ސަތޭކައިންސައްތަ ބޭރުގެ ކުންފުނިތަކަށް ރާއްޖޭގައި އެއާޕޯޓްތައް ހިންގުމުގެ ފުރުސަތު ލިބޭ ގޮތަށް ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް (އެފްޑީއައި)ގެ ޕޮލިސީއަށް ބަދަލު ގެނެސްފި އެވެ.
އެފްޑީއައި ޕޮލިސީއަށް ބަދަލު ގެނެސް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން މިއަދު ގެޒެޓުކޮށްފައިވާ އިސްލާހުގައި ބުނެފައިވާގޮތުން ދިވެހި އެއްވެސް ހިއްސާއެއް ނޯންނަ 100 ޕަސެންޓް ކުންފުނިތަކަށް 50 އަހަރު ދުވަހުގެ މުއްދަތަށް ރާއްޖޭގައި އެއާޕޯޓުތައް އޮޕަރޭޓު ކުރެވޭނެ އެވެ. އެކަން ކުރެވޭނީ ފަސް މިލިއަން ޑޮލަރުގެ އިންވެސްޓްމެންޓަކާއެކު ރާއްޖޭގެ ސަރުކާރުގެ ހުއްދަ ލިބިގެން ކަމަށް ވެސް އެ އިސްލާހުގައި ވަނީ ބުނެފަ އެވެ.
މިއަދު ގެޒެޓުކުރި އިސްލާހުގައި ވާގޮތުން ފްރެއިޓް ސާވިސް ނުހިމެނޭހެން ރާއްޖޭގައި އެއާ ޓްރާންސްޕޯޓުގެ ހިދުމަތްތައް ދިނުމަށް ބޭރުގެ 100 ޕަސެންޓު ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ އެވެ.
މީގެ އިތުރުން އެއާޕޯޓު ހިންގުމާއި އޮޕަރޭޓު ކުރުން (ޓާމިނަލް ފެސިލިޓީސް ހިމެނޭހެން)، އެއާޕޯޓު އަދި އެއާޓްރެފިކް ކޮންޓްރޯލު މަސައްކަތް އަދި ގްރައުންޑް ސާވިސް ހިދުމަތް ދިނުމަށްވެސް 100 ޕަސެންޓު ބޭރުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރެވޭނެ ކަމަށް އިސްލާހުގައި ބުނެފައި ވެއެވެ.
އެފަދަ އިންވެސްޓުމެންޓުތަކުން މިނިމަން އިނިޝަލް އިންވެސްޓްމެންޓުގެ ގޮތުގައި ފަސް އަހަރަށް މަދުވެގެން ފަސް މިލިއަން ޑޮލަރު އިންވެސްޓު ކުރަން ޖެހެެއެވެ. އަދި ސަރުކާރުން ހުއްދަ ދިނުމުން އެފަދަ ވިޔަފާރިތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމުގެ ފުރުސަތު ގިނަވެގެން 50 އަަހަރަށް ލިބޭނެ އެވެ.
މި އިސްލާހަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާފައިވާއިރު ހަނިމާދޫގައި ތަރައްގީކުރާ އެއާޕޯޓު ހިންގުން އިންޑިއާގެ ކުންފުންޏަކާ ހަވާލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައިވެ އެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން ސަރުކާރުން ވަކި އެއްޗެއް ނުބުނެ އެވެ.
މިސަރުކާރު އައިސް އިންޑިއާގެ ގިނަ ކުންފުނިތަކަށް ގިނަ މަޝްރޫއުތަކެއް ހަވާލުކުރަމުން އަންނަކަން ފާހަގަކުރާއިރު ސަރުކާރާއި އިންޑިއާ ދެމެދު އަޑި ނޭނގޭ އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.
އިކޮނޮމިކް މިނިސްޓްރީން ފޮރިން ޑައިރެކްޓް އިންވެސްޓްމެންޓް ޕޮލިސީއަށް ބަދަލު ގެނައިއިރު، ސަރުކާރުގެ ކުންފުނިތަކެއް ޕްރައިވެޓައިޒް ކޮށްގެން ދެ ބިލިއަން ރުފިޔާ ހޯދަން ދައުލަތުގެ ބަޖެޓްގައި ވަނީ ހިމަނާފަ އެވެ. އެކަމާ ގުޅިގެންވެސް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.