ދަރަވަންދޫ ސައީދު މޫސާ ނިޔާވެއްޖެ!

DSCN2963-1.jpg

އަލްމަރްހޫމް ސައީދު މޫސާ، އުމުރުން 85 އަހަރުގައި ---އީވީ ފޮޓޯ .

ދިވެހި ދައުލަތަށާ ބ.އަތޮޅަށް މެދު ނުކެނޑި 54 އަހަރު ޚިދުމަތް ކުރެއްވި ބ.ދަރަވަންދޫ ކަށިމާގޭ ސައީދު މޫސާ ނިޔާވެއްޖެއެވެ.

އުމުރުން 87 އަހަރުގައި ސައީދު ނިޔާވީ ހާލު މާބޮޑަށް ދަށަށް ފެށުމުން ދަރަވަންދޫން އޭދަފުއްޓަށް ގެނެސް ބ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭގެ އިރާކޮޅު އެވެ.

އަލްމަރުހޫމް ސައީދު މޫސާ، ސަރުކާރަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ އުމުރުން އެންމެ 15 އަހަރުގައެވެ. ފުރަތަމަ އަދާކުރެއްވިީ ދަރަވަންދޫގައި އޭރުހުރި ބ.އަތޮޅު އޮފީހުގެ ކާތިބު ކަމުގެ ވަޒީފާއެވެ.

“އެއަށްފަހު މާލެ ބަދަލުވީ. ސަރުކާރުގެ ޗާޕްޚާނާއިން ފެށީ. އެތަނުން މަހުކަމަތުލް އިރުޝާދަށް. ދެން ވުޒާރަތުއްދާޚިލިއްޔާ އަށް. މާލެއިން އެނބުރި އައީ އަތޮޅު ކޮމިޓީ އޮފީސްތައް އުފެއްދުމުން.” 2019 ވަނަ އަހަރު އީވީއަށް ދިން ބަސްދީގަތުމެއްގައި ސައީދު ވިދާޅުވިއެވެ.

އަތޮޅު ކޮމިޓީ އޮފީހުގައި ހަތް ދައުރު ނުވަތަ 14 އަހަރު މަސައްކަތް ކުރުމަށްފަހު އެއޮފީސް އުވާލުމުން ސައީދު ދެން ބަދަލުވީ ބ.އަތޮޅު އޮފީހުގެ ރޭޑިއޯ ޓެލެފޯނު އޮޕަރޭޓަރެއްގެ ވަޒީފާއަށެވެ.

“މި ޕްރޮޖެކްޓް ފަށަށް އެހެން އަތޮޅުތަކަށް މާލެއިން މީހުން ފޮނުވީ. އެހެންނަމަވެސް ބ.އަތޮޅުގައި އެމަސައްކަތްކުރީ އަޅުގަނޑު. އެންޓަނާ ޖަހައި އޭރިޔާ ގުޅާ ޕްރޮޖެކްޓްގެ ހަމަހުރިހާކަމެއް ކުރީ އަމިއްލައަށް.” ސައީދު ކުރިން ވިދާޅުވެފައި ވެއެވެ.

ސައީދުވަނީ ބ.އަތޮޅު އޮފީސް 6 ފަހަރު ހިންގަވައި 1968 ގައި އޭދަފުއްޓަށް 3 ރަށުގެ މީހުން (މާއްޑޫ، ފުނަދޫ، އުނޑޫދޫ) ބަދަލު ކުރުމުގެ މަސައްކަތުގައިވެސް އިދާރީ ގޮތުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވާފައެވެ.

ދަރަވަންދޫ ކަތީބުކަމާއި ބ.އަތޮޅު މަދަރުސާގެ ނާޒިރު ކަމުގެ މަގާމަކީވެސް ސައީދު އަދާކުރައްވާފައިވާ ވަޒީފާތަކުގެ ލިސްޓަށް އިތުރު ކުރަންޖެހޭ މުހިއްމު ދެ ވަޒީފާއެވެ.

ސައީދަކީ ތާނަ ލިއުމުގައި އަރާ ހުންނެވި އުސްތާޒެކެވެ. އެ ފަންނުގައި އޭނާ ކުރިއަރާފައިވާ ކަމުގެ ހެއްކަކީ ސަރުކާރުގެ ޗާޕްޚާނާގައި މަސައްކަތް ކުރެއްވި ދުވަސްވަރު ލިޔެފައިވާ ލިއުއްވުން ތަކާއި އޭގެ ފަހުން ޕާޓް ޓައިމަށް ނޮވެލްޓީ ޕްރެސް ގައި ވެސް ލިއުންތެރިއެއްގެ ގޮތުން މަސައްކަތް ކުރައްވާފައި ވުމެވެ. ނޮވެލްޓީ އިން އެދުވަސްވަރު ޗާޕްކޮށްފައިވާ ބައެއް ފޮތްތައްވެސް ސައީދު ވަނީ ލިއުއްވާފައެވެ.

އަބަދުވެސް ހުދު ގަމީހުގައި ވަރަށް ނަލަކޮށް ހުންނަވާ އެންމެންނާވެސް ގުޅިގެން ވަރަށް އެކުވެރިކަމާއެކު އުމުރުގެ އެންމެ ފަހު ވަގުތާހަމައަށްވެސް އުޅުއްވި މި އަގުހުރި ޚިދުމަތްތެރިޔާ، ވަކިވެގެން ދެމިއޮތުމުގެ އާލަމަށް ދަތުރު ކުރުމަކީ ބ.އަތޮޅަށް ލިބުނު ފުން ހިތާމައެކެވެ. ޚާއްސަކޮށް ސައީދުގެ އާއިލާއަށެވެ. ”އީވީ”ގެ ވެސް ޚާއްސަ އެކުވެރިއެކެވެ. ހިތާމަވެރި މި ދަނޑިވަޅުގައި ”އޭދަފުށި ވޮއިސް” ބައިވެރިވެ އާއިލާއަށް ތައުޒިޔާ ކިޔަމުއެވެ. ސައީދުއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށިއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top