ރަށްރަށުގެ ތަރައްގީގެ ޕްލޭން ހުށަހަޅަން އިތުރު މުއްދަތު ދީފި

file_btvbgt.jpg

ރަށްރަށުގެ ކައުންސިލުތަކުން ހުށަހަޅަން ޖެހޭ ތަރައްގީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭން ހުށަހެޅުމުގެ މުއްދަތު މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި ބޮޑެތި އިސްލާހުތަކުގެ ތެރޭގައި ރަށު ފެންވަރުގައި ތަރައްގީގެ ޕްލޭނާއި ލޭންޑްޔޫސް ޕްލޭން ތިން މަސް ދުވަހުގެ ތެރޭގައި އެކުލަވާލަންޖެހޭއިރު، އެމުއްދަތު މިމަހުގެ 17 ގެ ނިޔަލަށް ހަމަވެއެވެ. ނަމަވެސް ކޮވިޑުގެ ސަބަބުން އެކަމަށް ހުރަސްތަކެއް ހުރުމުން އެ މުއްދަތު ފަސްކޮށް ދިނީ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން ބުންޏެވެ.

ބޮޑެތި ބާރުތަކާއެކު ލާމަރުކަޒީ ގާނޫނު އިސްލާހުކުރި ފަހުން އިންތިހާބުވި ކައުންސިލަރުން މަގާމާ ހަވާލުވީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހެވެ.

ކޮވިޑާ ގުޅިގެން އެކި ރަށްތައް މޮނީޓަރިންގެ ހާލަތަށް ގެންނަން ޖެހުމުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އުނދަގޫތަކެއް ކުރިމަތިވެފައިވުމުން، އެ މުއްދަތަށް ޕްލޭން ހުށަހެޅުމަށް ދަތިވެފައިވާ ކަމަށް ބުނެ، ކައުންސިލުތަކުން ވަނީ އެކަން ރައްޔިތުންގެ މަޖިލީހުގެ ސަމާލުކަމަށް ވެސް ގެނެސްފައެވެ.

އެކަމާ ގުޅޭ ގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލުތަކަށް އިއްޔެ ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ ކޮވިޑުގެ ހާލަތާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ލޮކްޑައުން ކުރުމާއި އަތޮޅުތެރެއިން ވެސް ބަލި ފެނި، ގިނަ ރަށްތަކެއް މޮނިޓަރިންއަށް ލާފައިވުމާ ގުޅިގެން ގިނަ ބަޔަކު އެއްވެ ބައްދަލުވުންތައް ބޭއްވޭ ފަދަ މާހައުލެއް ގިނަ ރަށްރަށުގައި ނެތުމުން، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށް ޕްލޭން ނިންމުމުގައި ކައުންސިލުތަކަށް ދަތިތަކެއް ހުރިކަން އެ އޮތޯރިޓީއަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން ތަރައްގީގެ ޕްލޭން އެކުލަވައިލުމަށް ގާނޫނުގައި ބުނެފައިވާ މުއްދަތު ހަމަވަމުންދާތީ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީއާއި އެލްޖީއޭގެ މަޝްވަރާގެ މަތިން ގާނޫނުގައި ކައުންސިލުތަކުން ނިންމުމަށް ކަނޑައަޅާފައިވާ ޓައިމްލައިންތަކަށް އިތުރު މުއްދަތު ދިނުމަށް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް އެލްޖީއޭގެ ސިޓީގައި ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top