ދޮންފަނުގެ ގޮނޑުދޮށް ހަލާކުވާ ގޮތަށް ދޮންފަނުގެ ބަނދަރު މަަސައްކަތް ކުރިއަށް ގެންދާތީ ކަމަށްބުނެ އެ މަސައްކަތް ހުއްޓުވުމަށް އެ ރަށު ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެއްޖެއެވެ.
މިކަމާ ބެހޭ ގޮތުން އެރަށުން ވާހަކަ ދެއްކި މީހަކު ބުނަނީ ސަރުކާރުން ހޯގާޑު ކުންފުންޏާ ހަވާލު ކޮށްގެން މިމަސައްކަތް ކުރަމުން ދާއިރު ރަށުގެ ގޮނޑުދޮށުން ބޮޑު ބައެއް ކަނޑާލުމުގެ ސަބަބުން ގޮނޑުދޮށުގެ ބޮޑުބައެއް މިހާރުވެސް ވަނީ ގެއްލިފައި ކަމަށެވެ. އެހެންވެ ރަށު ކައުންސިލުން މިކަން ބެލުމަށް ވެސް އެމީހުން ވަނީ ގޮވާލާފައެވެ.
ރަށަށް ގެއްލުންވާގޮތަށް މި މަސައްކަތް ނުކުރެވޭނެ ކަމަށް ދޮންފަނު ރައްޔިތުން ބުނަމުންދާ އިރު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިކަން ރަނގަޅަށް ބަލައިދިނުމަށްވެސް އެފަރާތްތަކުން ވަނީ އެދިފައެވެ.
ހޯގާޑު ޕްރައިވެޓް ލިމިޓެޑާ ސަރުކާރުން ދޮންފަނު ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި މިދިޔަ އަހަރުގެ ސެޕްޓެމްބަރު 10 ވަނަ ދުވަހުއެވެ.
ދޮންފަނު ހިމެނޭ ގޮތަށް ބ. އަތޮޅުގެ ތިން ރަށެއްގެ ބަނދަރު ހެދުމުގެ މަޝްރޫއުތަކަށް ފަންޑުކުރީ އޯޕެކް ފަންޑު ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓު (އޮފިޑު)އިންނާއި ދިވެހި ސަރުކާރުންނެވެ. މި މަޝްރޫއަށް އޮފިޑުން ޚަރަދު ކުރަނީ 77 ޕަސެންޓެވެެ. ދިވެހި ސަރުކާރުން 23 ޕަސެންޓެވެ.