ބ.އަތޮޅު ހޮސްޕިޓަލްގެ މަސައްކަތް ލަސްވަނީ މިނިސްޓްރީގެ އިހުމާލުން: ރިޔަން

large_158144217637OrKb.jpg

މަޖިލީހުގެ ނައިބު ރައީސް އިވާގެ ފިރިކަލުން އަޙްމަދު ޝާހިދު (ސާބެ): ރިޔަން އަކީ އޭނާގެ މަސްލަހަތު އޮންނަ ކުންފުންޏެއް --- ސަން ފައިލް ފޮޓޯ

އޭދަފުށީގައި އަލަށް އިމާރާތްކުރަން ނިންމާފައިވާ ބ. އަތޮޅު ހޮސްޕިޓަލުގެ ޑިޒައިނިން މަސައްކަތް ނުނިމި ލަސްވަނީ އެ ހޮސްޕިޓަލް ގްރޭޑް ބަދަލުކުރުމުގެ ސަބަބުން އެތަނުގެ ކުރެހުން އަލުން އެއްކޮށް ތައްޔާރު ކުރަން ޖެހުމުން ކަމަށް ހޮސްޕިޓލް ޑިޒައިން ކުރަން ހަވާލު ކޮށްފައިވާ “ރިޔަން” ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

އެ ކުންފުނިން ބުނީ އެ ހޮސްޕިޓަލުގެ ގްރޭޑް މަތިކުރީ ދެވަނަ ކޮންސެޕްޓް ކުރެހުން ހުށަހެޅިތާ ދެ މަހެއްހާ ދުވަސް ފަހުން ކަމަށެވެ.

ސަރުކާރުން ރާއްޖެތެރޭގައި މިއަހަރު އިމާރާތް ކުރުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް ނުފެށި ލަސްވަނީ ރިޔަން ގެ މަސައކަތް ނުނިމޭތީކަމަށް ހެލްތު މިނިސްޓްރީން ވަނީ މީގެ ދެދުވަސް ކުރިން މީޑިއާ އަށް މައުލޫމާތު ދީފައެވެ. މިކަމާ ގުޅިގެން އެކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ”ރިޔަން “އާއި ހަވާލުވެފައިވާ ސިއްހީ މަރުކަޒުތަކުގެ ތެރެއިން ހުރިހާ މަރުކަޒެއްގެ ޓެންޑާ ލިޔުންތައް އެއްބަސްވުމުގައި ވާފަދައިން މިނިސްޓްރީއާ ހަވާލުކުރެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން، ބައެއް ހޮސްޕިޓަލް އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ގޯތި ކުޑަކަން މިނިސްޓްރީގެ ސަމާލުކަމަށް އެއްބަސްވުން އެކުލަވާލުމުގެ ކުރިން ވެސް ގެނައި ކަމަށާއި މިނިސްޓްރީގެ އިރުޝާދުގެ މަތިން އެ ގޯއްޗަށް ފެތޭވަރަށް ކުރެހުން ބަދަލުކުރި ފަހުން އެހެން ތަނަކު ހޮސްޕިޓަލު އަޅަން ނިންމި ކަމަށް މިނިސްޓްރީން އެންގި ކަމަށް “ރިޔަން”އިން ބުނެއެވެ.

މީގެ އިތުރުން ވެސް މިނިސްޓްރީގެ ސަބަބުން އެ މަޝްރޫއަށް ގިނަ ދަތިތަކެއް ކުރިމަތިވި ކަމަށް ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި އެއްބަސްވުމުގައި ވާ މިންވަރަށްވުރެ އިތުރަށް ކުރެހުންތައް ރިވައިޒްކުރަން ޖެހުމާއި، މިނިސްޓްރީން ޖަވާބު ލިބުން ލަސްވުން ހިމެނެއެވެ.

“ރިޔަން” ޕްރައިވެޓް ލިމިޓެޑަކީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲގެ ފިރިކަލުން އަހްމަދު ޝާހިދު (ސާބެ)ގެ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top