އީދު ފާހަގަ ކުރަން ގިނަމީހުން އެއްވެ ހަރަކާތްތައް ނުބާއްވަން އެދެފި

DSCN0674.jpg

ކޮވިޑް-19ގެ މި ހާލަތުގައި ގިނަމީހުން އެއްވެގެން ބާއްވާ ކުޅިވަރު ހަރަކާތްތައް ނުބޭއްވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ.

އެޗްޕީއޭއިން މިރޭ ނެރުނު އެންގުމެއްގައި ވަނީ ކޮވިޑް ފެތުރުމުގެ ހާލަތު ރަގަޅުވަމުން ދިއުމާއެކު ދީފައިވާ ލުއިތައް މި ދަނޑިވަޅުގައި އާންމު ދިރިއުޅުމުގައާއި އެކި އެކި ޚިދުމަތްތައް ހޯދުމާއި ފޯރުކޮށްދިނުމުގައާއި ދަތުރު ފަތުރުކުރުމުގައި ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ވަކިން ޚާއްސަކޮށް ޗުއްޓީ ހޭދަކުރުމަށް ތަންތަނަށް ދަތުރުކުރެއްވުމުގައާއި އީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.

 

މިގޮތުން އެންމެންގެ ރައްކާތެރިކަމަށްޓަކައި ވަކި ފިޔަވަޅުތަކެއް އެޅުމަށް އެޗްޕީއޭއިން އަންގަވައެވެ.

– ވައިގެ މަގުންނާއި ކަނޑު މަގުން ދަތުރުކުރާއިރު، ރަނގަޅަށް މާސްކް އަޅާ، ތިމާއާއި އެއްކޮށް ދިރިއުޅޭ މީހުން (އެއް ބަބުލްގެ މީހުން) ފިޔަވައި އެހެންމީހުންނާ މަދުވެގެން 3 ފޫޓުގެ ގައިދުރުމިން ބެހެއްޓުން.

– މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އާއްމު ތަންތަނުގައި އުޅޭއިރު އަދި އެކި ޚިދުމަތްތައް ހޯދަން ދިއުމުގައި ނޭފަތާއި އަނގަ ރަނގަޅަށް ފޮރުވޭގޮތަށް މާސްކް އެޅުން.

– ގިނަމީހުން އެއްވެގެން ބާއްވާ ހަރަކާތްތައް ނުބޭއްވުން. އީދު ފާހަގަކުރުމަށްވެސް ގިނަ މީހުން އެއްވެ ނޫޅެވޭ ފަދަ ހަރަކާތްތައް އިޚްތިޔާރުކުރުން އަދި އެއް ރަށުން އަނެއް ރަށަށް މީހުން އައިސްގެން ބާއްވާ ހަރަކާތްތައް ނުބޭއްވުން.

– ކުޅިވަރު މުބާރާތްތައް ނުބޭއްވުން. – ކެފޭ ރެސްޓޯރަންޓްތަކާއި، ފިހާރަތަކާއި، ާޕރކްތަކާއި، މައިޒާން ފަދަ ތަންތަން ބޭނުންކުރާއިރު ކަނޑައެޅިފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް އަމަލުކުރުން

– ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިންގެ ލަފާ ހޯދުމާއި ފްލޫ ކްލިނިކަށް ދައްކާ ޓެސްޓުކުރުން. އަދި ޓެސްޓުކުރުމަށް ސުންކުލް ނެގުމަށްފަހު ނަތީޖާ ލިބެންދެން ގޭގައި މަޑުކުރުން

– ކަރަންޓީނުގައި ތިބެންޖެހޭ ފަރާތްތަކުން ކަރަންޓީނު އުސޫލު ތަކަށް ފުރިހަމައަށް އަމަލުކުރުން

އެޗްޕީއޭއިން ވަނީ ބަލީގެ އިތުރު ރާޅެއް އައުމުން ދުރުހެލިވުމަށްޓަކައި އެންމެން އެކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ނަސޭހަތްތެރިވެފައެވެ.

އެޗްޕީއޭއިން މިފަދަ އިލްތިމާސްތަކެއްކޮށްފައި ވަނީ އެ ބައްޔަށް ފައްސިވާ އަދަދުތައް ދަށްވުމާއި ގުޅިގެން ވެކްސިން ފުރިހަމަ ކުރި މީހުންނަށް ލުއިތައް ދީފައިވާ ދަނޑިވަޅެއްގައެވެ. އަދި އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަވެސް ދީފައިވާ ދަނޑިވަޅެއްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top