ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2022ގެ ބ. އަތޮޅުގެ ޗެމްޕިއަންކަން އޭދަފުށި ހޯދައިފި އެވެ.
ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އަތޮޅު ބުރުގެ މެޗުތައް ރޭ ނިމިފައިވާ އިރު ބ. އަތޮޅުން މުބާރާތުގައި ތިން ޓީމު ބައިވެރިވެފައިވާތީ ޗެމްޕިއަން ހޮވީ ތިން ޓީމު ލީގު ބުރެއް ކުޅެގެންނެވެ. އޭދަފުށި އަތޮޅު ޗެމްޕިއަންކަން ހޯދީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ރޭ ހިތާދޫ އަތުން އޭދަފުށި މޮޅުވީ 6-0ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގައި ޓީމަށް ގޯލުތައް ޖެހީ ހާފިޒް އަހުމަދާއި ކެޕްޓަން އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ)، އަލީ ނަސީމް، އަބްދުﷲ ފާސިރު އާއި މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. ހާފިޒް ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި، ދެ ގޯލު ޖަހައިދީފައެވެ. ބ. އަތޮޅުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސޮބީއެވެ.
އޭދަފުށި ދެން ވާދަކުރާނީ ޒޯން ދޭއްގަ އެވެ. މި ޒޯނުގައި ހިމެނެނީ ރ. ދުވާފަރާއި ނ. ކުޑަފަރީ އެވެ. ފުރަތަމަ މެޗުގައި އޭދަފުއްޓާއި ދުވާފަރު ވާދަކުރާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ދެވަނަމެޗް މި މަހުގެ 18 ވަނަ ދުވަހު އޮންނައިރު އޭދަފުށި ވާދަކުރާނީ ނ. ކުޑަފަރިއާ ދެކޮޅަށެވެ. ޒޯންގެ ފަހު މެޗުގައި ދުވާފަރާއި ކުޑަފަރި ވާދަކުރާ މެޗު އޮންނާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
ޒޯންގެ ތިން ޓީމުގެ ތެރެއިން އެންމެ މޮޅު ދެ ޓީމު މުބާރާތުގެ ފައިނަލް ބުރަށް ހޮވޭނެ އެވެ.