ރަށްރަށުގައި ތިބި ބިދޭސީ ޑޮކްޓަރުންގެ ބަދަލުގައި ދިވެހި ގިނަ ސްޕެޝަލިސްޓް ޑޮކްޓަރުން ތަކެއް ހޯދަން މި ހަފުތާގެ ކުރީކޮޅު އިއުލާނު ކުރުމަށްފަހު ގިނަ އަދަދެއްގެ ބިދޭސީ ޑޮކްޓަރުންނާއި ނަރުހުން ހޯދަން ހެލްތު މިނިސްޓްރީން އިއުލާންކޮށްފި އެވެ.
ހެލްތު މިނިސްޓްރީން އިއްޔެ ވަކިވަކިން ކުރި ދެ އިއުލާނެއްގައި ވާގޮތުން ފަސް ދާއިރާއަކުން ޖުމްލަ 25 ބިދޭސީ ސްޕެޝަލިސްޓް ޑޮކްޓަރުން ބޭނުންވެ އެވެ. އެހެންވެ އެ ޑޮކްޓަރުން ރެކްޓްރޫޓްކޮށްދޭން މަސައްކަތްކުރާ އޭޖެންސީތަކަށް އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށް އިއުލާނުގައި ބުނެއެވެ.
ބިދޭސީ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދަން އިއުލާންކުރި ދާއިރާތަކަކީ އެނެސްތެޓިސްޓް، ގައިނިކޮލޮޖިސްޓް، އިންޓާނަލް މެޑިސިން، ޕީޑިއަޓްރިޝަން އަދި ރޭޑިއޮލޮޖިސްޓެވެ. މި މަގާމުތަކުގެ އަސާސީ މުސާރަ އަކީ 30،990ރ. އެވެ. އަދި ސާވިސް އެލަވަންސްގެ ގޮތުގައި ދުވާލަކަށް 425ރ. އާއި އެކޮމަޑޭޝަނަށް 7،000ރ. ގެ އިތުރުން ކެއުމަށް 2،400ރ. ދެވޭނެ އެވެ.
ނަރުހުންގެ އަސާސީ މުސާރަ އަކީ މަހަކު 9،060ރ. އެވެ. އަދި ސާވިސް އެލަވަންސްގެ ގިތުގައި މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 120ރ. އެކޮމަޑޭޝަނަށް 3،000ރ. އަދި ކެއުމަށް 1،800ރ. ދެވޭނެ އެވެ.
ހެލްތު މިނިސްޓްރީގެ އިއުލާނުގައި ވާގޮތުން 50 ނަރުހުން ބޭނުންވެއެވެ.