(1 އޮކްޓޯބަރއާގުޅޭ )
ހައްވާފުޅުގެ އާއިލާ އެނބުރި ރަށަށް އައީ ޒަރީނާ އާއެކުގައެވެ. ޝާފީ މެލޭޝިއާގައި މަތީތައުލީމަށް ކިޔަވަނީއެވެ. ޑިގްރީ ނިންމުމަށްފަހު މިހާރު ދަތުރުކުރަނީ މާސްޓަސްއާ ދިމާލަށެވެ. މުނީފާ މާލޭގެ މުއްސަނދި ވިޔަފާރިވެރިއަކާ އިނދެގެން ދިރިއުޅެނީ މާލޭގައެވެ.
ޒަރީނާއަކީ އެއްއިރަކުވެސް މާލޭގައި އުޅޭ ހިތްވާ މީހެއް ނޫނެވެ. އަމިއްލަ ރަށުގެ ”ރޯޅި ފިނި ވައިލިބޭ ގުލްޒާރު” މާބޮޑަށް ކަމުދަނީ އެވެ. ރަށުގައި ދިރިއުޅުމުގެ ބޭނުމުގައި އޭނާ ހެދީ ޓިޗީންގއެވެ. އެހެންވެ ރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުން ވަޒީފާ ހޯދައިގެން މަންމައާއެކު އައީ ރަށަށެވެ. މުނީފާމެންގެ ދެމަފިރިންނާއެކު އާއިލާ އެއްކޮށް މާލޭގައި ދިރިއުޅުމަށް މައިންބަފައިންނަށް ވަރަށް ބޮޑަށް ބާރުއެޅި އެވެ. އެކަމަކު އެގޮތްގަބޫލު ނުކޮށް އެމީހުން ބޭނުންވީ އެމީހުންގެ އަމިއްލަ ގޭގައި އަމިއްލަ ރަށުގައި ދިރިއުޅުމުގެ ދެންއޮތްބައި ހޭދަކުރާށެވެ.
އޭދަފުއްޓަށް އައުމާއެކު ހައްވާފުޅަށް ވަރަށް އެހެންކަހަލަ އިހްސާސްތަކެއް ކުރެވިގެން ދިޔައެވެ. މިރަށުގެ ނަސީބުވެރި ފަސްގަނޑުގައި ފައި ޖެހުމާއެކު މާޒީގެ ހުރިހާ ތަދެެއް އެއްފަހަރާ ސިނކުޑިއަށް ޖަމާވި އެވެ. ރަން ހަނދާންތަކާ ހިތި ހަނދާންތައް ހިތުގައި ބިންވަޅު ނެގެމުން ދިޔައެވެ. އެޚިޔާލުގައި ހުރެގެން ސިއްތިމެންގެ ގޭގެ ދޮރުގައި ޓަކި ޖަހާލިއެވެ.
ސިއްތި ނުފެންނަތާ ގިނަދުވަސްތަކެއް ވިޔަސް ބޮލުގައި ޖަހާފައިހުރި ނުރައާއި މޫނުގައި ކުދިރޫ ގިނަވެލުން ފިޔަވައި އިތުރު ބަދަލެއް ނާދެއެވެ. ހަމަ އެހިނިތުން ވުމެވެ. ކުރީގައިވެސް ހުންނަ މަޖާ މިޒާޖުގައި އައިސް ހައްވާފުޅާ ބައްދަލު ކުރިއެވެ.
“ސިއްތީއެވެ. އަހަރެންގެ ހުރިހާކަމެއް ފުރިހަމަ ވެއްޖެއެވެ. މި ހުރިހާ ނަސީބަކާ ނިޢުމަތެއް ދެއްވި ﷲގެ ކިބައަށް ޝުކުރު ކުރަމެވެ. ހަނދާން ނުނެތުނު ކަމަކީ އަހަރެންގެ ދިރިއުޅުން ވީރާނާވެ ކުޑަކުޑަދަރިއަކާއެކު މަގުމަތިވެ ބިކަވި ދުވަހު ހިޔާވަހިކަން ދިނީ ތިޔަ ދެމަފިރިންގެ އޯގާތެރި ކަމެވެ. އެއަށް ވުރެ އަގުބޮޑު ކަމަކީ އަހަންނަށް ދިން ނަސޭހަތެވެ. އަހަރެން ރޯން ފެށުމުން ބުނަމު އެވެ. “ނުރޯށެވެ. ތިޔަކަމުގައިވެސް ފޮރުވިފައިވާ ހިކުމަތެއް ވާނެއެވެ. ކަޅު ކޮންމެ ރޭގަނޑެއްވެސް ނިމެނީ ފަތިހުގެ އަލަމަކަށް ނޫން ހެއްޔެވެ. އިންސާނީ ހަޔާތްވެސް ތަކުރާރުވަނީ އެހެންނެވެ.” އަހަރެން ރުއިން ހުއްޓާލަމު އެވެ. ސިއްތި އެތަން ދެކޭނެއެވެ. ކުރިއަށް ދިއުމުގެ އަޒުމް ކަނޑައެޅީ އެހިސާބުންނެވެ. އޭގެފަހުން ފަހަތެއް ނުބަލަބެވެ. އަހަރެންގެ ހުރިހާ ވެސް ކާމިޔާބީއަކީ އެ ނަސޭހަތެވެ.”
