މަލީހު މަގާމުން ވަކިކުރުމުގެ މަސައްކަތް އެމްޑީޕީ އިން ފަށައިފި

b_QLIs2C6GzWhCX5SMbmAonMojO.jpg

ޓެކްނޮލޮޖީ މިނިސްޓަރު މަލީހް ޖަމާލް --- ވަން ފޮޓޯ: މުހައްމަދު އައުޒަމް

މިނިސްޓަ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ، މުހައްމަދު މަލީހު ޖަމާލް މަގާމުން ވަކި ކުރުމުގެ މަސައްކަތް އެމްޑީޕީ އިން ފަށައިފިއެވެ.

މި މައްސަލަ މަޖިލީހަށް ވެއްދުމަށްޓަކައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅުއްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅުދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާއި އިތުރު 9 މެމްބަރުންގެ ސޮޔާއެކު އެވެ.

މިކަމާގުޅިގެން މީކާއިލް ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ، މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެއްދުމަށް މެމްބަރުން ސޮއިކޮށްފައިވާ ލިސްޓުވެސް އާއްމު ކުރައްވާފައެވެ.

މި މައްސަލައިގައި ބުނެފައިވަނީ ޓެލެކޮމިއުނިކޭޝަންސްގެ ގާނޫނުން މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ އިދާރާތަކަށް ކުރުމަށް ލާޒިމުކުރާ ކަންތައްތަކަށް ރިއާޔަތްކޮށް ބަލާއިރު، އެ ގާނޫނުގެ ދަށުން ކޮމިއުނިކޭޝަންސް އޮތޯރިޓީން ހަދަންޖެހޭ އެއްވެސް ގަވާއިދެއް މަގާމުގައި ހުންނަވާތާ ދެ އަހަރުވީއިރުވެސް މިނިސްޓަރު މަލީހު ހަދާފައިނުވާކަން ސާފުކޮށް އެނގޭ ކަމަށާއި މިކަމުގައި ޖަވާބުދާރީވުމަކީ މުއާސަލާތީ ހިދުމަތްތައް ތަންޒީމުކޮށް ހިންގުމުގެ މަސްއޫލިއްޔަތު އެއިރެއްގައި ހަވާލުކޮށްފައިވާ ވުޒާރާއެއްގެ ވަޒީރުގެ ޒިންމާއެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

“އަދި ޤާނޫނުގައި ބުނެވިދިޔަ ޤަވާއިދުތައް ހެދުމަށް މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި މުވައްޒަފުން ކުރެއްވި މަސައްކަތަށް ވަޒީރުންގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ދެއްވާފައިނުވާކަމާއި، އަދި އެކަމަށް ހުރަސް އަޅުއްވާފައިވާކަން ސާފުވާތީ؛ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުގައި މުހައްމަދު މަލީހް ޖަމާލް އިތުރަށް ބެހެއްޓުމަކީ މި ޕާޓީގެ އިތުބާރުއޮތް ކަމަކަށް ނުވާތީއާއި، ގިނަ ރައްޔިތުންތަކެއް އޭނާ މަގާމުން ވަކިކުރުމަށް ކެނޑިނޭޅި އެދެމުންދާތީ މިނިސްޓަރ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މަގާމުން އޭނާ ވަކިކުރުމަށް ހުށަހެޅީމެވެ.” ދިހަ މެމްބަރުންގެ ސޮޔާއެކު އެމްޑީޕީ ޕީޖީ ގްރޫމަށް ހުށަހެޅި މައްސަލައިގައި ވެއެވެ.

އެމްޑީޕީން މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައި އެމަނިކުފާނު މަޤާމުން ދުރުކުރުމުގެ މަސައްކަތް ފަށާފައި މިވަނީ، އެމަނިކުފާނު ދެއްވި އިންޓަވިއުއެއްގައި ރައްޔިތުންގެ މަޖިލީހުގެ ކަންކަން ހިނގާ ގޮތާއި އަދި މަޖިލީހުގެ މެމްބަރުންނަށް ފާޑުކިޔުން އަމާޒުކުރައްވައި ވާހަކަފުޅު ދައްކަވާފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި މިނިސްޓަރ މަލީހުއާއި މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެހެންކަމުން ރައްޔިތުން އެދޭތީކަމަށް ބުނެ، މަލީހު މަގާމުން ވަކިކުރުމަށް ކުއްލި ގޮތަކަށް އެމްޑީޕީން މަސައްކަތް ފަށާފައިވަނީ ޕާޓީގެ ބައެއް މީހުންގެ ނުރުހުންވުން ތަކާއި ގުޅިގެން ކަމަށް ބެލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top