ތުޅާދޫގައި އެއާޕޯޓް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނުކޮށްފި

big_7g181AwqIXi4TqfgxJDWzJ2j1.jpg

ތުޅާދޫ

ބ.ތުޅާދޫގައި އެއާޕޯޓެއް އަޅައިދޭނެ ބަޔަކު ހޯދަން އަނެއްކާވެސް އިއުލާނު ކޮށްފިއެވެ.

ތުޅާދޫގައި އެއާޕޯޓެއް އަޅައިދޭނެ ބަޔަކު ހޯދަން މި ސަރުކާރުން ފުރަތަމަ އިއުލާން ކުރީ މިދިޔަ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހު އެވެ. ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ދައުވަތު މިއަހަރު ޖަނަވަރީމަހުގެ މަހުގެ 29 ވަނަ ދުވަހު ހުޅުވާލިއެވެ. ފެބްރުވަރީ މަހުގެ 15 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައި އޮތް މުއްދަތު، ފަހުން އެމަހުގެ 28 ވަނަ ދުވަހާ ހަމައަށް އިތުރު ކުރިއެވެ.

އޭގެ ފަހުން މިއަހަރުގެ މާރިޗު މަހު 27ވަނަ ދުވަހުގެ ރޭ އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕެއިންގައި އޮންލައިންކޮށް ބ.އަތޮޅު ކެންޑިޑޭޓުންނަށް ހާއްސަކޮށް ބޭއްވި ބައްދަލުވުމުގައި ތުޅާދޫގައި އެއާޕޯޓް އަޅަން ރަނގަޅު ޕްރޮޕޯސަލްތައް ލިބިފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

މީގެ އިިތުރުން މި ސަރުކާރަށް ދެއަހަރު ފުރުމާއި ގުޅިގެން މިދިޔަ އަހަރު ނޮވެންބަރު މަހުގެ 14ވަނަ ދުވަހު ޕީއެސްއެމް އަށް ދެއްވި އިންޓަވިއު އެއްގައި ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާވެސް ވަނީ ކުރިއަށް އޮތް އަހަރު ބ.ތުޅާދޫގައި އެއާޕޯޓެއް އެޅުމަށް ޕްލޭން ކުރެވިފައިވާ ކަމަށް ވިދާޅުވެފައެވެ.

ތުޅާދޫ އެއާޕޯޓު އެޅުމަށް އަމަލީ ސިފައެއް ނައިސް ދުވަސްތަކެއް ފާއިތުވެ ދިޔަފަހުން އެންމެ ފަހުން ތުޅާދޫ ކައުންސިލުން މިއަހަރު ސެޕްޓެމްބަރު 16ގައި ރައީސް އޮފީހުގައި ރައީސް އާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަތަކުގެ ތެރޭގައި ރައީސް ސޯލިހު ވިދާޅުވީ ތުޅާދޫގައި އަޅަން މިސަރުކާރުން ވައުދު ވެފައިވާ އެއާޕޯޓު އޮތީ ބިޑް އިވެލުއޭޝަންގެ މަރުހަލާގައި ކަމަށެވެ.

އަނެއްކާ މިއަދު ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ކްރޮސް-ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދުގެ ދަށުން ތުޅާދޫގައި ޑޮމެސްޓިކް އެއާޕޯޓެއް ތަރައްގީކުރުމަށް ނުވަތަ ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އާންމުކޮށް އެ ފުރުސަތު ހުޅުވާލާފަ އެވެ.

ތުޅާދުއާއެކު މިއަދު އެއާޕޯޓް އަޅަން އިއުލާން ކުރި ރަށްތަކަކީ ހދ.މަކުނުދޫ، ށ.ބިލަތްފަހި، ބ.ތުޅާދޫ، ތ.ވިލުފުށި، ފ.މަގޫދޫ، ރ.އަތޮޅު ދެކުނު ބިތުގައި (ރަށް ކަނޑައެޅިފައި ނުވާ) އެވެ.

ޕްލޭނިން މިނިސްޓްރީގެ އިއުލާންގައިވާ ގޮތުން ކޮންމެ އެއާޕޯޓަކީ ވެސް ވަކި މަޝްރޫއަކަށް ވާތީ ޝައުގުވެރިކަން ފާޅުކުރާއިރު ތަރައްގީކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއާޕޯޓެއްގެ މަޝްރޫއަކަށް ކަން ބަޔާންކުރަން ޖެހެ އެވެ.

ޝައުގުވެރިކަށް ފާޅުކުރުމުގައި ހަމައެކަނި ފައިނޭންސް ކުރާނަމަ އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން އެމެރިކާ ޑޮލަރެވެ. ޝައުގުވެރިކަށް ފާޅުކުރުމުގައި މުޅި އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ވެސް ހުށަހެޅިދާނެ އެވެ.

އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކުއިޒިޝަން ކޮސްޓާއި، އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައިކަނޑައި ދެވޭނެ ކަމަށްވެސް އިއުލާންގައިވެ އެވެ.

ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު — އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅަންޖެހެނީ އިކޮނޮމިކް މިނިސްޓްރީ އަށެވެ. އީމެއިލުން ނަމަ ޝައުގުވެރިކަން ފާޅުކުރާނީ [email protected] އަށެވެ. ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާއިރު އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަން އަންގާފައިވެ އެވެ.

ތުޅާދޫގައި އެއާޕޯޓެއް ހެދުމަކީ މި ސަރުކާރުގެ ވައުދެކެވެ. ރިޔާސީ އިންތިހާބާއި މަޖިލީސް އިންތިހާބުގައި ވެސް ތުޅާދޫ ރައްޔިތުންގެ ތާއީދު ހޯދަން އެމްޑީޕީން އެންމެ ކުރިއަށް ނެރުނީ އެ ވައުދެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top