ގަދަމީހުން: އެއްގޭގެ ތިން އިމާމުން

RYN_6125.jpg

މަތީން، އިކްރާމް، ވަލީދު---އީވީ ފޮޓޯ

(ގައްޔޫމް+ނަސީރު)   އެއް އާއިލާއެއްގައި ތިން ޑޮކްޓަރުން އުޅެފާނެއެވެ. ތިން ޕައިލޮޓުންވެސް އުޅެއެވެ. ތިން ޓީޗަރުން އުޅުމަކީވެސް އާއްމު ކަމެކެވެ. އެހެން ނަމަވެސް އެއް ގޭގައި ޒުވާން ތިން އިމާމުން އުޅުމަކީ އާދައިގެ ކަމެއް ނޫނެވެ. ޝަރަފުވެރި ކަމެކެވެ. ފަޚުރުވެރި ވާން ޖެހޭ ކަމެކެވެ. އޭދަފުށީ ނޫރާނީމާގެ އަކީ މީގެ ނާދިރު މިސާލެކެވެ.

އެއީ ބޮޑުސިންގާ ގޯއްޗެއްގައި އަޅާފައިވާ ކުޑަކުޑަ މަދަރުސާ އެކެވެ. ގޭގެ ނަމާ ގުޅުން ހުރި ނޫރާނީ ނޫރެކެވެ. އިލްމީ ބިނާއެކެވެ. އެ ބިނާ އިން ގްރެޖްއޭޓްވެގެން ނުުކުތީ ތިން އިމާމުން އެކަންޏެއް ނޫނެވެ. އެ”މަދަރުސާ“އަށް ނޭވައިލި ނުވަ ދަރިންނަކީ އިލްމުވެރިންނެވެ. ތަފާތު އެކި ފަންނުގެ އެކި ގިންތީގައި ހިމެނޭ ހުނަރުވެރި ކަމަށް ފައްކާވެ ފަރިވެފައިވާ ކުޅަދާނަ ތަރި ތަކެކެވެ. އެތަރިތަކުގެ އަލިކަން މުޅި ރާއްޖެއަށް ފޯރަ އެވެ. ޚާއްސަވެ އޭދަފުއްޓަށެވެ. ޝުކުރުގެ ހައްގުކަން ބޮޑު ވެރިއަކީ އެ ނުވަ ދަރިންގެ މަންމަ ޝަރީފާ އަބޫބަކުރެވެ. އެ މަންމަގެ ވަރުބަލިވުމެއް ނެތް މަސައްކަތުން ކޮށްފައިވާ ތަރުބިއްޔަތުގެ ނަތީޖާ އެވެ.

އޭދަފުށީ ޒުވާނުންގެ ޖަމިއްޔާއިން އޭދަފުށީގައި އިމާމުވެ ހުކުރު ކުރާނެ ޒުވާން އިމާމުން ތައްޔާރު ކުރުމުގެ ގޮތުން ކުރިއަށް ގެންދިޔަ އިމާމް ލެވެލް ތިނަކުން ފާސްވި 13 ދަރިވަރުންގެ ތެރޭގައި އެގޭގެ ތިން ބެއިން ހިމެނިގެން ދިއުމަކީ ޒުވާނުން ވިސްނާލަން ރަނގަޅު ކަމެކެވެ. އޭދަފުށީގައި ހުކުރު ނަމާދު އިމާމުވެ ކުރަމުން އައި 50 އަހަރުން މަތީގެ ހަތަރު ފަސް ޚަތީބުން ރިޓަޔާ ކުރުމުގެ ކުރިން ޒުވާން 13 ޚަތީބުން ތައްޔާރުކޮށް ނިމިފައިވާ އިރު އޭގެ ތެރެއިން ތިން ޚަތީބުން ނިސްބަތްވަނީ ނޫރާނީމާގެ އަށެވެ.

