ކޮވިޑް-19ގެ ހާލަތު އެންމެ ގޯސް 5 ރަށުގެތެރޭގައި އޭދަފުށި ހިމެނި އޭދަފުށީގައި ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ނިންމައިފިއެވެ.
އޭދަފުށީގެ އިތުރުން ކާފިއު ހިންގަން ނިންމާފައިވާ ރަށްރަށަކީ ޅ.ނައިފަރާއި ކ.މާފުއްޓާއި އއ.މަތިވެރި އަދި އއ.އުކުޅަހެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ރޭ ނެރުއްވާފައިވާ އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ޅ.ނައިފަރާއި ކ.މާފުއްޓާއި އއ.މަތިވެރި އަދި އއ. އުކުޅަހާއި ބ.އޭދަފުށީގައި ކާފިއު ހިންގަން ނިންމާފައިވާ ކަމަށެވެ. އެ ރަށްރަށުގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގާނެއެވެ.
ކާފިއު އިއުލާނު ކުރުމާއެކު މި ރަށްރަށުގައި ޕާޓީތަކާއި، ހަފުލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލަން އެންގުމުގެ އިތުރުން އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ވެސް ވަނީ ހުއްޓާލަން އެޗްޕީއޭއިން އަންގައިފަ އެވެ. ނަމަވެސް ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިއުން ނުހިމެނޭނެ އެވެ.
ސެލޫންތަކާއި ބޯކޮށާތަންތަނާއި ޖިމްތައް ބަންދުކުރުމަށާއި ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައްވެސް މެދުކަނޑާލަން ވަނީ އަންގާފައެވެ.
ހަމަ މިއާއެކު ފިހާރަތަކުން ޚިދުމަތްދޭ އިރު އެޗްޕީއޭ އިން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތައް ހުޅުވައިގެން ޚިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ. އެހެންނަމަވެސް އެތަންތަނުން ޑެލިވަރީގެ ޚިދުމަތް ދެވޭނެ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރޭ 11 އާ ހަމައަށް އޭދަފުށިން ވަނީ 174 މީހުން ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފައެވެ.
އެޗްޕީއޭއިން ފަސް ރަށެއްގައި ކާފިއު އިއުލާންކޮށްފައި މިވަނީ އަތޮޅުތެރޭގެ ކޭސްތައް 100އިން މަތިވުމާއި އަތޮޅުތެރެ ހިމެނޭ ގޮތައް ބުރާސްފަތި ދުވަހު އެކަނިވެސް ހަ މީހުން މަރުވެ މިހާތަނަށް މަރުވި މީހުންގެ އަދަދު 79 އަކަށް އަރާފައިވަނިކޮށެވެ.