ސިއްތި ހޭން ފެށިއެވެ. އޭނާގެ ހުނުން ގަނޑުގައި މިހާރުވެސް ހަމަ އެ މަޖާކަން އެބަހުއްޓެވެ.
ސިއްތިމެންގެ ގެއިން ނުކުމެގެން ހައްވާފުޅު އެނބުރި ގެއަށް ދާން ނުކުތްއިރު އިރުއޮއްސި މޫނު އަދިރިކަން ދުނިޔެއަށް ވެރިވަނީ އެވެ. ދޫނިސޫފާސޫފިތައް ކޮޅުކޮޅު މައްޗަށް ދަތުރު ކުރަމުން ދެއެވެ. އިރު އޮއްސުމުގެ ކުރިން އެތަކެތީގެ ހާލީގެ ހިމާޔަތް ހޯދާށެވެ. އޭނާއަށް ފާޑެއްގެ ގޮތެއް ވާހެން ހީވި އެވެ. ބިރުވެރި ޚަބަރެއް ލިބެނީ އޭ ހީވާ ކަހަލަ އެވެ. އެހެންވެ އެއްވެސް ތަނަކު މަޑުވެސް ކޮށްނުލައި އޭނާ ގޮސް ވަނީ ސީދާ ގެއަށެވެ.
މަޣުރިބު ނަމާދުކޮށް ނިމުނުތަކާ ބޭރުން އައި މެހެމާނަކު ސަލާން ގޮވާލައިފި އެވެ. ދަންނަ އަޑެއްހެން ހީވިއެވެ. އެއަޑުގައި ހުރި ތުރުތުރު އެޅުމާއި ރިހުން ފާހަގަ ކުރެވުނެވެ. ދޮރުމައްޗަށް ނުކުމެ ސަލާން ބަލައިގަތެވެ. ދުނިޔެ އޮތީ އަނދިރި ވެލާފައެވެ. އެހެންވެ ކާކުކަމެއް ނޭގުނެވެ. ހައްވާފުޅުގެ އުމުރުން ދުވަސްވުމާއެކު ލޮލުގެ އަލިކަމަށްވެސް ބަދަލުތަކެއް އައީއެވެ. އެކަމަކު އެއީ ހަމަ ހިނދުކޮޅެކެވެ. ހައްވާފުޅު ހަޅޭއްލަވައިގަތެވެ. ” އަހުމަދު! ކަލޭ………..ކޯއްޗެއް ހޯދަން ތިޔައައީ.؟ ” ހީވީ ބިރުވެރި ޖަނަވާރެއް ފެނިގެން ބިރުގަތް ހެންނެވެ. ތިންހަތަރު ފިޔަވަޅު ފަހަތަށް އެޅުމަށްފަހު ހުއްޓިއްޖެ އެވެ.
“އަހަރެން މިއައީ ހައްވާފުޅުގެ ކިބައިން މައާފަށް އެދެން. ހަމައެކަނި ހަމަޖެހިލައިގެން މަރުވުމުގެ ބޭނުމުގައި އެއީ. އާދޭސްކުރަން. ހައްވާފުޅަށް އަހަރެން އަނިޔާވެރިވީ މައާފު ހައްގު ނޫން މިންވަރަށް. އެއަނިޔާގެ ބަދަލު ގުދުރަތުގެ އަތުން ދެއްވައިފި. އަހަރެން އުފުލަމުން މިދަނީ އެ ވޭން. ” އޭނާ ހުރީ އިސް ޖަހައިގެންނެވެ. ނިކަމެތި ކަމާއެކު އެވެ. އެހެން ނަމަވެސް ހައްވާފުޅުގެ ރުޅި ދިޔައީ އިންތިހާ އަށެވެ.
