ޑރ. ޣަފޫރުގެ ކޮލަމް: އެތައް މިތަނުން ފެންނަ މަންޒަރުތަކުގެ ތެރެއިން

285744148_10160309331410452_6405387425922523332_n.jpg
1. ޒުވާނަކު ދުއްވާފައި ދިޔަ ބައިސްކަލުން، ދުވަސްވީ މީހެއްގައިގައި ޖެހުނެވެ. ނަމަވެސް، އަޅާނުލައި ޒުވާނާ ދިޔައެވެ. ދެން، ދުވަސް މީހާ ގޮވާލާފައި ބުންޏެވެ. “ކޮއްކޯއެވެ. ކޮއްކޮ އަތުން މިތަނަށް އެއްޗެއް ވެއްޓިއްޖެއެވެ.” ދެން ޒުވާނާ އެނބުރި އެތަނަށް އައިސް އެތަން މިތަން ބަލައި ހޯދަން ފެށިއެވެ. ވެއްޓުނު އެއްޗެއް ހޯދުމުގެ ގޮތުންނެވެ. އެ ވަގުތު ދުވަސްވީ މީހާ ބުންޏެެވެ. “ކޮއްކޯއެވެ! ކޮއްކޮ އަތުން ވެއްޓުނު އެއްޗެއް ދެނެއް ނުފެންނާނެއެވެ. ކޮއްކޮ އަތުން ވެއްޓުނީ ރީތި އަދަބާއި އަޚުލާގެވެ. ކޮއްކޮގެ އިންސާނިއްޔަތު ކަމެވެ!”
 
2. ވާހަކަ ދައްކަމުން ދިޔަ މީހާ ބުންޏެވެ. “އަނބިންނަކީ ފައިވާން ފަދަ ބައެކެވެ. ހެޔޮވަރު ފައިވާނެއް ފެނުމުން، ބާފައިވާން އެއްލާލާފައިި، ހޯދާ ފަދައެވެ.”
 
ދެން، އެތަނުގައި އިން ބުއްދިވެރިއެއް ކުރެން އެހުނެވެ. “ހަކީމާއެވެ. އޭނަ އެބުނަނީ ހެޔޮ ވާހަކައެއް ހެއްޔެވެ؟ ޖަވާބުގައި ހަކީމު ބުންޏެވެ. “އޭނާ އެބުނަނީ ހަމަ ހެޔޮ ވާހަކައެކެވެ. އަނބިމީހާ ތިމާއަށް ފެންނާނީ ތިމާގެ އަމިއްލަ ނަފްސު ތިމާއަށް ފެންނަ ގޮތަކަށެވެ. ތިމާއަކީ ފައިތިލަ އެއްޗެއް ކަމުގައި ދެކޭ މީހާއަށް އަނބިމީހާ ފެންނާނީ ފައިވާނެއްގެ ސިފައިގައެވެ. ނަމަވެސް، ތިމާއަކީ ރަސްކަލެއްގެ ގޮތުގައި ދެކޭ މީހާއަށް އަނބިމީހާ ފެންނާނީ އޭނާގެ ބޮލުގައި އަޅާ ތާޖެއްގެ ގޮތުގައެވެ. އެއި ހިތުހުރި ވަގުތު ނަގައި އެއްލާލެވޭ އެއްޗެއް ނޫނެވެ.”
  
3. އެސްފީނާއަކީ ހަގީގަތެއް ކަމަށް ގަބޫލުކުރާއިރު، އެފަދަ ކަންކަމީ މާތްﷲގެ އިޒުނައާ ނުލައި ނުވާނޭ ކަމެއްކަން ހަނދާނެއް ނުހުރެއެވެ. އަދި، ހަމަ އެހެންމެ، އެކަލާނގެ ރައްކާތެރިކަމަށް އެދޭ ކޮންމެ މީހަކަށް އެކަނލާގެ ރައްކާތެރިކަން ލިބިގެންވާ ކަމާއި އަދި، އެކަލާނގެ ރައްކާތެރިކަމުގެ ދާއިރާގެ ތެރޭގައި ހުންނަ މީހަކަށް އެފަދަ ގެއްލުމެއް ނުލިބޭނޭ ކަމުގެ ޔަގީންކަމެއް ވެސް ލިބިފައި ނޯވެއެވެ.
 
