ސަޕޯޓަރުންގެ ދަތުރާ، ޓީޝާޓަށް އެމްޕީ ސަލީމް 50000ރ ދެއްވައިފި

saleem1.jpg

މާދަމާރޭ މާލޭގައި ކުޅުމަށް ހަމަޖެހިފައިވާ މިނިވަން ޗެންޕިއަންޝިޕް ފައިނަލް މެޗްގައި އޭދަފުށީ ޓީމަށް ސަޕޯޓްކުރުމަށް މާލެދާ އެންމެންގެ ދަތުރާއި، ސަޕޯޓަރުންގެ ޓީޝާޓް އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރ އަހްމަދު ސަލީމް (ރެޑްވޭވް) ހަމަޖައްސަވައިދެއްވައިފިއެވެ.

ބައެއް މީޑޔާތަކުގައި އޭދަފުށީ ކައުންސިލުން ދަތުރު ހަމަޖެއްސިކަމުގެ ހަބަރުތައް ފެތުރިފައިވަނިކޮށް އެކަން ދޮގުކޮށް ސަލީމް އެހީދެއްވިކަން ޔަގީން ކޮށްދެއްވީ ދަތުރުގެ ކަންކަން ހަމަޖެއްސުމުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު މިއަދު އީވީ އާ ވާހަކަ ދައްކަމުންނެވެ. އޮފިޝަލް ވިދާޅުވީ ދަތުރަށާ، ޓީޝާޓްހެދުމަށް ސަލީމް ނަގުދު -/50000ރ ދެއްވާފައިވާ ކަމަށާ، މިކަމަށް ކައުންސިލުން ބައިރުފިޔާއެއްވެސް ހޭދަކުރަން ނުޖެހޭނެކަމަށެވެ.

“ދަތުރު ކަންކަމާ މިއުޅެނީ ސީދާ އާންމުންގެ ޓާސްކް ފޯހެއް. ކައުންސިލާވެސް ގުޅިގެން މިކަން ރާވަނީ. އެކަމަކު ހުރިހާ ހަރަދެއް ސަލީމްގެ ފަރާތުން ލިބިފައި އޮތީ. އަޅުގަނޑުމެން ދެންނެވި އަދަދަށް ފައިސާ ދެއްވީ ވަގުތުން. މީ ރިއަލިޓީއަކީ”

އޮފިޝަލް ވިދާޅުވީ މާލެދާ ސަޕޯޓަރުންނަށް ހިލޭ ޓިކެޓް ދޫކުރުން މިއަދު މެންދުރުފަހު ކައުންސިލް އިދާރާގައި އޮންނާނެކަމަށާ، ލަސްނުވެ ޓިކެޓް ހޯދުމަށް ކައުންސިލަށް ވަޑައިގަތުން އެދޭކަމަށެވެ.

އޭދަފުށީ ފުޓްބޯޅަ ޓީމަށް މިދިޔަ އަހަރުވެސް ބޮޑެތި އެހީތަކެއް ދެއްވި އެމްޕީ ސަލީމް ވަނީ އޭދަފުށީ ޓީމް ޒޯން ޗެންޕިއަންކަން ހޯދުމާ ގުޅިގެންމިދިޔަމަހު ޓީމްގެ ކުޅުންތެރިންނާ ބައްދަލުކޮށް ޓީމަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައި ޓީމަށް ހިއްވަރުދެއްވާފައެވެ.

އެބައްދަލުވުމުގައި ސަލީމް ވިދާޅުވެފައިވަނީ އޭދަފުށީގެ ފުޓްބޯޅައިގެ ވަސީލަތްތައް ތަރައްޤީ ކުރެއްވުމުގެ ގޮތުން މިހާރު އޭދަފުށީގައި އޮތް ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބޭނުންވާ ކަމަށާ، އަދި ޓާފް އޭނާގެ އަމިއްލަ ހަރަދުގައި ދެއްވަން ނިންމަވާފައިވާކަމުގައެވެ.

މިނިވަން ޗެންޕިއަންޝިޕް ފައިނަލް މެޗްގައި މާދަމާރޭ ގަލޮޅު ދަނޑުގައި ތިމަރަފުއްޓާ ދެކޮޅަށް އޭދަފުށީ ނުކުންނައިރު، ޓީމް އޮތީ ފިޓްކޮށްކަމަށް މެނޭޖަރ އަބްދުލްމަޖީދު ބުނެއެވެ. އޭދަފުށީ ނިޔާމަ ބޯޓާ، އަގޯޓާ ބޯޓް އަދި ބައެއް ލޯންޗްފަހަރުގައި ޓީމުގެ ސަޕޯޓަރުން އޭދަފުށިން މާދަމާ މެންދުރުކުރި ފުރަން ހަމަޖެހިފައިވާއިރު، މިރަށުން އެކަނިވެސް ފައްސަތޭކައެއްހާ ސަޕޯޓަރުން މާލެދަނޭކަމަށް ފަހުގެ ހިސާބުތައް ދައްކައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top