އޭދަފުށި މޮނިޓަރިން ނެގުމަށް ރެންޑަމް 350 ސާމްޕަލް ބޭނުންވޭ– ހޮސްޕިޓަލް މެނޭޖަރު

DSCN8885.jpg

ކޮވިޑް-19ގެ ސަބަބުން މިވަގުތު މޮނިޓަރިންގ ހާލަތުގައި އޮތް އޭދަފުށި، އާންމު ހާލަތަށް ބަދަލުކުރުމަށްޓަކައި މިހަފްތާ ތެރޭގައި ރަށުގެ އާންމުންގެ ތެރެއިން ވަކި ތަރުތީބެއް ނެތި ތިންސަތޭކަ ފަންސާހެއްހާ ސާމްޕަލް ބޭނުންވާކަމަށް ބ. އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ. 

ބ. އަތޮޅުގެ ކޮވިޑް ހާލަތާ ގުޅޭގޮތުން އީވީން މިއަދު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން މެނޭޖަރު މުހައްމަދު ރަޝީދު ވިދާޅުވީ އޭދަފުށީގެ ހާލަތު ދެނެގަތުމަށްޓަކައި ހޮނިހިރު ދުވަހުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ރެންޑަން ސާމްޕަލް ނެގުން ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި ފާއިތުވި ދެދުވަހު ރަށުތެރެއިން 124 ރޭންޑަމް ސާމްޕަލް ނަގާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ ސާމްޕަލް ދިނުމުގައި ރައްޔިތުންގެ އެއްބާރުލުން އެކަށީގެންވާ ގޮތެއްގައި ލިބެމުންދާކަމަށާ، އެހެންކަމުން  ޓާގެޓަށް މަސައްކަތް ނިންމާލުމުގެ ފުރުސަތު ބޮޑުކަމަށެވެ. 

“ކުރިން ސާމްޕަލް ދިނުމުގައި ބައެއް މީހުންގެ އެއްބާރުލުން ނުލިބޭ. އެހެންނަމަވެސް މިފަހުން ފެށި މަސައްކަތް އަދި ފެންނަނީ ވަރަށް ކާމިޔާބުކޮށް. ބުރާސްފަތި ދުވަހާ ހަމައަށް މަދުވެގެން ތިންސަތޭކަ ފަސްސާސް ސާމްޕަލް ބޭނުންވާނެ. އެ ސާމްޕަލް ތަކުގެ ތެރެއިން ފަސް ޕަސެންޓަށްވުރެ ދަށުން ޕޮޒިޓިވް ކޭސް ހުރިނަމަ މޮނިޓަރިން އުވާލެވޭނެ. މަތިވެއްޖެނަމަ މޮނިޓަރިން ދެމިއޮންނާނެ.” ރަޝީދު ވިދާޅުވިއެވެ. 

ރަޝީދު ވިދާޅުވީ އޭދަފުށީގެ ހާލަތު މިދިޔަ ދެހަފްތާއަށް ބަލާއިރު ކޮވިޑް ކޮންޓްރޯލް ކުރެވިފައިވާކަމަށާ، މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބުނު ކަމަށެވެ. އޭނާ ވިދާޅުވީ މޮނިޓަރިން އުވާލިކަމުގައި ވިޔަސް ފިޔަވަޅުތަކުގެ މަތީގައި ރައްޔިތުން ތިއްބެވުމަކީ މުހިއްމު ކަމެއްކަމަށެވެ. 

“ކޮވިޑް ފެތުރުނު އެހެން ބޮޑެތި ރައްރަށާ އަޅާބަލާއިރު އޭދަފުށި ވަރަށް ރަނގަޅު ކަމުގައި ދަންނަވަންޖެހެނީ. މިހާރު މިއޮތީ ގާތްގަނޑަކަށް ކޮންޓްރޯލް ކުރެވިފަ. އެހެންވީ ރައްޔިތުން ދެއްވި އެއްބާރުލެއްވުމުގެ ސަބަބުން. ހަމައެގޮތަށް މިއަތޮޅު ތުޅާދޫ އާއި ކެންދޫވެސް ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފަ އޮތީ. އެއީ ހަމަ ރައްޔިތުން ކިޔަމަންތެރިކަމުގެ ސަބަބުންނޭ ދަންނަވާނީ.”

މިދިޔަ އޭޕްރީލް މަހުގެ 19 ވަނަ ދުވަހު އޭދަފުށިން ކޮވިޑް ބަލީގެ މީހަކު ފެނުމާއި ގުޅިގެން މިހާތަނަށް އޭދަފުށިން ކޮވިޑަށް ޓެސްޓް ކުރުމަށް 2354 ސާމްޕަލް ނަގާފައިވެއެވެ. އޭގެތެރެއިން 287 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އިއްޔެއާ ހަމައަށް އޭދަފުށީގައި މިވަގުތު ބަލިން ރަނގަޅު ނުވެ ތިބީ 26 މީހެކެވެ. މި އާލަމީ ވަބާގައި އޭދަފުށިން މިހާތަނަށް މަރުވީ 3 މީހުންނެވެ. 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top