އެތިން ބެއިން އެކޯހުގައި ބައިވެރިވީ ސަރުކާރުގެ ޒިންމާދާރު މަގާމުތަކެއް އަދާކުރަމުން ބިޒީ ދިރިއުޅުމެއްގެ ތެރެއިންނެވެ. އެކަން އެހެންހުއްޓާ އިތުރު ބުރައެއް ބޮލުއަޅައިގެން ޒުވާނުން ތަންކޮޅެއް ދުރުގައި އުޅޭ އިމާމް ކޯހުގައި މި ތިން ޒުވާނުން ބައިވެރިވީ ކީއްވެގެން ހެއްޔެވެ. ރަށު ލޯބި ބާވައެވެ. އިތުރު ސެޓްފިކެޓެއް ހޯދަން ހެއްޔެވެ. ނޫނީ ދީނީ ތައުލީމަށް ދެވުނު ގަދަރުވެރި ކަމުގެ ސަބަބުން ބާއެވެ. ނޫނީ މަންމަގެ އެދުމެއް ފުރިހަމަ ކޮށްދިނުމުގެ ގޮތުން ބާއެވެ.

ޖަވާބާއި ހަމައަށް ދިއުމުގެ ކުރިން މަންމަގެ އުނގުން ތަރުބިއްޔަތުވެފައިވާ ތިން ދަރިވަރުންގެ ވަނަވަރު ހާމަ ކޮށްލާހިތް ވެއެވެ.

މުހައްމަދު އިކްރާމް

ބ.އަތޮޅު ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގައި ހުންނެވި މުހައްމަދު އިކްރާމް، ސަރުކާރުގެ ޚިދުމަތަށް ފުރަތަމަ ނުކުންނެވީ އުމުރުން އެންމެ 17 އަހަރުގައެވެ. ސްކޫލް ނިމުނު ގޮތަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އަށެވެ. އެކަމަކު އެއީ އިތުރަށް ކިޔެވުމަށް ފުރުސަތު ހޯދުމަށެވެ. އެފުރުސަތު ހޯއްދަވައި އިންޑިޔާގެ މައިސޫރުންނާއި ބެންގަލޯރުން ، ބިޒިނަސް މެނޭޖްމަންޓުން ޑިގްރީ ހާސިލް ކުރެއްވިއެވެ.

އިމާމް ކޯހަކީ އޭނާ އުއްމީދު ކުރިކަމެއް ނޫނެވެ. ނަމަވެސް އަތުން ޚަރަދެއް ނުކޮށް ރަށުގައި ހުރެގެން ކިޔެވޭތީއާއި އޭދަފުއްޓަށް ޒުވާން އިމާމުން ބޭނުންވާކަން އެނގޭތީ އެ ހުސްކަން ފިލުވައިލުމުގެ ގޮތުންނެވެ.

އިކްރާމް ގަބޫލު ކުރައްވަނީ އޭނާއަށް ލިބިފައިވާ ތައުލީމަކާއި ތަރުބިއްޔަތުގެ އަސްލަކީ މަންމަ ކަމުގައެވެ. މިފަދަ ދިރިއުޅުމެއް މިންވަރު ކުރެއްވީ އެކަމަށް އެދިގެން މަންމަ ކުރެއްވި ހެޔޮ ދުއާ އާއި ބުރަ މަސައްކަތުންނެވެ.

”މިހާރު އަހަރެންގެ އުމުރަކީ 42 އަހަރު. އާއިލާއާއެކު ވަކިން ދިރިއުޅެނީ، އެކަމަކު މަންމަގެ ގާތަށް ދާ ކޮންމެ ފަހަރަކުވެސް ފުރަތަމަ އަހާލާނީ އެންމެ ކުޑައިރު އަހާ ފަދައިން ނަމާދު ކޮށްފިންތޯ. ހުކުރު ދުވަހެއްނަމަ ކަހުފް ސޫރަތް ކިޔެވިންތޯ.“

ހަމައެހެންމެ ބައްޕަ ދަރިންނަށްޓަކާ ކުރެއްވި ބުރަ މަސައްކަތް އޭނާ ފާހަގަކުރެއްވި އެވެ. ދަރިންގެ ކަންކަން ބެލެހެއްޓުމުގައި ބައްޕަ އުފުލާނެ ބުރައާއި ކުރާނެ ޚަރަދުތައް ވަޒަން ކުރެވެނީ އެދުވަސް މިއަދު އިކްރާމަށްވެސް މެދުވެރިވެފައިވާތި ކަމުގައި ގަބޫލު ކުރައްވައެވެ.

