މިހާރު އަމަލުކުރަމުން އަންނަ ދިވެހިރާއްޖޭގެ ފަޅުރަށްރަށާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އާއްމުންގެ ޚިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މަޖިލީހުގެ އިދާރާއިން ވަނީ މި ބިލަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހުގެ 08:00 ގެ ކުރިން ކޮމިޓީގެ އީމެއިލް ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވުމަށް އެދިފައެވެ.
ސަރުކާރުން ހުށައެޅުއްވި މި ބިލަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި ފުށުއަރާ މާއްދާތައް ހުރުމުން އެ މާއްދާތައް ބަދަލުކުރުމަށް ހުށައެޅި ބިލެކެވެ. އެގޮތުން މި ބިލުގައި ހުށައަޅާފައިވާ އެންމެ ބޮޑު އިސްލާހަކީ އެ ގާނޫނުގެ 11 ވަނަ މާއްދާގައިވާ ފަޅުރަށްރަށް ކުއްޔަށް ދިނުމާ ބެހޭ މާއްދާއެވެ.
މިހާރު ބިލުގައި މި މާއްދާ އޮތީ ކައުންސިލަށް ލިބިދޭ ބާރުތަކާއި މިނިސްޓްރީތަކަށް ލިބިދޭ ބާރުތައް ވެސް ހިމަނާފައެވެ.
އެގޮތުން އެއްވެސް ރަށެއް އިންޑަސްޓްރިއަލް ބޭނުމަށް ދޫކުރުމުގެ ބާރު ދޭން ހުށައަޅާފައިވަނީ މިނިސްޓްރީއަށެވެ. އިންޑަސްޓްރިއަލް ބޭނުމަށް ދޫކުރަން ކަނޑައަޅާފައިވާ ފަޅުރަށަކީ ސިޓީއެއް ނުވަތަ ރަށެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ރަށަކަށް ވާނަމަ، އެ ރަށެއް ކައުންސިލްގެ އިހްތިސާސުން ވަކި ކުރަން ޖެހޭނެ ކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެ ރަށެއް އިންޑަސްޓްރިއަލް ބޭނުމަށް މިނިސްޓްރީއަށް ދޫކުރެވޭނީ ކައުންސިލްގެ އިހްތިސާސުން ވަކިކޮށްގެންނެވެ.
ސަރުކާރުގެ ފަރާތުން ހުށައެޅީ ކައުންސިލެއްގެ އިހްތިސާސްގައި ހިމެނޭ ފަޅު ރަށެއް އިންޑަސްޓްރިއަލް ބޭނުމަށް ފިޔަވާ، އެހެން ބޭނުންތަކަށް ކުއްޔަށް ދޫކުރުމުގެ ބާރު އެ ކައުންސިލަކަށް ލިބޭ ގޮތަށެވެ.
މި ބިލަކީ ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ގޮތުން ހުށައެޅި ބިލެއް ނަމަވެސް، މެންބަރުން ދެކިވަޑައިގަންނަވަނީ މި ބިލުގެ ބައެއް މާއްދާތައް ހުރިގޮތުން ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތާއި ޚިލާފުވާ ކަމަށެވެ.