ރައްޔިތުންގެ މަޖިލީހުގެ ފުވަައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ޝިފާގް މުފީދު (ހިސްޓޯ) އަށް ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމު ދީފި އެވެ.
ޕީއެންސީގެ އެސްޖޭގެ މަގާމަށް ޝިފާގު އައްޔަންކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުންނެވި ގީލާ އަލީ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ހިސްޓޯ އެ މަގާމަށް ހަމަޖެއްސީ މިއަދު ބޭއްވި ޕީއެންސީގެ ކައުންސިލް ބައްދަލުވުމުގައި ކަމަށެވެ. ހިސްޓޯ ދާދިފަހަކާ ޖެހެންދެން ހުންނެވީ ޕީޕީއެމްގަ އެވެ.
އެގޮތުން ހިސްޓޯ ވަނީ މިދިޔަ ހަފްތާގައި ބޭއްވި ޕީޕީއެމްގެ ކައުންސިލް އިންތިހާބުގައި ވެސް ވާދަކޮށްފަ އެވެ. ނަމަވެސް ހިސްޓޯ ކައުންސިލަށް ހޮވިފައި ނުވާއިރު އޭނާ އަށް ލިބުނީ 18 ވޯޓެވެ.
ހިސްޓޯ ވަނީ މީގެކުރިން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގައި ވެސް މަސައްކަތް ކުރައްވާފަ އެވެ.