އޭދަފުށީގައި ކޮވިޑް ފެތުރޭ މިންވަރު ދުވަހުން ދުވަހަށް މައްޗަށް ދިޔަނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދީފިއެވެ.
ކޮވިޑްގެ އަދަދުތައް ދަށަށް ނުގޮސް ކޮންމެ ދުވަހަކުވެސް އެތައް ބަޔަކު ޕޮޒިޓިވް ވަމުން ދާތީވެ ރަށަށް އަރައި ފޭބުން މަނާކޮށް މިހާރުވެސް ރަށް އޮތީ މޮނިޓަރިން ހާލަތުގަ އެވެ.
އޭދަފުށީ ކައުންސިލުން ހާމަކުރާ ކޮވިޑްގެ ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ އެކަނިވެސް އޭދަފުށިން އަލަށް 12 ޕޮޒިޓިވް ކޭސް ފެނިފައިވެ އެވެ. އިއްޔެގެ ނިޔަލަށް އޭދަފުށީގައި ކޮވިޑަށް ޕޮޒިޓިވް ވެފައި ތިބި މީހުންގެ އަދަދަކީ 76 އެވެ.
މިހާލަތުގައި އޮއްވާ އޭދަފުށީ ކައުންސިލުން އިއްޔެ އާއްމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް 19 ރޯގާ ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް ރާއްޖޭގައި އިތުރު ވަމުން ދާތީ ސަރުކާރުން އެޅުއްވި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ އިތުރުން އޭދަފުށީ ޓާސްކް ފޯސް ކޮމިޓީން މިރަށުގައި އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއި ދިނުމަށް އެކޮމިޓީން ނިންމާފައިވާ ކަމަށެވެ. އެގޮތުން 1 ފެބްރުއަރީން ފެށިގެން ޖިމްތަކާއި ބޯކޮށާ ތަންތަން އާއްމުކޮށް ޚިދުމަތް ދިނުމަށް ހުޅުވާލުމާއި ކުޅިވަރުގެ ހުރިހާ ހަރަކާތެއްވެސް ކަސްރަތުގެ ހަރަކާތްތަކާވެސް އެކު ހަވީރު 4:00އިން ފެށިގެން 6 އަށް އަދި ރޭގަނޑު 20.00 އިންް 22.00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހުއްދަ ދެއްވާފަ އެވެ. މީގެ އިތުރުން ޓިއުޝަން ކްލާސް ތަކާއި ގުރުއާން ކްލާސް ތައްވެސް ވެކްސިން ފުރިހަމަ ކޮށްފައިވާނަމަ ކުރިއަށް ގެންދިއުމަށް ވަނީ ހުއްދަ ދެއްވާފަ އެވެ.
ލުއި ދީފައިވާ ކަންކަމުގެ ތެރެއިން ކުޅިވަރުގެ ހަރަކާތްތަކާ ކްލާސް ތަކަކީ ގިނަ ބަޔަކު އެއްވެ އުޅޭ ހަރަކާތްތަކެއް ކަމަށް ވެފައި މިލުއިތަކުގެ ސަބަބުން ރަށް ކޮވިޑްގެ އިތުރު ނުރައްކަލަކަށް ހުށަހެޅުމަކީ އެކަށީގެން ވާކަމެއް ކަމަކަށް ވާތީ އެކަމުގެ ކަންބޮޑުވުން ރައްޔިތުން އަންނަނީ ފާޅުކުރަމުންނެވެ