ލޮޓަސް ފިހާރައާއި ޖަމިއްޔަތުލްވަފާ ގުޅިގެން އޭދަފުށީ ރައްޔިތުންނަށް ސެނިޓައިޒާ ހަދިޔާ ކޮށްފި

IMGwwww5.jpg

މާލޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، އަހުމަދުއާރިފް (އާއްޓޭ )ގެ ލޮޓަސް ފިހާރައާއި އޭދަފުށީ ޖަމިއްޔަތުލް ވަފާ ގުޅިގެން އޭދަފުށީގެ ރައްޔިތުންނަށް ސެނިޒައިޒާ ފުޅި ހަދިޔާ ކޮށްފިއެވެ.

މިކަން އިފްތިތާހު ކުރުމުގެ ގޮތުން މިއަދު ހަވީރު ވަފާ ޖަމިއްޔާގެ އިދާރާގައި ވަނީ ”ޖަމިއްޔަތުލްވަފާ އާއި ލޮޓަސް ފިހާރަ ގުޅިގެން އޭދަފުށީ ރައްޔިތުންނަށް ވެދެއްވާ ޚާއްސަ އެހީ “ ގެ ނަމުގައި އިފްތިތާހީ ޖަލްސާއެއް ބާއްވާފަ އެވެ.

މި ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވީ ވަފާ ޖަމިއްޔާގެ ރައީސް އަހުމަދު އަންވަރުގެ އެދިވަޑައިގަތުމަށް އޭދަފުށީ ކައުންސިލުގެ ރައީސް މުހައްމަދު ފާތިހެވެ.

އޭދަފުށީ ކައުންސިލް މެންބަރުންނާއި އަތޮޅު ހޮސްޕިޓަލުގެ ބައެއް ވެރިންނާއި ވަފާ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ ބައެއް މެންބަރުންވެސް ބައިވެރިވި މި ޖަލްސާގައި ވަފާ ޖަމިއްޔާގެ ރައީސް އަހްމަދު އަންވަރު ވާހަކަ ދައްކަވަމުން ވިދާޅުވީ ވަފާ ޖަމިއްޔާއާއި ލޮޓަސް ފިހާރަ ގުޅިގެން އޭދަފުށީ ރައްޔިތުންނަށް ސެނިޓައިޒާ ފަދަ މި ވަގުތާ ހާލަތަށް އެންމެ އެކަށީގެންވާ އެއްޗެއް ހަދިޔާ ކުރުމުގެ ފުރުސަތު ލިބުމަކީ ވަރަށް އުފާކުރާ ކަމެއްކަމަށެވެ.

އަންވަރު ވިދާޅުވީ ކޮރޯނާ ގެ ސަބަބުން އޭދަފުށީ ބަންދުވެފައިވާ މި ދަނޑިވަޅުގައި މި ޖަމިއްޔާއިން އޭދަފުށީ ރައްޔިތުންނަށް ވެދެވޭނީ ކޮން ކަހަލަ އެހީތެރިކަމެއްތޯ ބެލި ކަމަށެވެ.

”ޖަމިއްޔާގެ ހިންގާ ކޮމިޓީގައި މި ކަމާބެހޭގޮތުން ކުރެވުނު މަޝްވަރާއިން ނިންމީ ރައްޔިތުންނަށް މިވަގުތު އެންމެ ބޭނުން ބޮޑުވާނީ ސެނެޓައިޒާ ކަމަށް. އެހެންވީމާ ފުރަތަމަ ގުޅީ މި ޖަމިއްޔާއާއި ވަރަށް ގާތް ގުޅުުމެއް އޮންނަ، އަހުމަދު އާރިފް (އާއްޓޭ) އަށް. އެކަމަށް އޭނާ ވަރަށް އުފަލުން ވަގުތުން އެއްބަސްވެ ލެއްވި.”

އަންވަރު ވިދާޅުވީ އާއްޓޭ ހުންނެވީ މިފަދަ ފުރުސަތަކަށް އެދިގެން ކަމަށާ އެހީގެ ކަންތައް އަވަސްކުރުމަށް އޭނާ އެދިވަޑައިގެންނެވި ކަމަށެވެ.

”އާއްޓޭ ވިދާޅުވީ ހަމަ މިހާރުވެސް ޝިޕްމެންޓް ހުރީ ރެޑީވެފައޭ. އެކަމަކު އެއީ މީގެ ދެ ހަފްތާ ވަރު ކުރިން ކަމަށް ވާތީ އެއީ ރާއްޖޭގެ މޫސުން އެންމެ ގޯސް ދުވަސްވަރު ކަމަށް ވީތީ ދަތުރު ފަތުރު ކުރުމުގައި ދިމާވި ލަސްވުމަކުން މިހިސާބަށް ލަސްވެގެން ދިޔައީ.” އަންވަރު ވިދާޅުވިއެވެ.

މިފަދަ ހައްސާސް ދަނޑިވަޅެއްގައި އެަދފުށީ ރައްޔިތުންނަށް އާއްޓޭ ވެދެއްވި އެހީތެރިކަން ފާހަގަކޮށް އަންވަރު ވަނީ އޭނާގެ އަމިއްލަ ނަމުގައާއި ވަފާ ޖަމިއްޔާގެ ނަމުގައި އަދި އޭދަފުށީ ރައްޔިތުންގެ ނަމުގައި އާއްޓޭ އަށް ޝުކުރު އަދާ ކުރައްވާފައެވެ.

އަންވަރު ވިދާޅުވީ އާއްޓޭގެ މިފަދަ އެހީތައް ވެދެއްވަމުން ގެންދަވަނީ ހަމައެކަނި އޭދަފުއްޓަށް ނޫންކަމަށާއި މުޅިރާއްޖެއަށް ވެސް އެހީތެރިވެ ދެއްވަމުން ކަމަށެވެ. އެހެންކަމުން އާއްޓޭފަދަ ދީލަތީ މީހުންނަކީ ރާއްޖޭގެ ބޮޑެތި ވިޔަފާރިވެރިންގެތެރޭގައި މަދު ބައެއްކަން ފާހަގަކުރައްވައި އާއްޓޭގެ ވިޔަފާރި ކުރިއެރުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ވަފާއާއި ލޮޓަސްފިހާރަ ގުޅިގެން އޭދަފުށީގެ ކޮންމެ ގެއަކަށް ހަދިޔާ ކުރުމަށް ނިންމާފައިވަނީ ޖީބަށް ވެސް ލެވޭ 50އެމްއެލްގެ ސެނިޓައިޒާ ފުޅިއެވެ. އަދި އޮފީސްތަކަށް 500މލ ގެ ފުޅިއެވެ.

ގޭގެއަށާ ސަރުކާރުގެ މުވައްސަސާތަކަށް ހަދިޔާ ކުރާނެ ފުޅީގެ އަދަދު ހާމަ ނުކުރައްވައި އަންވަރު ވިދާޅުވީ ކޮންމެ ގެއަކަށް އަދި ކޮންމެ މުވައްސަސާ އަކަށްވެސް ފުދޭ ވަރެއްގެ އަދަދެއްގެ ފުޅި ހަދިޔާ ކުރައްވާނެ ކަމަށެވެ.

މީގެ އިތުރުން މިސްކިތްތަކުން މެދު ނުކެނޑި ސެނިޓައިޒާއިން އަތްދޮވުމުގެ އިންތިޒާމުވެސް މެދު ނުކެނޑި ހަމަޖައްސަވައި ދެއްވުމާއެކު ޑިސްއިންފެކެޓް ކުރަންވެސް ނިންމާފައިވާ ކަމަށް އަންވަރު ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top