އިކްރާމުގެ އަނބިކަނބަލުން ޒަހިއްޔާއަކީ ވެެސް ކަނބަލުންނަށް ހުރި ރީތި ނަމޫނާއެކެވެ. ރައްޔިތުންގެ ޚިދުމަތަށް ނުކުންނެވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީންނެވެ. ރަށުގެ ވައިފެން ހެޔޮ މާހައުލުގައި ދިރިއުޅޭ ހިތުން މާލެ ދޫކުރައްވައި ބޭންކްއޮފް މޯލްޑިވްސް އޭދަފުށި ބްރާންޗްގެ މެނޭޖަރުކަން ކުރެއްވި އެވެ. އާއިލާއަށް ވަގުތު ދިނުމުގެ ގޮތުން އެވަޒީފާ ދޫކޮށްލައްވާފައި މިހާރު ޒަހިއްޔާއަކީ އޭދަފުށި ކައުންސިލަށް ރައްޔިތުން އިންތިޚާބު ކޮށްފައިވާ މެންބަރެެކެވެ.

ވަލީދު އަހުމަދު

ވަޒީފާ އަދާކުރައްވަނީ އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ އައިޓީ ދާއިރާ ގައެވެ. އޭނާވަނީ މި ދާއިރާއިން ސައިރިސްކް ކޮލެޖުން ޑިގްރީ ހޯއްދަވާފައެވެ.

މިސްކިތުގައި އިމާމްވެ ނަމާދު ކުރެއްވުމާއި ހުކުރު ޚުތުބާ ކިޔުއްވުމަކީ ކުޑައިރުއްސުރެ ދެކެމުން އައި ހުވެފެނެކެވެ.

”އަސްލު ވަރަށް ކުޑައިރުއްސުރެ ދެކެމުން އައި ހުވަފެނެއް އިމާމުވެ ނަމާދުކޮށް ބަންގި ގޮވުމާއި ޚުތުބާ ކިއުމަކީ. އެކަމަށް ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ސްކޫލް ނިމުނީއްސުރެވެސް ޗާންސަކަށް ބަލަމުން އައީ. ދެން ޒުވާނުންގެ ޖަމްއިއްޔާއިން ސެޓްފިކެޓް 3 އިމާމް ކޯސް ފެށުމާ ހިސާބުން ޗާންސް ލިބުނީ.“

އެކަމުގެ ޝައުގުވެރިކަން ، ވަލީދުވެސް ގުޅުވާލީ މަންމައާއި ހަމައަށެވެ. ދީނީ ކަންކަމަށް ދަރިން ހޭލުންތެރި ކުރައްވައި ދީން ދެކެ ލޯބިވާ ދަރިންތަކެއް އުފެއްދުމަށް މަންމަ ކުރެއްވި ބުރަ މަސައްކަތާއެކު މަންމަގެ އުއްމީދު ހަގީގަތަށް ހެއްދެވުން ކަމަށް ވަލީދު ވިދާޅުވި އެވެ.

ވަލީދު ވިދާޅުވީ އެގެއިން އިމާމުކަމުގެ ސެޓްފިކެޓް ލިބުނީ ތިން ބެއިންނަށް ކަމަށް ވިޔަސް ކޮންމެ ކުއްޖަކީވެސް އިމާމެއް ކަމުގައެވެ.

”ހަމަ އެކަނި ތިނެއް ނޫން. މިގޭގެ ހުރިހާ ކުދިންވެސް އިމާމް ކަމަށް ޝަރުތު ހަމަވާނެ އިނގޭތޯ. ދެން މިކޯހުގައި ބައިވެރި މިވީ ރަށުގައި ދިރިއުޅޭ ތިންބެއިން. ވަރަށް އުފާވޭ ތިން މީހުން ވެސް އިމާމުންނަށްވެ މިސްކިތް ތަކުގައި އިމާމްވެ ނަމާދު ކުރާތީ. މީހުންގެ ތައުރީފުވެސް ލިބޭ“

ވަލީދުގެ ހުކުރު ޚުތުބާ އަށް ރައްޔިތުންގެ ސަޕޯޓު ލިބެއެވެ. ކުރިއަށް ދިއުމަށް ހިތްވަރުގެ ބަސްތަކުން ތައުރީފު އޮހެ އެވެ.

