މާސްކް އެޅުން ނިމުމަކަށް ގެންނަން އަދި ނުވިސްނަން: ނަސީމް

big_QMOWMyrEivpRit1QBnWr514sA.jpg

ކޮވިޑް 19 އިން ރައްކާތެރި ވުމުގެ ފިޔަވަޅެއްގެ ގޮތުން މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން އަދި ނުވިސްނާ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ނަސީމު މިހެން ވިދާޅުވީ ސްކޫލު ކުދިންގެ ވެކްސިން ޕްރޮގްރާމު ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް މިއަދު އަމީނިއްޔާ ސްކޫލަށް ވަޑައިގެން ނޫސްވެރިންނާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގަ އެވެ.

ނަސީމް ވިދާޅުވީ ވެކްސިން ޕްރޮގްރާމުގައި މުޅި ދުނިޔޭގައިވެސް ރާއްޖެ އަކީ މިހާރު އެންމެ ކާމިޔާބު އެއް ގައުމަށް ވާނެ ކަމަށާ އެ ކާމިޔާބަށް ވާސިލްވެވުނީ ސަރުކާރުގެ ލީޑާޝިޕްގެ ހަރުދަނާ އުސޫލުތަކުގެ ސަބަބުން ކަމަށެވެ.

”މާސްކު އެޅުން ދޫކޮށްލާކަށް ހިޔާލުކޮށްފައެއް ނެތް. މާސްކު އަޅައިގެން އެންމެންވެސް އުޅެންވާނީ. އަޅުގަނޑުމެން މާސްކު އަދި ދޫކޮށްލާކަށް ނުވޭ. ގާތްވެސް ނުވޭ އަދި ދޫކޮށްލާކަށް. ތަފާތު މީހުން ރާއްޖެ ޒިޔާރަތް ކުރާ ދުވަސްވަރެއްގައ މާސްކުން ލިބޭ ޕްރޮޓެކްޝަން ވަރަށް ބޮޑުވާނެ,“ މިނިސްޓަރު ނަސީމު ވިދާޅުވި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ އަމާޒަކީ މި މަހުގެ ނިޔަލަށް ހުރިހާ ސްކޫލެއްގެ ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުން ކަމަށެވެ.

މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި ދަރިވަރުން ވެކްސިން ޖަހަން ކިއުއަކަށް އަރާކަށް ނުޖެހޭނެ އެވެ. އަދި ވެކްސިން ޖަހާނީ އެ ދަރިވަރަކަށް ދީފައި އޮތް ވަގުތުގައި ކަމަށާ 30 މިނެޓު ތެރޭގައި 100 ވަރަކަށް ދަރިވަރުންނަށް ވެކްސިން ދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް މިއަދު ވެކްސިން ޖަހަން ފަށާފައިވާއިރު އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން މިދިޔަ އަހަރު ސްކޫލް ނިންމާފައިވާ ދަރިވަރުންނަށް ވެކްސިން ޖަހައިދިނުމަށް ހަމަޖެހިފައި ވަނީ އެ ދަރިވަރެއް ކިޔެވި ސްކޫލެއް މެދުވެރިކޮށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖޭގައި ސްކޫލުތަކުގައި ވެކްސިން ދެނީ އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މިމަސް ނިމުމުގެ ކުރިން 12 އަހަރުން މަތީގެ 90 ޕަސަންޓް މީހުންނަށް ވެކްސިންގެ ދެ ޑޯޒް ދިނުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top