކުރެވިއްޖެނަމަ އެކަމެއް ނުވަތަ އެއްޗެއް ހާސިލުކުރެވޭނެއެވެ. ރޭގަނޑަށްފަހު ދުވާލުއަންނަ ފަދަ ގުދުރަތީ ހަމައަކުންނެވެ. ނަމަވެސް ތަބީއީ ގޮތުން ކަނޑައެޅި ހަމަޖެހިފައިވާ އުސޫލު ތަކުން އެއްކިބާވެ، އެކަމެއް ނުވަތަ އެއްޗެއް ހާސިލުކުރުމަށްޓަކައި ކޮންމެހެން ބޭނުންކަންތައް ފުރިހަމަނުކޮށް އެކަމެއް ނުވަތަ އެއްޗެއް ހާސިލުކުރުމަށް އުޅެފިނަމަ ފުރަތަމަ ދެންނެވި ގޮތުގައި ކާމިޔާބީލިބުން ޔަގީން ކުރެވޭފަދައިން ދެވަނަ ގޮތުގައި ނާކާމިޔާބީއަކީ ޔަގީންކަމެކެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top