”ވަރަށް ގިނަ މީހުން ބުނޭ ވަރަށް ކަމުދެއޭ، ވަރަށް ރީއްޗޭ ޚުތުބާ ހުށައެޅުން. އެންމެ ބޮޑަށް އުފާވަނީ އޭދަފުށީ މިސްކިތުގައި އިމާމްވެ ނަމާދުކޮށް ޚުތުބާ ކިޔާނެ މީހުން މަދު ދަނޑިވަޅެއްގައި އަލަށް ޒުވާން އިމާމުން ތަކެއް އުފެދިގެން ދިއުމުން. އެކަމަށްޓަކާ ﷲ އަށް ހަމްދާއި ޝުކުރު ކުރަން. އެއަށްފަހު އަނބިމީހާއާއި މައިންބަފައިންނަށް. ދެން ޒުވާނުންގެ ޖަމްއިއްޔާއިން ހިލޭ ދިން ފުރުސަތު، ޝުކުރުވެރި ކަމާއެކު ފާހަގަކުރަން.“ ވަލީދު ވިދާޅުވި އެވެ.

އަބްދުލްމަތީން އަހުމަދު

މަތީން އަދާކުރައްވަނީ ބ.އަތޮޅު ހޮސްޕިޓަލުގެ އެސިސްޓެންޓް ރޭޑިއޯގްރާފަރ ގެ މަގާމެވެ.

އިމާމް ކޯސް ހެދުމުގެ ޝައުގުވެރިކަން އުފެދުނީ އޭދަފުށީގައި ޒުވާން ޚަތީބުން ބޭނުން ވާކަން އަމިއްލަ އަށް ވިސްނިގެންނެވެ. ދީނަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދީންވެރި ދަރިންތަކެއް އުފެއްދުމަށް މަންމަ ކުރެއްވި މަސައްކަތުގެ ސަބަބުން މަންމަގެ އުފަލަށްޓަކާވެސް މެއެވެ.

މަތީން ވިދާޅުވިގޮތުގައި މި ދާއިރާއަށް ވަނުމުން އެންމެ އުފާވަނީ އާއްމުން އޭނާ ލޯތްބާއިއެކު ބަލައިގެންފައި ވާތީއެވެ.

”އެންމެ ފުރަތަމަ އޭދަފުށީ މިސްކިތުގައި އިމާމުވެ ހުކުރު ކުރި ދުވަސް ހަނދާން ނުނެތޭނެ. އަޅުގަނޑުގެ ކިޔެވުމާއި ޚުތުބާ ހުށަހެޅި ގޮތް ރައްޔިތުން ލޯތްބާއެކު ބަލައިގަތް. ވަރަށް ގިނަ ބަޔަކު އަޅުގަނޑަށް ހިތްވަރު ދިން. އެކަމަށް ޓަކާ ﷲއަށް ހަމްދާއި ޝުކުރު ކުރަން“ 34 އަހަރުގެ މަތީން ވިދާޅުވިއެވެ.

މަތީން ގަބޫލު ކުރައްވަނީ މި ދާއިރާއަށް އަދިކިރިޔާ ވަދެވުނީ ކަމުގައެވެ. އެހެންވެ މިއީ ފެށުންކަން ފާހަގަ ކުރައްވައި މިދާއިރާއިން ކުރިއަށް ދެވޭނެ ފުރުސަތަކަށް ހުރީ ބަލަބަލަ އެވެ.

މަތީންގެ އަނބިކަނބަލުން ޔަމާނީ އަކީ ވެސް އިމާމެކެވެ. އޭނާއަކީ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޤުރްއާން މުދައްރިސެއް ވެސް މެ އެވެ. ދަރިވަރުންގެ ލޯބި ހޯއްދަވާފައިވާ މަޝްހޫރު، ޔަމާނީ މިސް އެވެ.

މަންމަގެ ބަސް

ދަރިންނަށްޓަކާ އެމަންމަ ފަޚުރުވެރި ނުވާންވީ ކީއްވެގެން ހެއްޔެވެ. ނުވަ ދަރިންނަށް ތަރުބިއްޔަތު ދިނުމުގައި ސަތޭކައިން ސަތޭކަ އެވެ. ހުރިހާ ދަރިންނަކީވެސް ބަތަލުންނެވެ. ސަރުކާރުގެ އެކި ދާއިރާތަކުގައި ޚިދުމަތްކުރަމުން ދާ ގައުމީ ބަތަލުންނެވެ. އެދަރިން ބަތަލުންނަށް ހެދުމުގައި ޝަރީފާ ވީ ގުރުބާނީ އަކީ ޚާއްސަކޮށް އޭދަފުށީ އަންހެނުން ވިސްނަން ޖެހޭ ކަމެކެވެ.

