އަޝްރާގެ މައްސަލަ ޕީޖީން ދޫކޮށްލީ. ލޯބިވެރިޔާ ވެސް ސަލާމަތްވެއްޖެ

132690_3_9712e691cee2e6cf0a88e6c3590eff500bf6a884_large.jpg

ހައްވާ އަޝްރާ

ދިވެހި ލަވަކިޔުންތެރިޔާ ހައްވާ އަޝްރާ އާއި އޭނާގެ ލޯބިވެރިޔާގެ ތިބި ކޮޓަރިއަކުން މަސްތުވާތަކެތި ފެނުނު މައްސަލާގައި އެ ދެ މީހުންނަށް ކުރި ދައުވާއިން އަސްރާގެ ބައި ދައުލަތުން އަނބުރާ ގެންގޮސް އަދި އޭނާގެ ލޯބިވެރިޔާ ހައިކޯޓުން ވެސް ސަލާމަތްވެއްޖެ އެވެ.

އޮގަސްޓް، 2016 ގައި އަޝްރާ އާއި ގ. ޖޫތީގޭ، ހަސަން ނަޒީހް މާލޭގެ ގެއެއްގެ ކޮޓަރީގައި ތިއްބާ އެތަނަށް ފުލުހުން ވަދެ ފާސް ކުރިއިރު އެތަނުން 30 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި 27،000 އަށް ވުރެ ގިނަ ރުފިޔާ ފެނުނު ކަމަށް ބުނެ އެވެ. އެހެންވެ، މަސްތުވާ އެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އެ ދެ މީހުންގެ މައްޗަށް ކުރިއެވެ. ނަމަވެސް ކްރިމިނަލް ކޯޓުން 2019 ވަނަ އަހަރު ނިންމާފައިވަނީ އެ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށެވެ.

މިދެމީހުންގެ މައްޗަށް ކުށް ސާބިތު ނުވުމުން ދައުލަތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމަށްފަހު އެ މައްސަލަ ނިމުމަކާ ގާތަށް ގޮސްފައި ވަނިކޮށް މިދިޔަ އޮގަސްޓް މަހު ދައުލަތުން ވަނީ އަޝްރާގެ ބައި އިތުރަށް ކުރިއަށް ގެންދަން ބޭނުންނުވާ ކަމަށް ބުނެ އޭނާގެ ބައި އަނބުރާ ގެންގޮސްފަ އެވެ.

ނަޒީހުގެ މައްސަލަ އަނބުރާ ނުގެންދިޔަ ނަމަވެސް ހައި ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ނަޒީހާ ތަހުގީގުގައި ސުވާލު ކޮށްފައި އޮތީ އޭނާގެ ޖީބުން ފެނުނު ކަމަށް ބުނާ މަސްތުވާ އެއްޗެހި ތަކަކާ ބެހޭގޮތުން އެކަނި ކަމަށާއި އެ ކޮޓަރިން ފެނުނު 30 ގްރާމްގެ މަސްތުވާތަކެއްޗާ ބެހޭ އެއްވެސް ސުވާލެއް އޭނާއާ ކޮށްފައިނުވާ ކަމަށެވެ. އަދި ޖިނާއީ މައްސަލަތައް އެކަށީގެންވާ މިންވަރަކަށް ތަހުގީގު ކުރަން ޖެހޭއިރު، ނަޒީހަށް ކުރި ދައުވާއާ ގުޅޭ އެކަށީގެންވާ ތަހުގީގެއް ހިންގާފައި ނުވާ ކަމަށް އެ ހުކުމުގައި ވެ އެވެ.

ދައުލަތުން ބުނެފައިވަނީ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗާ ބެހޭގޮތުން ތަހުގީގުގައި ސުވާލު ނުކުރީ އެ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓް ނުލިބޭތީ ކަމަށެވެ. އެހެން ނަމަވެސް ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ތަހުލީލު ރިޕޯޓް ލިބުނު ފަހުން ވެެސް އޭނާއާ ސުވާލެއް ކޮށްފައި ނެތް ކަމަށެވެ. އަދި އެ ހާލަތުގައި ފުލުހުން އަމަލު ކުރަންޖެހޭ ގޮތަކީ ތަހުލީލު ރިޕޯޓަށް ބެލުމަށްފަހު ތުހުމަތަށް ބަދަލު އައިސްފައިވާ އަލުން ގާނޫނީ އިންޒާރު ދިނުމަށްފަހު އަލުން އޭނާއާ ސުވާލު ކުރުން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top