4. އެއްބަޔަކު ބަނޑުހައިވެގެން، އެކަމަށް ލުޔެއް ހޯދުމުގެ ގޮތުން ބަނޑުގައި އަތް އަޅައިގެން ތިބި އިރު، އަނެއް ބަޔަކު ކައި ބަނޑުބޮޑުވެ، ބަނޑު ހިންދުމުގެ ގޮތުން ބަނޑުގައި ފޮތިއަޅައި، އެހެން މީހުން ޚަރަދު ކުޑަކޮށްގެން އުޅުމަށް ގޮވާލައެވެ!
 
5. ހުރިހާ މަގެއްގައި ވެސް ބާރަށް ނުދުއްވުމަށް އޮވެއެވެ. އެންމެ މަގެއްގައި ފިޔަވައެވެ. މާތްﷲގެ މަގަށް އެނބުރި ރުޖޫއަވާން އޮންނަ މަގުގައި ވީހާވެސް ބާރަށް ދުއްވާފައި އަންނާށޭ ލިޔެވިފައި އޮވެއެވެ. އަދި އެކަން ކުރުމަށް އެކި ގޮތް ގޮތުން އަބަދުމެ އަބަދު ހަނދާން ވެސް ކޮށްދެވެމުން ދެއެވެ.
 
6. އިސްލާމީ ތާރީޚަށް އަވަސް ކަޅިިއެއް އެއްލާލި ކަމުގައި ވިޔަސް އެނގޭނޭ ކަމެއް އޮވެއެވެ. އެކިއެކި މައުޟޫއުތަކުގައި، އިހުގައި، ފޮތްތައް ލިޔެވުނު އިރު، ހުވަފެން ތައުބީރު ކުރުމުގެ ރޮނގުގައި ލިޔެވިފައި އޮތްތަން ފެންނަނި އެންމެ ދެތިން ފޮތެކެވެ. ނަމަވެސް، އިސްލާމީ މުޖުތަމައުތަކުގައި ހުވަފެން ތައުބީރު ކުރާ އެތައް އެތައް ހާސް މީހުންނެއް އުޅެއެވެ. 
މިއިން އެނގެނި ކޮން ކަމެއް ހެއްޔެވެ؟ އިސްލާމީ މުޖުތަމައުތަކަކީ ނިދާފައި ތިބެގެން ހުވަފެން ބަލަމުންދާ ބައެއް ކަމެވެ. ތަން ބަނގުރޫޓުވެ، ބަނޑަށް ޖެހެމުން ދާއިރު ވެސް، ޒާތީ ތައައްސުބެއްގެ ދަލުގައި ޖެހި ތިމާގެ ޕާޓީއާއި ތިމާގެ ޕާޓީގެ މީހުންނަށް ތައުރިފުކުރުމާއި ޚުޝާމަދުކުރުމުގައި ދެމި ތިބެއެވެ. މީހުން މަރާ ވާހަކަ ބުނުމުން ވެސް، އެކަން އެއީ ގޯސް ކަމެއްގެ ގޮތުގައި ފާހަގަ ކުރެވި އެކަން ތަހުގީގުކުރުމަށް ގޮވާލުމުގެ ބޭނުމެއް އޮތްކަމަށް ނުދެކި، ފާހަގަކުރެވެނީ ކުރީގައި ވެސް އެފަދަ ކަންކަން ހިނގާކަމެވެ! ކީއްވެ ހެއްޔެވެ؟ ތިމާ ތާއީދުކުރާ ބައެއް ދިފާއުކުރުމުގެ މަގުސަދުގައެވެ!

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top