ރަށްރަށުގައި ގެދޮރު ބިނާކުރުމަށް ލޯނު ދޫކުރަނީ!

large_161779465961hqwi.jpg

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް --- ފޮޓޯ: ރައީސް އޮފީސް

ރަށްރަށުގައި ގެދޮރު އިމާރާތްކުރުމަށާއި މަރާމާތު ކުރުމަށް ލޯނު ދޫކުރާގޮތަށް ނިންމަވައި އެކަން ހައުސިން މިނިސްޓްރީން ރޭ އިއުލާނުކޮށްފިއެވެ.

އަލަށް ތައާރަފުކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ލޯނު ދޫކުރާނީ އަމިއްލަ ގޯއްޗެއްގައި އަލަށް ތަނެއް އިމާރާތް ކުރަން ނުވަތަ ހުރި އިމާރާތް މަރާމާތު ކުރުމަށް ނުވަތަ ނުނިމި ހުރި މަސައްކަތެއް ނިންމުމަށާއި ހުރި އިމާރާތަށް ބައެއް އިތުރު ކުރުމަށް ކަމަށް އެމިނިސްޓްރީން ބުންޏެވެ.

މި ސްކީމްގެ ދަށުން ހަތްލައްކަ ރުފިޔާއާ ހަމައަށް 6 އިންސައްތަ އިންޓަރެސްޓްރޭޓުގައި ލޯނު ދޫކުރަން ނިންމަވާފައިވާ އިރު ރަށްރަށުގައި ހަތްލައްކަ ރުފިޔާ އިން ރަނގަޅު ބޯހިޔާވަހި ކަމެއް ފުރިހަމަ ކުރެވޭނެ ކަމަށް މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މި ސްކީމްގެ ދަށުން ލޯނުގެ ގޮތުގައި ދޫކުރާނީ މަޝްރޫއުގެ ޖުމުލަ އަދަދުގެ 80 ޕަސެންޓަށްވާ ފައިސާ އެވެ. އަދި ބާކީ 20 ޕަސެންޓަކީ ލޯނު ނަގާ ފަރާތުގެ ހިއްސާއެކެވެ. އެ 20 ޕަސެންޓަކީ މަޝްރޫއަށް ކޮށްފައިވާ ހަރަދާއި ގަނެފައިވާ ތަކެތި ނުވަތަ ގޯތީގައި ބޭނުންކުރާ އިމާރާތް އަދި ހުސް ބިމެއް ނަމަ، އެ ބިމުގެ ގޮތުގައި ވެސް އަގުކުރެވިދާނެ އެއްޗިއްސެވެ.

ގެދޮރުވެރިޔާ ލޯން ސްކީމް އިފްތިތާހު ކުރުމަށް އޮންލައިންކޮށް ބޭއްވި އިވެންޓުގައި އަސްލަމް ވިދާޅުވީ މި ލޯނު ސްކީމުގެ ދަށުން އަތޮޅުތެރޭގެ ރައްޔިތުންނަށް އަމިއްލަ ރަށުގައި ގެދޮރު އިމާރާތްކޮށް، ވަޒަންވެރިވެ ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

ގެދޮރުވެރިޔާ ލޯނުގެ ޝަރުތު ތަކުގެ ތެރޭގައި ލޯނަށް އެދޭ ފަރާތުގެ ނަމުގައި ބިމެއް ރަޖިސްޓްރީ ކުރެވިފައި އޮތުމާއެކު ބިން ރަޖިސްޓަރީ ކޮށްފައިވާ ރަށުގެ ރައްޔިތަކަށް ވާންޖެހެއެވެ. އަދި ރަށްވެހި ވެފައިވާ ރަށުގައި ލޯނަށް އެދޭފަރާތް ނުވަތަ އާއިލާ ދިރިއުޅުން ބިނާކޮށް އެރަށުގައި ދިރިއުޅޭތާ 3އަހަރު ވާންބޖެހެއެވެ.

ލޯނު ދިނުމުގައި އިސްކަންދެވޭނީ ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކާއި އެކަނި ދަރިން ގޮވައިގެން އުޅޭ ފަރާތްތަކަށެވެ.

މި ލޯން ސްކީމް ހިންގައި، މެނޭޖު ކުރާނީ އެޗްޑީއެފްސީއިންނެވެ. އެހެން ނަމަވެސް ލޯނަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް އެޕްރޫވް ކުރާނީ އެޗްޑީއެފްސީއާއި ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ ގުޅިގެން އެކުލަވާލާ ޖޮއިންޓް ކްރެޑިޓް ކޮމެޓީއަކުންނެވެ.

ގެދޮރުވެރިޔާ ލޯން ސްކީމަށް އެދި އެޕްލިކޭޝަން ހުށަހަޅާނެ ތާރީހާއި ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާއި އިތުރު މައުލޫމާތު އެޗްޑީއެފްސީ މެދުވެރިކޮށް ފަހުން އިއުލާނު ކުރާނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top