ގައުމީ އަންހެން ޓީމް އަތުން އޭދަފުށި ބަލިވެއްޖެ!

large_162735254130y6Ze.jpg

ގައުމީ އަންހެން ފުޓުބޯޅަ ޓީމުން އިއްޔެ އޭދަފުށްޓާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ//އެފްއޭއެމް

އޭދަފުށީ އަންހެން ފުޓުބޯޅަ ޓީމާ ދެކޮޅަށް ދިވެހި ގައުމީ އަންހެން ޓީމު ކުޅުނު އެކުވެރިކަމުގެ މެޗުން އޭދަފުށި ޓީމް ބަލިވެއްޖެއެވެ.

މިއީ އޭޝިއަން ކަޕް ކޮލިފައިންގައި އަންނަ ސެޕްޓެމްބަރު މަހު ދިވެހި އަންހެން ގައުމީ ޓީމު ކުޅެން ޖެހޭ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު މެޗެކެވެ.

އިއްޔެ ހަވީރު އޭދަފުށީ ޓާފް ދަނޑުގައި ކުޅުނު މިމެޗުން އޭދަފުށި ބަލިވީ 0-3 އަކުންނެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނުނު އިއްޔެގެ މެޗުގައި ފުރަތަމަ ހާފް ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ލަޑެއް ކާމިޔާބު ނުކުރެވި އެވެ. ނަމަވެސް ދެވަނަ ހާފުގައި ގައުމީ ޓީމުގެ ރާނިޔާ އިބްރާހީމް ދެލަނޑު ޖަހައި ލީޑް ނެގިއެވެ. އަނެއް ލަނޑު ޖަހައިދިނީ ފާތިމަތު ތީބާއެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ވިމެންސް އޭޝިއަން ކަޕުގެ ކޮލިފައިންގައި ކުޅުމަށް ގައުމީ އަންހެން ޓީމުން ތައްޔާރުވަމުން އަންނަ އިރު، ޓީމަށް ބޭރު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިފަހުން ވަނީ ބުނެފަ އެވެ. އަދި އެއާ އެކު ބޭރު ގައުމެއްގައި ކޭމްޕެއް ކުރުމަށް ވެސް ނިންމާފައިވާކަމަށް ބައްސާމް ވިދާޅުވި އެވެ.

ބޭރު ކޯޗެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާ އިރު މިވަގުތު އެ ޓީމާއި ހަވާލުވެގެން ހުރީ އެފްއޭއެމްގެ ޓެކްނިކަލް ޑިރެކްޓަރު އަޙްމަދު ޝަރީފް (ޑުންގާ) އެވެ.

މިއީ 2019 ވަނަ އަހަރު ނޭޕާލުގައި އޮތް ސައުތު އޭޝިއަން ގޭމްސްއަށް ފަހު ގައުމީ އަންހެން ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. އެމުބާރާތުގައި ވާދަކޮށް އަންހެން ޓީމުން ވަނީ ބްރޯންޒް މެޑަލް ހޯދައިފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top