“މާފޭ………. ” ހައްވާފުޅު ހަޅޭއްލަވައިގަތެވެ.
”އެއަށްވުރެ މާދުރުގައި ހުރި މީހެއް ތިޔައީ. މާފު ހައްގު މީހެއްނޫން. އަހަންނަށް ދިން އަނިޔާ، ކަލޭކުރި އެހެން ނުބައިކަންތައް ފަދައިން ތިހުރީ ހަނދާން ނައްތާލާފަ. ކޮން ދޮގުތަކެއް ހަދާކަށް؟…… އެހެން ނޫންނަމަ ތިޔަ ހުތުރުމޫނު ދައްކަން އަންނާކަށް ނުކެރޭނެ.
އަހުމަދު ހުރީ އިސްއުފުލާ ބަަލައިލަންވެސް ނުކެރިފަ އެވެ. އޭނާގެ ހިތަށްވާ ތަދު ދެނެގަންނާކަށް ހައްވާފުޅު ނޫޅުނެވެ. ހައްވާފުޅު ރޮމުން ދިޔަ އެދުވަސްތަކުގައި އަހުމަދުވެސް ކަންތައް ކުރި ފަދައިންނެވެ.
” ދޭ މިތަނުން. އަނެއްކާވެސް ކޮންމެވެސް މީހަކަށް ލަނޑެއް ދެވޭތޯ ބަލާ! އެއީ ކަލޭގެ އަސްލު ދިރިއުޅުމަކީ.! ހެއްދެވިހާ ނުބައިކަންތައް ކޮށްފަ މާފަށް އެދޭށޭ ކިޔާފަ އަނެއްކާވެސް ތިޔަ އައީ އަހަންނަށް ކުރެވުނު ވަރު މަދުވެގެންތަ؟” އެހެން ބުނުމާއެކު ހައްވާފުޅު އެނބުރި ގޭތެރއަށް ވަދެއްޖެ އެވެ.
ފިރިމީހާ އަލީ މިމަންޒަރު ބަލަން ހުރިކަން ހައްވާފުޅު ނުދަންނާނެ އެވެ. ގޭތެރެއަށް ވަންއިރު ހައްވާފުޅު ތުރުތުރު އަޅައެވެ. ފެންތައްޓެއް ދެމުން އަލީ ބުންޏެވެ. ”މާފު ދިނުމަކީ އެހާފަސޭހަ ކަމަކަށް ނުވެ ހިނގައިދާނެ. އެކަމަކު އެއީ ވަރަށް މާތް ސިފައެއް. އެމީހަކު ކުރި ނުބައި ކަމެއްގެ ނަތީޖާ އެމީހަކު ދެކޭނެ. އަހަރެމެންނަށް އެއްވެސް ބާރެއް ނުފޯރުވޭނެ. ދުނިޔޭގައި ކަން ހިނގަނީ މިހެން.
އަލީ ހައްވާފުޅު އަތުގައި ހފައިގެން ގެންގޮސް ފެންޑާގައި ހުރި ގޮނޑިއެއްގައި ބޭންދިއެވެ. ހައްވާފުޅު ފެންތަށި ބޯންފެށިއެވެ.
ހައްވާފުޅު ފިނިކުރެވޭތޯ އަލީ އުޅުނެވެ.
”އަހަރެންގެ ފަގީރު ދުނިޔެއަށް ހައްވާފުޅު އައިއިރުު އަތުގައި ނެތް އެކައްޗެއްވެސް. ބޯހިޔާކޮށްލެވޭނެ ފަދަވެސް. އެކަމަކު އެއީ އަހަރެމެންގެ ހަޔާތަށް އަލިކަމާ އުޖާލާ ކަން އުފަންވީ ދުވަސް .ހައްވާފުޅަށް އެކަން މިހާރު އެނގޭނެ. އަހަރެމެންނަށް މަދުވި އެކައްޗެއްވެސް ނެތް. ﷲ ގެ ހެޔޮ ރަޙްމަތާއެކު މިއަދު މިތިބީ ފުދި އިތުރުވެސް ވެގެން. ހައްވާފުޅަކީ ކޮންމެ ކަމެއްގައިވެސް އެކަމެއްގައި އޮންނަ އެންމެ ރަނގަޅުގޮތް ހޯދާ ބަލާ މީހެއް. މިކަމުގައިވެސް އެގޮތަށް އަމަލުކުރުން ކަންނޭގެ އެންމެ ރަނގަޅުވާނީ.”
