ކުނި އުކުމުގެ ޕްރޮޖެކްޓުގެ ގެއްލުން ވަރަށް ބޮޑަށް ކުޑަވެއްޖެ. ޓާގެޓަކީ ފައިދާވުން – އޭދަފުށި ކައުންސިލް

20160904_120531-800x450-800x450.jpg

އޭދަފުށީގެ ކުނި މެނޭޖްކުރުމަށް އޭދަފުށީ ކައުންސިލުން ހިންގާ ޕްރޮޖެކްޓުން މިދިޔައަހަރުގެ ފަހު ހަ މަސްދުވަހު ލިބުނު ގެއްލުން، ކުރީ ހަމަސްދުވަހަށްވުރެ ވަރަށްބޮޑުތަން ކުޑަވެއްޖެއެވެ.

މިޕްރޮޖެކްޓުން 2017 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހު ގެއްލުންވީ -/387،043 ރުފިޔާއެވެ. ނަމަވެސް އީވީއަށް ކައުންސިލުން މައުލޫމާތު ދިންގޮތުގައި އެއަހަރުގެ ފަހު ހަމަސްދުވަހު ގެއްލުންވެފައިވަނީ -/84032 ރުފިޔާއެވެ. މިއީ ފުރަތަމަ ހަމަސްދުވަހުގެ ގެއްލުމާ އަޅާބަލާއިރު 3 ލައްކަރުފިޔާ އަށްވުރެ ބޮޑު ކުރިއެރުމެކެވެ.

އޭދަފުށި ކައުންސިލްގެ ފަރާތުން ރަށުގެ ގޭގޭގައި އުފެދޭ ކުނި ، ކުނިކޮށްޓަށް ގެންދިއުމަަށް ގެއަކުން 100ރުފިޔާގެ އަގަށް މިމަސައްކަތް ފެށީ 2016 ވަނަ އަހަރު ފަހުކޮޅުއެވެ. އެއަހަރު ފަހު 3 މަހުގެ ގެއްލުންވެސް -/250000ރ އަށްވުރެ ބޮޑެވެ.

2017ވަނަ އަހަރުގެ ފަހު ހަމަސްދުވަހުގެ ގެއްލުން ކުޑަވެފައިވަނީ އެ ހަމަސްދުވަހު ޕިކަޕް ކުއްޔަށް ހަރަދުވިވަރު، ކުރީ ހަމަސްދުވަހަށްވުރެ ވަރަށް ބޮޑުތަން ކުޑަވެފައިވާތީކަމަށް ކައުންސިލްގެ ހިސާބުތަކުން ދައްކައެވެ. ފަހު ހަމަސްދުވަހު ޕިކަޕް ހަރަދަށް -/104100ރ ހަރަދު ކުރިއިރު، ފުރަތަމަ ހަމަހު ޕިކަޕް ހަރަދަށް ހަތަރުލައްކަ އަށްވުރެ ބޮޑު ހަރަދެއް ކޮށްފައިވެއެވެ. ފަހު ހަމަހު މުވައްޒަފުންގެ މުސާރައާއި، އެލަވަންސް އިންވެސް ފުރަތަމަ ހަމަހާ އަޅާ ބަލާއިރު އަށްޑިހަހާހަށްވުރެ ގިނަ ރުފިޔާ ހަރަދު ކުޑަކަން ފާހަގަ ކުރެވެއެވެ.

އޭދަފުށީ ކުނި ޕްރޮޖެކްޓްގެ ގެއްލުން ވަރަށްބޮޑަށް ދަށްކުރެވިފައި މިވަނީ އޭދަފުށީ ކައުންސިލް 3ވަނަ ދައުރަކަށް އިންތިހާބުވެ ހުވާކުރުމަށްފަހު، އޭދަފުށީ ކުނި ޕްރޮޖެކްޓް ރިވިއުކޮށް ގެއްލުން ކުޑަކުރާނެކަމަށް އާކައުންސިލްގެ ރައީސް ތޮލާލް އަބްދުއްރަހްމާން މިދިޔަ ޖޫންމަހު ވިދާޅުވެފައިވެސް ވަނިކޮށެވެ.

ފަހު ހަމަސްދުވަހުގެ ހިސާބުތަކަށްފަހު އީވީއާ ވާހަކަ ދައްކަވަމުން ތޮލާލް ވިދާޅުވީ ގެއްލުން ކުޑަކުރެވިފައިވަނީ ކައުންސިލުން ވިސްނުންތެރިކަމާއެކު އެޅި ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. އޭނާ ވިދާޅުވީ މިޕްރޮޖެކްޓުން އޭދަފުށީ ކައުންސިލަށް ފައިދާ ނެރެވިދާނެކަމުގެ އުއްމީދު މިހާރު ބޮޑުކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައި ޓާގެޓް ކުރަނީ ކުނި ޕްރޮޖެކްޓުން ފައިދާ ހޯދުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ވަރަށްބޮޑަށް މިސް މެނޭޖްކުރެވިފައި ހުރެގެން ހަގީގަތުގައި ކުރިން ބޮޑެތި ގެއްލުންތައް ވަމުން އައީ، މިސާލަކަށް ޕިކަޕް ހަރަދު ކުރިން އެހާ ބޮޑުވީ ވަރަށް ބޮޑުއަގުގައި ޕިކަޕްތައް ކުއްޔަށް ހިފާފައި ހުރުމުން. އަނެއްކޮޅުން މުވައްޒަފުންވެސް އަޅުގަނޑުމެން މަދުކޮށްލައިގެން މިހާރު މެނޭޖްކުރެވޭތޯ ބަލަމުން މިދަނީ. ނަތީޖާއެއްގެ ގޮތުން ގެއްލުން މިހާރުމިއޮތީ ވަރަށްބޮޑަށް ކުޑަވެފައި . ޓާގެޓަކީ ކުރިޔަށް އޮތްތަނުގައި ފައިދާވާ ޕްރޮޖެކްޓަކަށް މިޕްރޮޖެކްޓް ހެދުން” ތޮލާލް ވިދާޅުވިއެވެ.

ތިންހާހަށްވުރެ ބޮޑު އާބާދީއެއް އޮތް އަތޮޅު ވެރިކަންކުރާ އޭދަފުށީގައި ކުނީގެ މައްސަލައަކީ ފަހަކަށް އައިސް ހައްލުކުރުމަށް ދަތިވެފައިވާ މައްސަލައެކެވެ. ކުނި މެނޭޖްކުރުމުގެ މަސައްކަތް 2016ވަނަ އަހަރު އޭދަފުށީ ކައުންސިލުން ފެށިނަމަވެސް ދޭތެރެދޭތެރެއިން އޭދަފުށީ ކުނިކޮށި ތަޣައްޔަރުވެ ތަފާތު މައްސަލަތައް ފެންމަތިވަމުންދެއެވެ. އޭދަފުށީ ކައުންސިލުން ބުނަނީ ކުނި މެނޭޖް ކުރުމުގައި ކައުންސިލުން އެދޭފަދަ ހައްލެއް ލިބޭނީ އާންމު ރައްޔިތުންގެ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ލިބިގެންކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top