ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ދިމާވި އިގުތިސާދީ ހީނަރުކަމާ ގުޅިގެން ކަނޑައިލި، ސިވިލް ސާވިސް މުވައްޒަފުންގެ ސެޓްފިކެޓް އެލަވަންސް މިހާރު ދޭން ފަށާފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު މިހެން ވިދާޅުވީ، މިއަދުގެ މަޖިލިސް ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، މުވައްޒަފުންގެ ޕްރޮމޯޝަނަރީ އެލަވަންސްތަކަކީ، ކޮވިޑާއެކު ހަރަދު ކުޑަކުރަން އެޅި ފިޔަވަޅުތަކުގެ ތެެރެއިން ވަގުތީ ގޮތުން ހުއްޓާލި އެލަވަންސްތަކެއް ކަމަށެވެ. އެގޮތުން ތައުލީމީ ދާއިރާއިން ޕްރޮމޯޝަނާއެކު ދެވޭ ސެޓްފިކެޓް އެލަވަންސާއި ޕާފޯމަންސް އެލަވަންސް ދިނުންވެސް ވަގުތީގޮތުން މެދުކަނޑާލި ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ގިނަ މުވައްޒަފުންތަކަކާއި އިދާރާތަކެއްގެ އެދުމުގެ މަތިން ސެޓްފިކެޓް އެލަވެންސް މިހާރު ދޭން ފަށާފައިވާ ކަމަށާއި ޕާފޯމަންސް އެލަވަންސް ދޭން ފަށަން އެންމެ އެކަށީގެން ވަނީ ދައުލަތުގެ އާމްދަނީއަށް އައި ހީނަރުކަން ފިލައިގެންގޮސް ފިޒިކަލް ޑިފިސިޓް ދެމެހެއްޓެނިވި މިންގަނޑަކަށް ރުޖޫއަވުމުން ކަމަށްވެސް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.
“މިކަން ތަންފީޒު ކުރާނެ ގޮތް އެކުލަވާލުމުގެ އިތުރުން ވަޒީފާގެ ގޮތުން މުވައްޒަފުންގެ މެދުގައި މުސާރައާއި އެލަވަންސްގެ ހަމަހަމަކަން އިތުރުކުރަން ކުރާ މަސައްކަތްތައްވެސް ނެޝަނަލް ޕޭ ކޮމިޝަނުން މިހާރު ދަނީ ކުރަމުން،” އަމީރު ވިދާޅުވިއެވެ.