އަލީއަކީ ހައްވާފުޅަށް ބަސްކިޔާ މީހެއްނޫނެވެ. ދިރިއުޅުމުގެ އުދަރެސް މެދުއުޑުން މިހާރު ލަބާލާފައިވާއިރު އެއްވެސް ކަމެއްގައި ބަސްކިޔާ ލަފާދީ ނޫޅެއެވެ. އޭނާ ހުންނަނީ ހައްވާފުޅުގެ ބަހަށް އަމަލުކުރާށެވެ. އެއީ އަނބި ދަށުވުމެއް ނޫނެވެ. ތައުލީމީ ގޮތުން އޭނާއަށް ވުރެ ކުރީގައި ހުރީ ހައްވާފުޅު ކަމަށް ވާތީ އެވެ. އެކަމަކު ހައްވާފުޅަށް އެފެނުނީ އަސްލު އަލީއެވެ. އެމީހުންގެ މުޅި ދިރިއުޅުމާ ބެހޭ ބޮޑުސުވާލަށް އަމަލު ކުރާނެގޮތުގެ ލަފާދިނުމުން އެކަމާ ހައްވާފުޅު ވިސްނަން ފަށައިފިއެވެ.
ހައްވާފުޅަކީ ހަރުކަށި މީހެއްނޫނެވެ. ހިތްހެޔޮ އޯގާތެރިމީހެކެވެ. އެކަމަކު އަހްމަދުއާމެދު މިނަށްވުރެ ބޮޑަށް އިހާނެތިކޮށް ހިތިއްޖެކަމުގައި ހީވުމާއެކު އޭނާ ދެރަވެއްޖެއެވެ. އަހްމަދުއަށް ދުވަހަކުވެސް މާފު ނުކުރާނެ ކަމާ ހަމަޖެހިގެންނޫޅެވޭނެކަން އެތައްފަހަރަކު ބުނެފައިވެއެވެ. އޭނާގެ ދިރިއުޅުމުގައި އަލިފާން ޖެހިފަދައިން އޭނާވެސް އަހްމަދުގެދިރިއުޅުން ހަމައެއަލިފާނުން ހަލާކުކުރެއްވުމަށްއެދި ދުޢާކުރާނެ ކަމުގައި ތަކުރާރު ކުރިއެވެ. މިއަދު އޭނާގެ ކުރިމައްޗަށް އަހްމަދު އައުމުން އެއީކާކުކަން ނޭގޭވަރަށް ސިފަ ބަދަލުވެފައިހުރީ ހަމައެކަނި އުމުރަށްއައި ބަދަލަކުންނޫނެވެ. މެދުނުކެނޑި ބަލިވެއުޅުމާ ހިތާމައާ ވޭނުގެ ސަބަބުންނެވެ. އެހިތާމައާ އެވޭންތަކަކީ އޭނާގެ ބަދުދުޢާގެ އަސަރުކަމަށް ހީވުމާއެކު އޭނާގެގައިން ހީބިހި ނަގައިގެން ދިޔައެވެ.
ހައްވާފުޅާ އިންއިރު އަހްމަދަކީ މުޅިރަށުގާހުރި އެންމެރީތި ފިރިހެނާއެވެ. އެންމެ ނަލަކޮށް ހެދުންއަޅައިގެން އިވްނިންގ އިން ޕެރިސްގެ މީރުވަހުން ޒުވާން އަންހެންކުދިން މަސްތު ކުރުވަމުން ދިޔަ ޒުވާނާއެވެ. މިއަދު ހަމަ އެޒުވާނާ ނިކަމެތިކަމާ އެކު ސަލާންޖެހުމުން އެގޮތަށް އޭނާ ނިކަމެތިކޮށްލުމުން ހައްވާފުޅަށް ލިބޭނެ އިތުރު ހިތްހަމަޖެހުމެއް ނޯންނާނެއެވެ. ހައްވާފުޅުމެންނަށް ތަނަވަސްކަމާ ދަރިންގެ ނިއުމަތްދެއްވައި އެދަރިންނަކީ ބަސްއަހާ ތައުލީމީދަރިން ތަކަކަށް ވެފައިވަނީ ﷲ ކުރައްވާ އިމްތިޙާނަކަށް ވެދާނެއެވެ. ވީމާ މިފަދަ އިމްތިހާނުތަކުން ފެއިލްވެގެން ދުނިޔެ ދޫކޮށްދިޔަ މީހުންގެ ލިސްޓަށް އަރައިގެން ނުވާނެއެވެ. (ނުނިމޭ)