ޝަރީފާގެ ބަނޑުން އުފަންވި ނުވަދަރިންގެ ތެރެއިން ތިން ދަރިންނަނީ އިމާމުންނެވެ. ދޮށީ ދަރިފުޅު ޝަފިއްޔާ އަކީ ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ޓީޗަރެކެވެ. ޝާފިޔާއަކީ ސްކޫލްގެ ޤުރްއާން ޓީޗަރެކެވެ. ތައްޔިބާއަކީ ލީޑިންގ ޓީޗަރެކެވެ. ޝަތީހު އާއި ޝާތިރު ހުންނެވީ ދިވެހި ފުލުހުންގެ ޚިދުމަތުގަ އެވެ. ބަސް ބުނެވޭ، ބަސްވިކޭ މަގާމު ތަކުގައެވެ. ދެންހުރީ ޝާފިއު އެވެ. ދިވެހި ގައުމީ ފުޓުބޯޅަ ޓީމްގެ މަޝްހޫރު ޝާފީ އަކީ އެއީ އެވެ. ގައުމީ ފުޓުބޯޅަ ޓީމަށް ރަން މެޑެލް ހޯދައިދިން ޓީމްގެ ރަން ކުޅުންތެރި އެކެވެ.

ޝަރީފާ އާއި ޚާލިދުގެ އާއިލާ

ވިސްނެވުން ހުއްޓެވެ. ޝަރީފާގެ އެންމެ ދަރިއެއްވެސް ބާކިީ ނުކޮށް ނުވަދަރިން ނުވަ ޖަވާހިރަށް ހެދީ ފައިސާތަކެއް ޚަރަދު ކޮށްގެން ނޫނެވެ. މަންމައެއްގެ ވާޖިބު އަދާކޮށްގެންނެވެ. ދަރިންނަކީ ﷲ ދެއްވި އަމާނާތެއްކަމާއި އެދަރިން ރަނގަޅު މަގުގައި ތަރުބިއްޔަތު ކުރުމަކީ އޭނާ އަދާކުރަންޖެހޭ ފަރުސެއް ކަމުގައި ދެކި ދަނެގެންނެވެ.

”ދަރިންގެ އެއްވެސް ކަމެއް މީހަކާ ހަވާލެއް ނުކުރަން. އަމިއްލަ އަށް އެ ޒިންމާ އުފުލީ. ހުރިހާ ދަރިންނަށް ޤުރުއާން އިލްމު އުނގަންނައިދިނީ އަހަރެން. އެންމެ ބޮޑު އިސްކަމެއް ދިނީ ދީނަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހެދުމަށް. ބަރާބަރަށް ވަގުތުން ވަގުތަށް، ވަގުތުގެ ކުރީކޮޅު ޖަމާއަތުގައި ނަމާދު އަދާކުރުމަށް ވަރަށް ބޮޑަށް ބާރުއަޅައި އެއާދަ ހަރުލެއްވިން.“ އޭދަފުށީގައި ރީތި ކޮށް ޤުރުއާން ކިޔަވާ މީހުންގެ ތެރޭގައި ހިމެނޭ ޝަރީފާ ބުންޏެވެ.

އޭނާ ބުނީ ދަރިން ތަރުބިއްޔަތު ކުރުމަކީ މަންމަގެ ޒިންމާއަކަށް ވާއިރު އެކަން ކުރެވޭނީ މަންމަ އެކަމަށް ޚާއްސަވެގެން ކަމުގަ އެވެ. މައިމީހާ ވަޒީފާ އަދާ ކުރަން ގެއިން ބޭރުގައި އުޅެގެން އެކުދިންގެ އަޚުލާގާއި ތަރުބިއްޔަތު ރަނގަޅު ނުވާނެކަމީ ދެބަސް ވެވެން ނޯންނާނެ ހަގީގަތެއް ކަމުގައެވެ.

