ބ.ގޮއިދޫގައި ސަރުކާރުން އެމްޑަބްލިޔުއެސްސީ އާއި ހަވާލު ކޮށްގެން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫއު ނިންމާލައިފި ކަމަށް އެކުންފުނިން ބުނެފި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ ގޮއިދޫގެ ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއު ނިންމައި މިހާރު ކުރިއަށްދަނީ ކޮމިޝަން ކުރުމުގެ މަސައްކަތް ކަމަށެވެ.
މީގެ އިތުރުން، ފެނާއި ނަރުދަމާގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ އޮޕަރޭޓަރސް ޓްރެނިންގ ޕްރޮގްރާމްވެސް ވަނީ ހިންގާ ނިމިފައި ކަމަށް އެކުންފުނިން ބުނެއެވެ.
ގޮއިދޫގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ފެން ހޮޅީގެ މައި ނެޓްވޯރކް އަޅައި، އާރްއޯ ފެސިލިޓީ ބިލްޑިންގ އިމާރާތްކޮށް، ފެން އުފެއްދުމަށްޓަކައި އާރްއޯ ޕްލާންޓްއާއި އަދި ފެން ރައްކާ ކުރުމަށްޓަކައި ތާނގީ ބަހައްޓައި ރަށުގެ ގޭގޭގައި ފެންމީޓަރ ބަހައްޓާ، ފެނުގެ ކަނެކްޝަން ވެސް ވަނީ ގުޅައިދީފައެވެ.
ހަމައެހެންމެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގެ ދަށުން، ނަރުދަމާ މައި ނެޓްވޯކާއި ޕަންޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިންގ އިމާރާތްކޮށް، ޕަންޕިންގ ސްޓޭޝަން ގާއިމްކޮށް އަދި ސީއައި ޓްފޯލް އަޅައި ވަނީ ނިމިފައި ކަމަށާއި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ގުޅައިދީ ވެސް ނިމިފައިވާ ކަމަށް މައުލޫމާތުދީފައި ވެއެވެ.