ކޮންމެ ރަށަކަށް ފިޓްނަސް އިންސްޓްރަކްޓަރެއް

99e4f3c9_image.jpg

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ފިޓްނަސް އިންސްޓްރަކްޓަރެއް ބެހެއްޓުމަށް ސަރުކާރުން ނިންމައި އެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށް ޓަކައި މިކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން  ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. 

މިއަދު މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިިވަނީ ފިޓްނެސް އިންސްޓަރުން ތަމްރީން ކުރުމަށް ބާއްވާ އެ ކޯހަކީ އެއްވެސް ފީއަކާ ނުލައި، ހިލޭ ބައިވެރިވެވޭ ކޯހެކެވެ. ތިން ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ޑިސެމްބަރު މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ހަމަވާއިރު 16 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ކޯހުގައި ބައިވެރި ވެވޭނެއެވެ. ފިޓްނަސް އިންސްޓްރަކްޓަރުން ތަމްރީން ކުރުމަށްޓަކައި ކުރިއަށް ގެންދަން ނިންމާފައިވަނީ “ސެޓްފިކެޓް 1 އިން ފިޓްނެސް އިންސްޓްރަކްޓަރ” ކޯހެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފިޓްނެސް އިންސްޓްރަކްޓަރަކު ބެހެއްޓުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފުއްދަން ވިދާޅުވެފައިވާ ވައުދު ތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި ކޯހުގައި ރާއްޖޭގެ ކޮންމެ ރަށަކުންވެސް ބައިވެރިވެވޭނީ އެކަކަށެވެ.

ރަށްރަށުން ކޯހަށް ހުށަހަޅާއިރު، އެއް ރަށުން އެކަކަށްވުރެ ގިނަ މީހުން ހުށަހަޅާނަމަ އިސްކަންދޭނީ އޯލެވެލް އިން ތިން މާއްދާއިން ފާސްވެފައި އޮތުމާއި ކުޅިވަރު ދާއިރާގައި އުޅެފައިވާ ފަރާތަކަށެވެ.

ހިލޭ ކިޔަވައިދޭ މި ކޯހުގެ ބައިވެރިންނަށް އެލަވަންސެއް ދޭން ނިންމާފައިވާއިރު ކޯހުގެ ކިޔެވުން ފަށާނީ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުއެވެ.

ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ރަށު ކައުންސިލްތަކާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އިން ލިބެން ހުންނާނެ ކަމަށް އެ އިންޓިޓިއުޓުން ބުނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top