”ވަރަށް ބުރަކޮށް އުޅުނީ. އެކަނި މާއެކަނި. ކުދިންގެ ބައްޕަ އެންމެ ދުވަހެއް ވެސް ދޫނުކޮށް ދާނީ މަހަށް. އެކަމަކުވެސް ޝަކުވާއެއް ނުކުރަން. ޝަކުވާ ކުރާނީ ކީކޭ ކިޔާފައި ކާކުގާތު؟“މާޒީގެ ހިތި ހަނދާންތައް އާކުރަމުން ޝަރީފާ ބުންޏެވެ.

އެ ބުރަ ދިރިއުޅުމުގެ ތެރެއިން އޭނާއަށް އަލި މަގެއް ފެނުނެވެ. އެއީ ރަހްމަތެއްގެ ގޮތުގައި ސިފަ ކުރައްވަމުން ޝަރިފާ ބުންޏެވެ.

”އެހުރިހާ ދަރިން ގެންގުޅެމުން އެކުދިންގެ ކަންކަން ބަރާބަރަށް ކުރަމުން ދިއުމުގައި އެހީތެރިވީ އިނގުރައިދޫ އަލިބެ.  އޭދަފުއްޓަށް ވަޑާމަށް އައިސް ހުންނަނީ މިގޭގަ. އޭނާގެ ދަރިއެއްވެސް މިގޭގައި ކިޔަވަމުން ގެންދޭ. އޭނާއަކީ މި އާއިލާ އަށް ވަރަށް ގިނަ ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން މީހެއް. އޭނާގެ ދަރިންވެސް މިއަދާ ހަމައަށްވެސް މިއާއިލާ އާއި ވަރަށް ގާތް ގުޅުމެއް ބާއްވާ.  “

ޝަރީފާގެ އުމުރުން 66 އަހަރު ވެގެންދާއިރު މިއަދުވެސް އެދަރިންނާ މެދު ދެކެނީ ކުޑަކުދިންގެ ގޮތުގައެވެ.

”އަންހެން ދަރިންގެ ގާތު އަހަން. ރޯދަ މަސް އައުމުގެ ކުރިން ފާއިތުވި އަހަރުގެ ރޯދަތައް ހިފައިފިންތޯ. ހައްޖުމަސް ނިމުމުގެ ކުރިން ގެއްލުނު ރޯދަތައް ޤަޟާ ކުރަން ބާރުއަޅަން. ހުކުރު ދުވަހެއް ވިއްޔާ ކަހުފް ސޫރަތް ކިޔަވައިފިންތޯ އަހަން. ބޭނުންވަނީ އެކުދިން އަދިވެސް އިސްލާމް ދީނުގައި އޮތް އެންމެ ރަނގަޅު މަގުން ހިނގުމަށް. ނަމާދަކީ ބޭނުން އިރަކު ކުރަން އޮތް އަޅުކަމެއްގެ ގޮތުގައި ނުދެކި ވަގުތުގެ ކުރީކޮޅު ނުވަތަ ޖަމާއަތުގައިކުރުމަށް ނަސޭހަތް ދެން.“

ޝަރީފާގެ ހިތްހެޔޮ ކަމާއި ހިނިތުންވުމާއި އަލިމޫނު ފެނިފައި އެއީ 66 އަހަރުގެ މީހެއްކަމުގައި ގަބޫލެއް ނުކުރެވޭނެ އެވެ. އެހެން ނަމަވެސް މުޅި އުމުރު ބުރަ މަސައްކަތުގައި އުޅެ، ދަރިން ތަރުބިއްޔަތު ކުރުމުގައި ފުލް މާކްސް ލިބުނު އިރު ހަށިގަނޑު ވަރުބަލި ވެއްޖެ އެވެ. އެކަމަށްވެސް ޝަކުވާ އެއްނެތެވެ. ދުނިޔެއަށް އައީތީ އަދާކުރަން ޖެހޭ ހުރިހާ ވާޖިބެއް އަދާކުރެވިއްޖެ ކަމުގެ ހިތްހަމަޖެހުމާއި ހިނިތުންވުން އޭނާގެ ކުށެއްނެތް ސާފު މޫނުން ކިތަންމެހައިވެސް ރީތިކޮށް ފެނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top